ހައެއް މެއިގެ ހަމަލާއި ގުޅިގެން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވިގޮތަށް އިނގިރޭސިވިލާތުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެނބުރި ރާއްޖެ ވަޑައިގެންނެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުރަސް ނާޅުއްވާ ކަމަށް ވިދާޅުވެއްޖެ އެވެ.
ބޭސް ފަރުވާކަންކަން ގާތްގަނޑަކަށް ނިމުނު ނަމަވެސް ރާއްޖެ ވަޑައިގެންނެވެން ނެތް ސަބަބުތައް އެބަހުރި ކަމަށް ނަޝީދު ގެންދަވަނީ ވިދާޅުވަމުންނެވެ. އޭގެ ތެރޭގައި މާލެ ވަޑައިނުގެންނެވޭ މުހިއްމު ދެ ސަބަބަކީ އެ މަނިކުފާނުގެ ފުރާނަފުޅަށް އަދިވެސް ނުރައްކާ އޮތުމާއި ފަރުވާގެ ކަންކަން އަދި ނުނިމުން ކަމަށް ވިދާޅުވި އެވެ.
އަދި ސަރުކާރުން ނަޝީދަށް ހުރަސް އެޅުން ހިމެނޭ ކަމަށް އެ މަނިކުފާނުގެ ބައެއް އަރިސް މެމްބަރުން ތުހުމަތު ކުރައްވަ އެވެ.
ބޮމުގެ ހަމަލާއަށް ފަހު މިއަދު ފުރަތަމަ ފަހަރަށް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ އެ މަނިކުފާނު އިނގިރޭސި ވިލާތުގައި ހުންނެވީ ސަރުކާރުން އެގޮތަށް އެދޭތީ ނޫން ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގަންނަވާނީ މާލޭގައި ހުންނަވައި އެކުގައި "ސައިފޮދު ހިއްޕަވައި ހީ ސަމާސާ ކުރައްވަން" ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަަޝީދު ވިދާޅުވީ އަބަދުވެސް ބޭނުންވަނީ ރާއްޖޭގައި ހުންނަވަން ކަމަށެވެ. އެކަމަކު ކޮންމެ ތިން ހަފްތާއަކުން ޑޮކްޓަރަށް ދައްކަން ޖެހޭތީ ކުރިން ލަފާކުރި ތާރީހު ކަމަށްވާ މިމަހުގެ ނިޔަލަށްވެސް މިހާރު ސިއްހީ ފަރުވާގެ ކަންކަން ދާގޮތުން ވަޑައި ނުގެންނެވޭނެ ކަމަށެވެ.
ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގައި ފަޔަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފަ އެވެ. ނަޝީދު ވިދާޅުވާ ގޮތުގައި ތިން އިނގިއްޔެއްގެ ހަރަކާތެއްވެސް ނެތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް