އެއްވެސް ހަގީގަތެއްނެތް ދޮގުވާހަތަކެއް ފަތުރަމުންދަނީ ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވުމަށް: ޢަލީ ޒާހިރު

އެއްވެސް ހަގީގަތެއްނެތް ދޮގުވާހަތަކެއް ފަތުރަމުންދަނީ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ. މިއަދު...

05 Sep 2021 | 12:49

އެއްވެސް ހަގީގަތެއްނެތް ދޮގުވާހަތަކެއް ފަތުރަމުންދަނީ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.

މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ ކޯޓުތަކާއި ފަނޑިޔާރުންގެ އިތުބާރު ގެއްލުވާލުމަކީ މިފަދަ ވާހަތައް ދައްކަވާ މީހުންގެ އެންމެބޮޑު އަމާޒު ކަމަށެވެ.

އޭނާ ވިދާޅުވީ ނިމިދިޔަ ވެރިކަމުގައި ކޯޓުތަކުގެ ހުރުމަތް ކަނޑާލައި، ކޯޓުތަކުގެ ފުރާޅުން ޓިނުނަގައި ފަނޑިޔާރުން ހައްޔަރުކޮށް، ރައީސް އޮފީހުން ހުކުމްތައް އޮންނަންވީ ގޮތް ބުނެދިން ކަމުގައި ވީނަމަވެސް މިއަދު އެކަން އެގޮތަށް ނުހިނގާނެ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާވެސް އަދި އަޅުގަނޑުވެސް ޝަރުއީ މަރުހަލާގައި ހިނގާ އެއްވެސް މައްސަލައަކަށް ނުފޫޒު ފޯރުވާފައި ނުވާނެ." އަލީ ޒާހިރު ވިދާޅުވި އެވެ.

އޭނާ މިހެން ވިދާޅުވެފައި މިވަނީ ކޯޓުތަކަށް އަލީ ޒާހިރުގެ ނުފޫޒު ފޯރުވާކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ ފަނޑިޔާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކުރީގެ ފަނޑިޔާރު ހަސަން ނަޖީބު ވިދާޅުވެފައިވާ ވަގުތެއްގަ އެވެ.

މިކަމުގެ ޚަބަރުތައް ވަރަށް ޒިންމާދާރުކަން ކުޑަކޮށް ބައެއް މީޑިއާތަކުން ފަތުރަމުންދާކަން ފާހަގަކުރައްވާ އަލީ ޒާހިރުވަނީ މިބައްދަލުވުމުގައި އޯޑިއޯތަކުގައިވެސް އަދި އިދިކޮޅު ފަރާތްތަކުންވެސް އޭނާގެނަން އެވަރަށް ބޭނުން ކުރަމުންދަނީ ދައްކާނެ އިތުރު މީހެއްގެ ވާހަކަތަކެއް ނެތުމުން ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް