ހުޅުމާލޭ ހިޔާ ފްލެޓުތަކުގައި ދިރިއުޅެމުންދާ ދަރިވަރުން ސްކޫލަށް ދިއުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.
މިމަހުން ފެށިގެން ފްލެޓުތަކަށް މީހުން ބަދަލުވުމުގެ ހުއްދަ ދީފައިވާއިރު މިހާރުވެސް މަދު އާއިލާތަކެއް ވަނީ ދިރިއުޅުން ފްލެޓަށް ބަދަލުކޮށްފައި އެވެ. އެކަމަކު އަދި ދެވަނަ ފިޔަވަހީގައި އެއްވެސް ސްކޫލެއް ނުހުންނާތީ ދަރިވަރުން ސްކޫލްތަކަށް ދިއުމަށް ދިގު ދަތުރެއް ކުރަން ޖެހެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވަނީ ފްލެޓުގައި ދިރިއުޅޭ ދަރިވަރުން ސްކޫލްތައް މެދުވެރިކޮށް އެކަމަށް ރެޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. އެގޮތުން ގޫގުލް ފޯމް މެދުވެރިކޮށް ފުރިހަމަ ކުރަންޖެހޭ މި ފޯމް ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ މާދަމާ މެންދުރު 1:00 އެވެ.
މިނިސްޓްރީން އިންތިޒާމް ހަމަޖައްސައިދީފައިވާ ގޮތުން ފްލެޓުތަކުގައި ދިރިއުޅޭ ކުދިންގެ ތެރެއިން މާލެއަށް ކިޔަވަން އައިސް ދިއުމުގެ އިންތިޒާމް ހަމަޖައްސައިދިނުން ހިމެނެ އެވެ. އަދި ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ސްކޫލްތަކުގައި ކިޔަވާ ކުދިންނަށްވެސް ސްކޫލަށް ދިއުމާއި ގެއަށް ދިއުމުން ހަމަޖައްސައިދޭނެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދެ ސްކޫލް އަޅަން ބަޔަކާއި ހަވާލުކޮށްފަ އެވެ. އޭގެ ތެރެއިން "ސަލާހުއްދީން ސްކޫލް"ގެ މަސައްކަތް އަންނަ އަހަރުގެ މާޗަށް ނިންމަން، 118 މިލިއަން ރުފިޔާ އަށް ހަވާލުކުރީ އަމިން ކޮންސްޓްރަކްޝަންއާ އެވެ.
އަންނަ އަހަރުގެ ޑިސެމްބަރަށް ނިންމަން ޖެހޭ، އެ ފިޔަވަހީގެ ދެ ވަނަ ސްކޫލްގެ މަސައްކަތް 243 މިލިއަން ރުފިޔާ އަށް ހަވާލުކުރީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ) އާ އެވެ. މީގެ ތެރެއިން ސްލާހުއްދީން ސްކޫލް ހުންނަނީ ހިޔާ ފްލެޓުތައް ހުންނަ ސަރަހައްދުގައި އެވެ.
ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި 14 ސްކޫލެއް އިމާރާތްކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް