ލޮނަކީ ކާތަކެތި ތައްޔާރު ކުރުމުގައި ވަރަށް އާންމުކޮށް ބޭނުންކޮށް އުޅޭ ބާވަތެކެވެ. އާއްމުކޮށް ކައްކާ ހުރިހާ ބާވަތެއްގައިވެސް ލޮނު ބޭނުން ކުރެއެވެ. ޒަމާނުއްސުރެ ދެމިގެން ގޮސްފައިވާ އެ އާދަކާދައިގެ ސަބަބުން ލޮނު މަޑުކޮށް ނުވަތަ ލޮނު ނުލައި އެއްޗެއް ކެއުމަކީ އެހާ ފަސޭހަކަމަކަށް ނުވެއެވެ.
ކަން މިހެން ހުރިނަމަވެސް ލޮނަކީ އާއްމުކޮށް ބޭނުން ކުރުން ރަނގަޅު އެއްޗެއް ނޫނެވެ. ސިއްޚީ މާހިރުން ވިދާޅުވާ ގޮތުގައި މާ ގިނައިން ލޮނު ބޭނުން ކުރުމަކީ ސިއްޚަތައް ނުރައްކާވެދާނެ ކަމަކެވެ. އެގޮތުން އިންސާނަކަށް ދުވާލެއްގެ މައްޗަށް ބޭނުން ކުރުން އެންމެ ރަނގަޅީ އެންމެ ފަސް ގުރާމުގެ ލޮނުކަމަށްވެސް ސިއްޚީ މާހިރުން ވިދާޅުވެއެވެ.
އެއަށްވުރެ ގިނައިން ލޮނު ބޭނުން ކުރާނަމަ ސިއްހަތަށް އެތައް ގޮތަކުން ގެއްލުން ލިބޭކަމަށާއި އެގޮތުން އެއީ ލޭ ދައުރު ކުރާ ނާރުތައް ބެދި ސްޓްރޯކާއި ހާޓު އެޓޭކު ޖެހުމަށް މެދުވެރި ކުރުވާ ކަމެއްކަމަށްވެސް އެފަރާތުން ހާމަކުރެއެވެ. އަދި ހިތުގެ ބަލި ހުންނަ މީހުންނާއި އުމުރުން 50 އަށް ވުރެ މަތީގެ މީހުން، ވީހާވެސް މަދުން ލޮނު ބޭނުން ކުރުމަށް ވެސް ސިއްޚީ މާހިރުން ލަފާދެއެވެ.
މާ ގިނައިން ލޮނު ބޭނުންކުރުމުން ދިމާވަނީ ހަމައެކަނި ހިތުގެ ބަލިތަކެއް ނޫނެވެ. ސިކުނޑިއަށްވެސް އެކަމުގެ ގެއްލުން ލިބެއެވެ. އެގޮތުން މާ ގިނައިން ލޮނު ބޭނުންކުރުމުން މީހާގެ ބޯ ހާސްކޮށް ކަންބޮޑުވުން އިތުރުވެއެވެ. ހަމައެއާއެކު، އެއީ ލޭގެ ޕްރެޝަރު މަތިކޮށްދީ ބޮލުގެ ރިހުމާއި ހޮޑުލުން އަދި ބޯ އެނބުރުން ފަދަ ކަންކަމަށްވެސް މަގުފަހި ކުރުވާނެ ކަމެއްކަމަށް ސިއްޚީ ލަފާދޭ މާހިރުން ވިދާޅުވެއެވެ.
ހާއްސަކޮށް މައިގްރޭން ހުންނަ މީހުން ލޮނު ބޭނުން ކުރާ މިންވަރު ވަރަށް ބޮޑަށް މަދު ކުރަން ޖެހޭ ކަމަށާއި، އެފަދަ މީހުން މާ ގިނައިން ލޮނު ބޭނުން ކުރުމަކީ ހަށިގަނޑުން ފެން މަދުކޮށްދީ ސިކުނޑީގެ މަސައްކަތް ހުރަސް އެޅޭ ކަމެއްކަމަސްވެސް ލަފާދެއެވެ.
އެހެންކަމުން، ކޮންމެ ދުވަހެއްގެ ކެއުމުގައި މި ބޭނުން ކުރެވޭ ލޮނު ވަރަށް ބޮޑުތަން މަދުކުރަން ޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް