ޝަރުއީ ކޯޓުތަކުގައި ހިންގާ މައްސަލަތަކަށް ނުފޫޒު ފޯރުވުމަށް ފަނޑިޔާރުންގެ އަބުރައް އެރުމަކީ ކޮށްފައިވާ ވައްކަމުން ރެކިގަތުމަށް އޮތް ގޮތެއް ނޫންކަމަށް ބުނެ އަދާލަތު ޕާޓީން އިދިކޮޅު ޕީޕީއެމް ޕީއެންސީއަށް ރައްދު ދީފިއެވެ.
އެގޮތުން އަދާލަތު ޕާޓީން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ ސަރުކާރުގެ ނުފޫޒެއްނެތި، ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވެ ހިންގާފައިވާ ބޮޑެތި ޖަރީމާތަކުގެ މައްސަލަތައް ބަލަމުންދާ ދަނޑިވަޅެއްގައި ޝަރުއީ ދާއިރާގެ އަގުވާއްޓާލާ، އަދުލު އިންސާފަށް ހުރަސްއެޅުމަށް ބައެއް ސިޔާސީ ފަރާތްތަކުން ކުރާ މަސައްކަތް ކުށްވެރިކުރާކަމަށެވެ. އަދި ސިޔާސީ ވާދަވެރިކަމުގައި ހިންގާ މިފަދަ އަމަލުތަކަކީ އިންސާފުވެރި މުޖުތަމައެއް ބިނާކޮށް ހެޔޮވެރިމުގެ ހިޔާވަހިކަން ދިވެހިންނަށް ހޯދައިދިނުމަށް ކުރެވޭ މަސައްކަތް މަޑުޖެހި، އަންނަން އޮތް ޖީލުތަކަށް ހަމަޖެހޭ ސުލްހަވެރި ޤައުމެއްގެ ގޮތުގައި ރާއްޖެ ފޯރުކޮށްދިނުމަށް އެޅޭ ހުރަހެއް ކަމުގައިވެސް ދެކޭކަމަށެވެ.
އަދާލަތު ޕާޓީން ވަނީ އަދުލުއިންސާފަށް ހުރަސްއަޅާ، އަމިއްލަ ޒާތީ މަންފާއަށްޓަކައި ދައުލަތުގެ މުއައްސަސާތަކުގެ ހައިބަތާއި ޤަދަރު ކުޑަކޮށްލުމަށް ކުރެވޭ ނޭއްގާނީ މަސައްކަތާމެދު ސަމާލުވުމަށް ވެސް ރައްޔިތުންނަށް ގޮވާލާފައެވެ.
މި މޭރުމުން އަދާލަތު ޕާޓީން ނޫސްބަޔާނެއް ނެރެފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަށް އަދި ކޯޓުތަކަށް، އަދާލަތު ޕާޓީއަށް ނިސްބަތްވާ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު، ނުފޫޒު ފޯރުވާކަމަށް ބުނެ އިދިކޮޅު ޕީޕީއެމް ޕީއެންސީން ވާހަކަދައްކަމުންދާ ދަނދިވަޅެއްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް