ބަރުލަމާނީ ނިޒާމަށް ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ވޯޓަށް ދާން ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމް އާއި އަދާލަތު ޕާޓީން އެއްބަސްވި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހެއްދެވީ އިތުރުފުޅެއް ކަމަށް އެ ޕަޓީތަކުން ބުނެފި އެވެ.
މިއަދު އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ ސިޔާސީ ޕާޓީތަކުން އިއްތިހާދުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން އުފެއްދިއިރު އެ ދެ ޕާޓީން ނިޒާމުގެ ވޯޓަކަށް ދާން އެއްބަސްވި ކަމަށެވެ. ނަޝީދު ވިދާޅުވީ، 2018ގެ ރިޔާސީ އިންތިހާބަށް ތައްޔާރުވި އިރު އެމްޑީޕީގެ މެނިފެސްޓޯގައި ލިޔުނު އެ ވައުދާ އެއްގޮތަށް ފެންނަ ނުފެންނަ ވޯޓަކަށް ދާން ދެކޮޅު ހެދީ ހަމައެކަނި ޖުމްހޫރީ ޕާޓީން ކަމަށެވެ.
ނަޝީދު މިހެން ވިދާޅުވުމާއި އެމްއާރުއެމްއިން ވަނީ އެކަން ދޮގުކޮށް ޓުވީޓެއް ކުރައްވާފަ އެވެ. އެ ޕާޓީގެ ޓުވީޓުގައި ބުނެފައިވަނީ އެމްއާރްއެމް އިން އަބަދުވަސް ތާއީދު ކުރަނީ ރިޔާސީ ނިޒާމަށް ކަމަށެވެ.
އެނޫން ނިޒާމަކަށް ތާއީދު ކުރުމަށް އެއްވެސް ނިންމުމެއް ނިންމާފައި ނުވާނެކަން، ނުވަތަ އެއްވެސް ފަރާތަކާއި އެކު އެއްބަސް ވެފައިވެސް ނުވާނެ ކަން ރައްޔިތުންނަށް ސާފުކޮށްދޭން ބޭނުންވާ ކަމަށް ބުނެފަވެ އެވެ.
ނަޝީދުގެ ވާހަކަތަކާއި ގުޅިގެން އަދަލަތުންވެސް ބުނީ އެފަދަ އެއްބަސްވުމެއް ވެފައި ނޯންނާނެ ކަމަށެވެ. އަދި ބަރުލަމާނީ ނިޒާމު ގެންނަން އަދާލަތުން ތާއީދު ނުކުރާ ކަމަށް ބުންޏެވެ.
ނިޒާމު ބަދަލު ކުރުމަށް ރައީސް މެދުވެރިކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންް ނަޝީދު އިސްވެ ހުންނަވައި ދަނީ ޕެޓިޝަނެއްގައި ސޮއި ކުރަމުންނެވެ. ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން ހިނގަވާ މި މަސައްކަތުގައި އެ ޕެޓިޝަންގައި މިހާތަނަށް 50،000 އަށްވުރެ ގިނަ މީހުން ސޮއިކޮށްފައިވާ ކަމަށް ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް