ރައީސް އިބްރާޙިމ ްމުހައްމަދު ޞާލިޙް ޝަރީއަތްތަކަށް ނުފޫޒު ނުފޯރުވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ މިވަގުތު ކުރިއަށްދާ ޕްރެސް ކޮންފަރެންސެއްގައެވެ.
ނަޝީދު މިހެން ވިދާޅުވީ، މިހާރު މީޑިޔާގައި ފެތުރެމުންދާ އޯޑިޔޯތަކަށް އިޝާރާތްކުރައްވައި އެއީ ރައީސް ޔާމީނުގެ ސަރީޢަތް ހިންގެވި 3 ފަނޑިޔާރެއްގެ އޯޑިޔޯކަމަށާއި ރައީސުލްޖުމްހޫރިއްޔާއާ ސަރުކާރުން އަދި ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ޝަރީޢަތަށް ނުފޫޒުފޯރުވާކަމަށް ޕީޕީއެމްގެ ބޭފުޅުން ތުހުމަތުކުރައްވާ ދަނޑިވަޅެއްގައެވެ.
މި ތުހުމަތުތަކަށް ރައްދުދެއްވައި ޗީފް އޮފް ސްޓާފް އަލްއުސްތާޛު ޢަލީ ޒާހިރު ވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ ފެތުރޭ އޯޑިޔޯތަކާ އަދި ކުރެއްވި ތުހުމަތުތަކަށް ސަރުކާރުން ރައްދެއްދެއްވައި ވާހަކަދައްވާފައި ނުވަނީ އެއީ އެއްވެސް އަޞްލެއްނެތް ވާހަކަތަކަކަށް ވާތީކަމުގައެވެ. އަދި ފެތުރެމުންދާ އޯޑިޔޯތަކުގެ މައްސަލަ ބައްލަވައިދެއްވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުގައި އެދިވަޑައިގަންނަވާފައި ވާނެކަމަށާއި މި މައްސަލަ ބެލުމަށް ފުލުހުންގެ ކިބައިން ވެސް އެދިވަޑައިގަންނަވާފައި ވާކަމަށް ޗީފް އޮފް ސްޓާފް ވިދާޅުވިއެވެ. އަދި ސަރުކާރުން، ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާއާއި ޗީފް އޮފް ސްޓާފް، ފަނޑިޔާރުންނަށް އަދި ވަކިން ޚާއްޞަކޮށް ރައީސް ޔާމީނުގެ ޝަރީޢަތަށް ނުފޫޒުފޯރުވާކަމަށް ކުރެއްވި ތުހުމަތުތައް ޗީފް އޮފް ސްޓާފް ދޮގުކުރެއްވިއެވެ. މީގެ އިތުރުން ޗީފް އޮފް ސްޓާފްގެ އޯޑިޔޯ ހުރިކަމަށް ޝިޔާމް ވިދާޅުވި ވިދާޅުވުމަށް ރައްދުދެއްވައި ޢަލީ ޒާހިރު ވަނީ ޝަރީއަތް ވަކިގޮތަކަށް ގެންދިއުމަށް ނުވަތަ ފަނޑިޔާރަކަށް ނުފޫޒުފޯރުވުމަށް ނަމަވެސް އެއްވެސް މުވާމަލާތެއް ހިންގަވާފައި ނުވާނެކަމުގެ ޔަޤީންކަން ދެއްވައި އެ ވިދާޅުވި ފަދަ އޯޑިޔޯއެއް އޮތްނަމަ މީޑިޔާއަށް ހާމަކޮށްދެއްވުމަށް ވެސް އެދިވަޑައިގަންނަވާފައެވެ.
ޝަރުޢީ ނިޒާމަށް ސަރުކާރުން ނުފޫޒުފޯރުވާކަމަށް ކުރެއްވި ތުހުމަތުތަކަށް ރައްދުދެއްވައި ޢަލީ ޒާހިރު ވިދާޅުވީ މީގެ ކުރީގެ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބައެއް ޙުކުމްތައް ލިޔާކަމުގެ އަޑުތައް ފެތުރިގެން ގޮސްފައި ވާކަމަށާއި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރަކީ މިނިވަން މުވައްޞަސާތަކާއި ޖުޑިޝަރީ މިނިވަންކަމާއެކު ކުރިޔަށްގެންދިއުމަށް ފުރުޞަތުދީފައި އޮންނަ ސަރުކާރެއް ކަމަށެވެ. އަދި މި ސަރުކާރުން ފުރަތަމަ ވެރިކަމާ ހަވާލުވި ދުވަހެކޭ އެއްގޮތަށް މިހާރުވެސް ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ ޖޭއެސްސީ އިސްލާޙުކޮށް މުޅި ޖުޑިޝަރީއަކީ ރައްޔިތުންގެ އިތުބާރު ލިބިފައި އޮންނަ ތަނަކަށް ހެއްދެވުންކަމުގައި ޗީފް އޮފް ސްޓާފް ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް