އެޑިއުކޭޝަން މިނިސްޓްރީން މާދަމާ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ހަމަޖައްސައިފި އެވެ.
މި ބައްދަލުވުން ބާއްވަން ނިންމާފައި މިވަނީ އެކި ގްރޭޑްތަކުގެ އިސްލާމް އަދި ޤުރުއާން މާއްދާގެ ފޮތްތަކުގައި ކުށް ހުރި މައްސަލަ ފެންމަތިވެފައި ވަނިކޮށެވެ. މި މައްސަލައިގަ މިހާތަނަށް އެ މިނިސްޓްރީން ދެ ބަޔާން ނެރެފައިވާއިރު އިއްޔެއިން ފެށިގެން ނޫސްވެރިން ދިޔައީ އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ ގްރޫޕުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން އެދެމުންނެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މާދަމާ ނޫސްވެރިންގެ ބައްދަލުވުން އޮންނާނީ ހެނދުނު 9:45 ގައި ކަމަށެވެ. ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނަވާ ބޭފުޅުންގެ މައުލޫމާތެއް ނުދެއްވަ އެވެ.
އެންމެ ފުރަތަމަ ސޫރަތްތަކުގައި ކުށް ހުރިކަން އެނގުނީ ގްރޭޑް އެކެއްގެ ދަރިވަރުންގެ ފޮތުގައި ހުރި ކުށްތަކެއް ފާހަގަވެގެންނެވެ. އޭގެ ފަހުން ދީނީ އިލްމުވެރިން ބެލިބެލުމުން އިތުރު ގްރޭޑްތަކުގެ އިސްލާމް އަދި ޤުރުއާން ފޮތްތަކުގައިވެސް ކުށް ހުރިކަން އެނގިފައިވެ އެވެ.
މި މައްސަލައިގަ ނެޝަނަލް އިންސްޓިޓިއުޓ އޮފް އެޑިއުކޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަލަށް ތައާރަފު ކުރި ތަދުރީސުލް ޤުރުއާން ގްރޭޑް އެކެއްގެ ދަރިވަރުންގެ ފޮތުގެ އިތުރުން އެހެން ގްރޭޑްތަކުގެ އިސްލާމާއި ޤުރުއާން މާއްދާގެ ފޮތްތަކުގައި ކުށްހުރިކަން ވަނީ ފާހަގަ ކުރެވިފަ ކަމަށެވެ. މިފަދަ ކުށްތައް ތަކުރާރުވިޔަ ނުދިނުމަށް އެ އިންސްޓިޓިއުޓްގެ މުވައްޒަފުން ނުހިމެނޭހެން ފަންނީ ބޭފުޅުންގެ ޓީމަކުން އިސްލާމާއި ޤުރުއާން މާއްދާގެ ހުރިހާ ފޮތްތަކެއް އަލުން ރިވިއު ކުރުމަށް ނިންމާފައިވާ ކަމަށް ބުންޏެވެ.
އެޑިއުކޭޝަން މިނިސްޓްރީނ އިއްޔެ ބުނީ ފޮތްތައް ޕްރިންޓަށް ދީފައިވަނީ އެ އިންސްޓިޓިއުޓާއި އިސްލާމިކް މިނިސްޓްރީގެ ޓީމަކުން ބަލައި ރިވިއު ކުރުމަށް ފަހު ކަމަށެވެ. އެހެންކަމުން ފޮތްތަކުގައި ކުށް ހުރި މައްސަލަ ދިމާވާން މެދުވެރިވި ސަބަބު ބަލާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް