ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނާފައިވާ މަތީ ތަޢުލީމުދޭ މަރުކަޒުތައް ތަރައްޤީ ކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ފަށައިފިއެވެ.
މި ގޮތުން ޖޫނިއަރ ކޮލެޖްތަކާއި، ޕޮލިޓެކްނިކަކާއި ސްޓޭޓް-އޮފް-ދި-އާރޓް ޓިވެޓް ސެންޓަރުތަކެއް ތަރައްޤީ ކުރުމުގެ މަސައްކަތް ޕަބްލިކް-ޕްރައިވެޓް ޕާޓްނާރޝިޕްގެ އުސޫލުން ކުރިއަށްގެންދިޔުމަށް ސަރުކާރުން ނިންމެވުމުން އެކަމުގެ އަމަލީ މަސައްކަތް ފެށި މިހާރު ވަނީ ޓެންޑަރކުރުމުގެ މަރުޙަލާގައެވެ.
މި ޓެންޑަރ ކާމިޔާބުކުރާ ފަރާތުގެ އަމިއްލަ ޚަރަދުގައި، އިމާރާތްކޮށް، ހިންގާގޮތަށް، (ބިލްޑް، ފައިނޭންސް އަދި އޮޕަރޭޓް އުސޫލުން) ދަރިވަރުން ތިބޭނެ ދަނާލާއެކު މި މަރުކަޒުތައް ތަރައްޤީ ކުރުމުގެ މަސައްކަތްކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީ.އޯ.އައި) ހުށަހެޅުމުގެ ދަޢުވަތު، ޓެންޑަރ ބޯޑް މެދުވެރިކޮށް މިހާރު ވަނީ (ޝަރުތުހަމަވާ) ހަމަ ހުރިހާ ފަރާތްތަކަކަށް ހުޅުވާލެވިފައެވެ. މިމަސައްކަތްތަކާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު މިނިސްޓްރީ އޮފް ފިނޭންސްގެ ވެބްސައިޓް www.finance.gov.mv އިން ލިބެން ހުންނާނެއެވެ.
ޖޫނިއަރ ކޮލެޖް އެޅުމަށް ހަމަޖެހިފައިވަނީ ނ. ކެނދިކުޅުދޫ އާއި ހ.އ ދިއްދޫގައެވެ. ހ.އ ދިއްދޫގައި ކިޔަވައިދިނުމަށް ޚާއްސަކުރެވިފައިވަނީ މަސްވެރިކަމުގެ ދާއިރާއިންނެވެ. ނ. ކެނދިކުޅުދޫގައި ޚާއްސަ ކުރެވިފައިވަނީ މަތީ ފެންވަރުގެ ޓޫރިޒަމް ދާއިރާއިން ތަމްރީން ދިނުމަށެވެ. ޖޫނިއަރ ކޮލެޖުތަކަކީ ސާނަވީ ސްކޫލް ނިންމާ ދަރިވަރުންނަށް މަތީތަޢުލީމާއި ތަމްރީންގެ ފުރުޞަތު ފަހިކޮށްދިނުމަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި، ބިނާކުރާ މަތީސާނަވީ ފެންވަރުގެ މަރުކަޒުތަކެކެވެ. މިފަދަ ކޮލެޖުތަކުގެ ބޭނުމަކީ ޒުވާނުންގެ ތަޢުލީމީ ފެންވަރު ކުރިއަރުވައި، ވަޒީފާގެ މާޙައުލަށް ޒުވާނުން އަހުލުވެރި ކުރުވުމަށް މަގުފަހި ކުރުމެވެ. ކަމާގުޅުން ހުރި ތަމްރީނާއި ތަޖުރިބާ، މި ޒަމާނުގެ އެންމެ ޒަމާނީ ވަސީލަތްތަކުގެއެހީއާއެކު، ޒުވާނުންނަށް ފޯރުވައިދިނުމެވެ. ޖޫނިއަރ ކޮލެޖެއްގައި ކިޔެވުމަށް އާންމުކޮށް އެންރޯލްވެވޭނީ 16 އަހަރާ 21 އަހަރާއި ދެމެދުގެ ޒުވާނުންނަށެވެ. ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ އޭ-ލެވެލްގެ ފެންވަރަށެވެ. އަދި ދިވެހިރާއްޖޭގެ ސަނަދުތަކުގެ އޮނިގަނޑުގެ ސެޓްފިކެޓް-3 ފެންވަރުން ފެށިގެންގޮސް އެ އޮނިގަނޑުގެ ޑިޕްލޮމާ ފެންވަރުގެ ނިޔަލަށެވެ. ރަށްރަށުގައި އެކިއެކި ދާއިރާތަކުން ޑިމާންޑް އޮތް މިންވަރުބަލާ އެދާއިރާތަކާ ގުޅޭ ކޯސްތައް ވެސް މި މަރުކަޒުތަކުގައި ކިޔަވައިދެވޭނެއެވެ.
ސްޓޭޓް-އޮފް-ދި-އާރޓް ޓިވެޓް ސެންޓަރު އެޅުމަށް ހަމަޖެހިފައިވަނީ ރ. އަލިފުށްޓާއި ފުވައްމުލަކު ސިޓީއާއި ކުޅުދުއްފުށި ސިޓީގައެވެ. އަދި ޕޮލިޓެކްނިކް އެޅުމަށް ހަމަޖެހިފައިވަނީ ކ. ތުލުސްދޫގައެވެ.
ފުވައްމުލަކު ޓިވެޓް ސެންޓަރުގައި ކިޔަވައިދިނުމަށް ސިވިލް އިންޖިނިއަރިންގަ އަދި އެންވަޔަރމެންޓަލް ސައިންސް ޚާއްސަ ކުރެވިފައިވާއިރު ކުޅުދުއްފުށި ޚާއްސަކުރެވިފައިވަނީ އިންޖިނިއަރިންގ އަދި އިލެކްޓްރޯނިކްސް ދާއިރާއަށެވެ. ރ. އަލިފުށީގައި ބޯޓް ބިލްޑިންގް ދާއިރާއިން ކޯސްތައް ހިންގަން ޚާއްސަވެފައިވާއިރު ކ. ތުލުސްދޫ ޚާއްސަ ކުރެވިފައިވަނީ ޓްރެވެލް، ޓޫރިޒަމް އެންޑް ލެޝަރގެ ދާއިރާއިން ކޯސްތައް ހިންގުމަށެވެ.
މީގެ އިތުރުން، އެކިއެކި ދާއިރާތަކުން ޑިމާންޑް އޮތް މިންވަރުބަލާ އެދާއިރާތަކާ ގުޅޭ ކޯސްތައް ވެސް މި މަރުކަޒުތަކުގައި ކިޔަވައިދެވޭނެއެވެ.
މި އިންސްޓިޓިއުޓްތަކަކީ ހުރިހާ އުމުރެއްގެ މީހުންނަށްވެސް މަތީތަޢުލީމާއި ތަމްރީންގެ ފުރުޞަތު ފަހިކޮށްދިނުމަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި، ބިނާކުރާ މަތީސާނަވީ ފެންވަރުގެ މަރުކަޒު ތަކެކެވެ. މިފަދަ އިންސްޓިޓިއުޓް ތަކުގެ ބޭނުމަކީ ހުރިހާ އުމުރެއްގެ މީހުންގެ ތަޢުލީމީ ފެންވަރު ކުރިއަރުވައި، ވަޒީފާގެ މާޙައުލަށް މީހުން އަހުލުވެރި ކުރުވުމަށް މަގުފަހި ކުރުމެވެ. ކަމާގުޅުން ހުރި ތަމްރީނާއި ތަޖުރިބާ، މި ޒަމާނުގެ އެންމެ ޒަމާނީ ވަސީލަތްތަކުގެއެހީއާއެކު، ފޯރުވައިދިނުމެވެ.
ސްޓޭޓް-އޮފް-ދި-އާރޓް ޓިވެޓް އިންސްޓިޓިއުޓްތަކުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ތަފާތު އެކި ދާއިރާތަކުން ދިވެހިރާއްޖޭގެ ސަނަދުތަކުގެ އޮނިގަނޑުގެ ސެޓްފިކެޓް-3 ފެންވަރުން ފެށިގެންގޮސް އެ އޮނިގަނޑުގެ ޑިޕްލޮމާ ފެންވަރުގެ ނިޔަލަށެވެ. އަދި ޕޮލިޓެކްނިކްގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ތަފާތު އެކި ދާއިރާތަކުން ދިވެހިރާއްޖޭގެ ސަނަދުތަކުގެ އޮނިގަނޑުގެ ސެޓްފިކެޓް-3 ފެންވަރުން ފެށިގެންގޮސް އެ އޮނިގަނޑުގެ ޑިޕްލޮމާ އަދި ހަޔަރ ޑިޕްލޮމާ ނިޔަލަށެވެ. މީގެ އިތުރުން ޑިގްރީ ފެންވަރުގެ ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާތަކުން ކޯސްތައްވެސް ކުރިއަށްއޮތް ތަނުގައި ޕޮލިޓެކްނިކްގައި ހިންގޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް