ކެންސަރު ހޮސްޕިޓަލް މަޝްރޫޢުއާއި ގުޅިގެން ޓާޓާ މެމޯރިއަލް ސެންޓަރުގެ މަންދޫބުން ރާއްޖެއަށް ޒިޔާރަތް ކޮށްފި

ހައްދުންމަތީ ގަމުގައި އަޅާ ކެންސަރު ހޮސްޕިޓަލް އާއި ގުޅިގެން ޓާޓާ މެމޯރިއަލް ސެންޓަރުގެ މަންދޫބުން ރާއްޖެއަށް ޒިޔާރަތް ކޮށްފި އެވެ. މުމްބާއިގެ ޓާޓާ މެމޯރިއަލް ސެންޓަރު (ޓީއެމްސީ)ގެ މަންދޫބުންގެ ޓީމު ރ...

05 Sep 2021 | 17:23

ހައްދުންމަތީ ގަމުގައި އަޅާ ކެންސަރު ހޮސްޕިޓަލް އާއި ގުޅިގެން ޓާޓާ މެމޯރިއަލް ސެންޓަރުގެ މަންދޫބުން ރާއްޖެއަށް ޒިޔާރަތް ކޮށްފި އެވެ.

މުމްބާއިގެ ޓާޓާ މެމޯރިއަލް ސެންޓަރު (ޓީއެމްސީ)ގެ މަންދޫބުންގެ ޓީމު ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ  މި ސެޕްޓެމްބަރު 2ން 5 އަށެވެ. މި ޓީމުގައި 2 އޮންކޮލޮޖިސްޓުންވެސް ހިމެނެ އެވެ.

އިންޑިއާގެ އެކްސިމް ބޭންކުގެ 800 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މި ޕްރޮޖެކްވެސް މި ލައިން އޮފް ކްރެޑިޓް ގެ ދަށުން ހިނގާ އެހެނިހެން ބޮޑެތި ޕްރޮޖެކްޓްތަކާއި އެއްގޮތަށް 1.75 އިންޓަރެސްޓް ރޭޓުން 20 އަހަރުގެ ތެރޭގައި ދައްކާގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ލޯނު ދައްކަން ފަށަން 5 އަހަރު ދުވަހުގެ މުއްދަތެއް (ގްރޭސް ޕީރިއަޑް) ވަނީ ދެވިފަ އެވެ. މިއީ ދިވެހި ސަރުކާރުން އުފުލަން ޖެހޭ ދަރަނީގެ ތަކްލީފު ކުޑަވާނެ ކަމެކެވެ.

މި މަޝްރޫގެ ދަށުން ލ. ގަމުގައި ދުނިޔޭގެ ފެންވަރުގެ ކެންސަރު ހޮސްޕިޓަލެއް އެޅިގެންދާނެ އެވެ. ކެންސަރު ބަލީގެ ތަހުލީލުތައް ކުރެވި، ބަލި ދެނެގަނެވި، ފަރުވާ ދެވި އަދި ކެންސަރު ބަލި މީހުންނަށް ބޭނުންވާ ރީހެބިލިޓޭޝަން ވެސް ފޯރުކޮށްދެވޭނެ އެވެ.

މީގެ އިތުރުން ހޮސްޕިޓަލު ހުޅުވި ހިނގަން ފެށުމުން މެޑިކަލް ޓުއަރިޒްމް ވެސް ތައާރަފު ވެގެންދާނެ އެވެ. އަދި ރާއްޖޭގެ ހުރިހާ ކެންސަރު ބަލި މީހުން އެކުލެވޭ ރަޖިސްޓަރީއެއް އެކުލެވިގެން ދާނެއެވެ.

މި މަޝްރޫގެ ދަށުން ކެންސަރު ބައްޔަށް ފަރުވާ ދިނުމަށް ބޭނުންވާ ސިއްހީ ދާއިރާ ބޭފުޅުންގެ ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ދާނެއެވެ.

އެގޮތުން 250 ދިވެހި ސިއްހީ ދާއިރާ މުވައްޒަފުން، ނަރުހުންނާއި، ޑޮކްޓަރުން އަދި ޓެކްނީށަނުން، އިދާރީ މުވައްޒަފުން އަދި ކެންސަރު ފަރުވާއާއި ގުޅޭ އިތުރު ދާއިރާ ތަކުގެ ތެރެއިން ތަމްރީނުކުރެވޭނެ އެވެ. ތަމްރީނު ދިނުމުގައި ހޮސްޕިޓަލަށް ބޭނުންވާ ކެންސަރު ބަލީގެ އެކިއެކި ދާއިރާތަކުން ދިވެހިން ކުރިއެރުވުމަށް އިސްކަންދެވޭނެ އެވެ.

ލ. ގަން ކެންސަރު ހޮސްޕިޓަލް މަޝްރޫޢު އިޢުލާން ކުރީ ރައީސް އިބްރާހިމް ސޯލިހްއާއި ބޮޑުވަޒީރު މޯދީ ޑިސެމްބަރ 2019 ގައި ކުރެއްވި ވީޑިއޯ ކޮންފަރެންސް ކޯލަކުން ނެވެ.

ރާއްޖޭގައި ކެންސަރު ބަލި ގިނަވެ، އަހަރަކު 400 ވުރެން ގިނަ މީހުންގެ ގައިން ކެންސަރު ބަލި އަލަށް ދެނެގަނެވެ އެވެ.

ރާއްޖޭގެ 3 ވަނައަށް އެންމެ ގިނައިން މީހުން މަރުވާ ސަބަބަކީވެސް ކެންސަރު ބައްޔެވެ. ނަމަވެސް މިހާރު ކެންސަރު ބައްޔަށް ފަރުވާ ދެވޭނީ ސަރުކާރު އަދި އަމިއްލަ މަދު ހޮސްޕިޓަލް ތަކުގަ އެވެ. ބޮޑެތި ތަހުލީލުތައް އަދި ބިލީގެ ތަފްސީލު ދެނެގަނެ، ރޭޑިއޭޝަންދީ، ބައެއް އޮޕަރޭޝަން ކުރަން ދާން ޖެހެނީ ރާއްޖެއިން ބޭރަށެވެ.

ދިވެހި ސަރުކާރުން ލ. ގަމުގައި ކެންސަރު ހޮސްޕިޓަލް އެޅުމަށް އެދިލެއްވުމުން އިންޑިއާއިން ޓީއެމްސީގެ ވަފްދެއް ވަނީ ލާމަށް ފޮނުވާފަ އެވެ. އަދި އެތަނުގެ  ޕްރިލިމިނަރީ ސާރވޭ ހަދާ،ލިބެން ހުރި ވަސީލަތްތަކާއި ހިދުމަތްތައް ބަލާފަ އެވެ.

ޓީއެމްސީ އަކީ އިންޑިޔާގެ ގައުމީ ފެންވަރުގައި ކެންސަރު ބަލި ހުއްޓުވަން މަސައްކަތް ކޮށް، ފަރުވާދީ، ތަމްރީނު ޕްރޮގްރާމް ހިންގާ އަދި ކެންސަރު ރިސާރޗް ހަދާ އިންޑިއާގެ މައި ކެންސަރު ސެންޓަރެވެ. އަހަރަކު 30,000 އާ ބަލިމީހުން އެ ހޮސްޕިޓަލުގައި ފަރުވާ ހޯދައެވެ. 8500 ބޮޑެތި އޮޕަރޭޝަން ކުރެވި، 5000 ބަލިމީހުންނަށް ރޭޑިއޭޝަން އަދި ކީމޯތެރަޕީ ދެވެއެވެ.

އޭޝިޔާގެ އެންމެ ކުރި ހޯދާފައިވާ މި ސެންޓަރާއި ގުޅިގެން ރާއްޖޭގައި ކެންސަރު ހޮސްޕިޓަލް ގާއިމްކުރެވަކީ އިންޑިއާއަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.

އިންޑިއާ ރާއްޖޭގެ ގުޅުމުގެ ތެރޭގައި ހިމެނޭ ސިއްހީ ދާއިރާ ކުރިއެރުވުމާއި ފެންވަރު އިތުރުކުރުމުގެ ދެބައިވެސް މި މަޝްރޫގެ ތެރޭގައި ހިމެނެ އެވެ. މި ގުޅުމުގެ ދަށުން ހަމައެކަނި ހަރުމުދާ އުފެއްދުމުގެ އިތުރުން އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމަށް ވެސް އިސްކަންދެއެވެ.

ޓީއެމްސީ އާއި ރާއްޖޭގެ ހެލްތު މިނިސްޓްރީ އިސްވެރިން ބައިވެރިވެ، ކެންސަރު ހޮސްޕިޓަލަށް ބޭނުންވާ މުވައްޒަފުން ތަމްރީނުކުރުމުގެ މަޝްވަރާ ދަނީ ކުރެވެމުން ނެވެ. އަދި ހޮސްޕިޓަލު ބިނާކޮށް ނިމެންވާއިރަށް ހިންގަން ފެށޭނެ ގޮތަށް ރޭވިގެން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް