ރިޕަބްލިކް އޮފް ޕެނެމާއިން ފުރަތަމަ ފަހަރަށް ރާއްޖެއަށް ސަފީރަކު އައްޔަންކޮށްފިއެވެ.
ޕެނަމާއިން ރާއްޖެއަށް ކަނޑައާފައިވާ ސަފީރުކަމަށް އައްޔަންކޮށްފައިވަނީ އިސްޓެލް ޕަތީނޯ ދޭ ވިލްޔާރެއާލް އެވެ. އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވާފައެވެ.
ފަތްކޮޅު އެރުވުމަށްފަހު، ޕެނަމާގެ އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވަނީ މިއީ ޕެނަމާ ސަރުކާރުން ރާއްޖެއަށް ސަފީރަކު ކަނޑައެޅުއްވި ފުރަތަމަ ފަހަރުކަން ހާމަކުރައްވައި އެކަމަނާ ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން އެކަމަށްޓަކައި އެކަމަނާއަށް މަރުޙަބާ ވިދާޅުވެފައެވެ.
މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާއާއި ޕެނަމާގެ އައު ސަފީރު ވަނީ ދެޤައުމުން ވެސް ޝައުޤުވެރިވާ ދާއިރާތަކުން މަޝްވަރާކުރައްވާފައެވެ. މިގޮތުން، މަލްޓިލެޓަރަލިޒަމްއާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމާ ގުޅޭގޮތުންނާއި، މޫސުމީ ބަދަލުތަކާއި ގުޅޭގޮތުންނާއި، ޑިމޮކްރަސީއާއި، ކައުންޓަރ ޓެރަރިޒަމްގެ އިތުރުން ބައިނަލްއަޤްވާމީ މައިދާނުގައި އެއްބާރުލުންދިނުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެބޭފުޅުން ވެސް ވަނީ ރާއްޖެއާއި ޕެނަމާއާ ދެމެދުގައިވާ ދޭދޭ ގުޅުން ކުރިޔަށް އޮތް ދުވަސްތަކުގައި ދެޤައުމުން ވެސް ޝައުޤުވެރިވާ ދާއިރާތަކުން އިތުރަށް ބަދަހިކުރުމަށް ބޭނުންވާކަން ހާމަކުރައްވާފައެވެ.
ދިވެހިރާއްޖެއާ ޕެނަމާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރީ 1989 ވަނަ އަހަރުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް