ދަރިވަރުން ތަރުބިއްޔަތު ވަނީ ސްކޫލެއް ހަދާފަ ހުންނަ ގޮތަކުން، ޖަހާފައި ހުންނަ މުއްޓަކުން އަދި ފުރާޅުގައި ޖަހާފައި ހުންނަ ޓިނުގެ ކުލަޔަކުން ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބުރައީސް ފައިސަލް ނަސީމް މިހެން ވިދާޅުވީ މައުމޫން ފައުންޑޭޝަންގެ ފަރާތުން، އަލްމަރްހޫމް އުމަރު ޒާހިރުގެ ހަޔާތްޕުޅުގެ މައްޗަށް ބިނާކޮށް މިރޭ ނެރުނު ފޮތް "ނަމޫނާ ސަހްސިއްޔަތެއް – އުމަރު ޒާހިރު – ހަނދާނާއި ތަރުރީފްގެ ޖިޒީއެއް" މި ފޮތް ނެރެދެއްވުމަށްފަހު ދެއްކެވި ވާކަފުޅުގައެވެ.
އެގޮތުން އަލްމަރްހޫމް އުމަރު ޒާހިރުގެ ހަޔާތްޕުޅުން މިސާލު ނަންގަވައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ނަސީމް ވިދާޅުވީ އަލްމަރްހޫމް އުމަރު ޒާހިރުގެ ހަލާތްޕުޅަށް އަލިއަޅުވާލާ ބަލައިލާއިރު ފެންނަނީ ކޮންމެ ކަމެއްވެސް ވަރަށް ފުރިހަމައަށް އަދާކުރެއްވިކަން ކަމަށާއި އެއީ ސްކޫލެއްގެ ނާޒިރުކަން ކުރެއްވި ދުވަސްވަރު ވީނަމަވެސް ކަމުގައެވެ.
"ވަރަށް ރަނގަޅަށް ދަރިވަރުން ތަރުބިއްޔަތު ކުރެއްވި، އެއީ އެއްވެސް ހާލެއްގައި މާ ރީތި ސްކޫލަކަށް މާ ރީތި ބިލްޑިންގްއަކަށް ސްކޫލު ވެގެނެއް ނޫން" ފައިސަލް ނަސީމް ވިދާޅުވިއެވެ.
މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ފައިސަލް ނަސީމް ވިދާޅުވީ ދަރިވަރުން ތަރުބިއްޔަތު ވަނީ ރިވެތި ސިފަތައް އެކުދިންގެ ގައިގާ އަށަގަންނަނީ އެ ސްކޫލެއް ހަދާފައި ހުންނަ ގޮތަކުން ނޫން ކަމަށާއި ޖަހާފައި ހުންނަ މުއްޓަކުން ނޫން ކަމަށާއި ފުރާޅުގައި ޖަހާފައި ހުންނަ ޓިނުގެ ކުލަޔަކުންވެސް ނޫން ކަމަށާއި އެހެން ނަމަވެސް އެ ސްކޫލެއްގެ ހާއްސަކޮށް، ސްކޫލެއްގެ ލީޑަރެއްގެ ގައިގަ ހުންނަ މުހިންމު ސިފަތަކެއްގެ ސަބަބުން ކަމަށެވެ.
އަލް މަރްހޫމް އުމަރު ޒާހިރުގެ ހަޔާތްޕުޅާއި ގުޅޭގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ނައިބުރައީސް އިތުރަށް ވިދާޅުވީ އަލްމަރްހޫމް އުމަރު ޒާހިރުގެ އެންމެ ފާހަގަކުރެވޭ އެއް ސިފަޔަކީ ކަމަށް ކަމޭހިތުން ކަމަށާއި ގަޑިއަށް ސަމާލުކަން ދެއްވުމާއި ރިވެތި އަހުލާގާއި މީހުންނަށް އިހުތިރާމު ކުރުމާއި ތަފާތު ނުކުރުމާއި ހެޔޮބަސް ބުނުމާއި ހެޔޮގޮތުގައި ކަންކަން ބަލައިގަތުމުގެ އިތުރުން ވަގުތަށް ފަރުވާތެރިވުންފަދަ ސިފަތަކަކީ މިއަދު ހުރިހާ އެންމެން ހާއްސަކޮށް ޒުވާނުންނާއި ވަޒީފާ އަދާކުރާ ހުރިހާ ފަރާތްތަކުން ނަމޫނާ ނަގަންޖެހޭ ކަންކަންކަމުގައި ނައިބުރައީސް ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް