އުކުޅަހު ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސް ސޯލިހު އާ ހިއްސާ ކުރައްވައިފި

އއ. އުކުޅަހު ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އާ ހިއްސާ ކުރައްވައިފި އެވެ. އެރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި، ރައްޔިތުންގެ ކަންބޮޑުވު...

05 Sep 2021 | 12:32

އއ. އުކުޅަހު ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އާ ހިއްސާ ކުރައްވައިފި އެވެ.

އެރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި، ރައްޔިތުންގެ ކަންބޮޑުވުންތަކުގެ މަޢުލޫމާތާއި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ބެހޭގޮތުން މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް ހިއްސާ ކުރައްވާފައިވަނީ އެރަށުގެ ކައުންސިލްގެ މެންބަރުންނާ އެކު ރައީސް މިއަދު މެންދުރުފަހު ބޭއްވެވި ބައްދަލު ކުރެއްވުމުގަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައްޔިތުންނަށް އެންމެ ބޭނުންވާ ކަމެއްގެ ގޮތުގައި ފާހަގަކުރައްވާފައިވަނީ ރަށުގެ ބިން ހިއްކުމުގެ މަޝްރޫޢެވެ.

މީގެ އިތުރުން ރަށުގެ މަގުތައް ހަލާކުވެފައިވުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ގޮޖެހުންތަކާއި، ފެރީ ޓަރމިނަލް ރަނގަޅު ފެންވަރެއްގައި ނެތުމުން ދިމާވާ ދަތިތަކާއި ކުރީގެ ބަނދަރުގެ ޖެޓީ ހަލާކުވެފައި އޮތުމުން ކުރިމަތިވާ ގޮންޖެހުންތައް ކައުންސިލުން ވަނީ ރައީސުލްޖުމްހުރިއްޔާއާއި ޙިއްޞާކުރައްވާފަ އެވެ. އަދި ރަށުގައި ޒުވާނުންނަށް ޚާއްޞަ ޔޫތު ސެންޓަރެއް ނުވަތަ އެފަދަ ޚިދުމަތް ދެވޭނެ ގޮތެއް ހަދައިދެއްވަން ވެސް ކައުންސިލުން ވަނީ އެދިލައްވާފަ އެވެ.

ހަމައެއާއެކު ޒުވާނުން އެކި ދާއިރާތަކުން ތަމްރީނުކުރުމަށް ޓިވެޓް ސެންޓަރެއް ޤާއިމުކުރުމަށް ބޭނުންވާކަމަށާއި، ހެލްތް ސެންޓަރުގެ ވަޞީލަތްތައް އިތުރުކޮށް އެ ސެންޓަރުން ދެވޭނެ ޚިދުމަތްތައް ފުޅާކުރުމަށް ބޭނުންވާކަމުގައިވެސް ކައުންސިލުންވަނީ މި ބައްދަލުކުރެއްވުމުގައި ފާހަގަކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އުކުޅަސް ކައުންސިލުން ހުށަހެޅުއްވި ކަންކަންކަމާއި ގުޅިގެން މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާ ބެހޭ އެންމެފަހުގެ މަޢުލޫމާތު ޙިއްޞާކުރައްވައި އަދި މި ބައްދަލުވުމުގައި ފާހަގަކުރެއްވިކަންކަން ހައްލުކުރެއްވުމުގައި ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން މަސައްކަތްކޮށްދެއްވާނެކަމުގައި ވިދާޅުވި އެވެ.

ޚާއްޞަކޮށް ކައުންސިލުން ފާހަގަކުރައްވާފައިވާގޮތަށް ފެރީޓަރމިނަލްގެ މަސައްކަތް ޕްރައިވެޓް ކުންފުންޏަކާ ހަވާލުކޮށްގެން ކުރިޔަށް ގެންދިޔުމަށް ސަރުކާރުން އެހީތެރިކަން ފޯރޮކޮށްދެވެން އޮތްގޮތެއް ބައްލަވައި އެކަމަށް މަގުފަހި ކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް