އަސްކަރީ ރަށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޅ. މާފިލާފުށީގެ އާއިލާތަކަކަށް ހދ. ހަނިމާދޫއިން ގެވަޅު ދިނުމަށް މަސައްކަތް ކުރާތީ އެ ރަށު ކައުންސިލުން ހިތްހަމަ ނުޖެހިއްޖެ އެވެ.
މާފިލާފުށި އަސްކަރީ ރަށެއްގެ ގޮތުގައި ހަމަޖެއްސުމަށް ފަހު އެ ރަށުން މީހުން ބޭލުމުގެ މަސައްކަތް ފެށީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެވެ. އެ ރަށުގެ ބައެއް މީހުން ހުޅުމާލެ އާއި ޅ. އަތޮޅުގެ ބައެއް ރަށްރަށަށް ބަދަލު ކުރިއިރު މިހާރު ރަށުގައި ތިބީ އެ ރަށުން ފައިބަން އޭރު ދެކޮޅު ހެދި މަދު އާއިލާތެކެވެ.
އޭގެ ތެރެއިން ތިން އާއިލާއެއް ހަނިމާދޫއަށްވެސް ބަދަލުކޮށްފަވެ އެވެ.
ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގު މުހައްމަދު ވިދާޅުވީ ޕްލޭނިން މިނިސްޓްރީން އެ ކައުންސިލަށް ފޮނުވި ސިޓީއެއްގައި އެދިފައިވަނީ މާފިލާފުށީ އާއިލާތަކަކަށް ގެވަޅު ދިނުމަށް އެ ރަށުން ގެވަޅު ދެވޭނެ އަދަދެއް އެ މިނިސްޓްރީއަށް އަންގައިދިނުމަށް ކަމަށެވެ. އޭނާ ވިދާޅުވީ މިނިސްޓްރީގެ ސިޓީގައި ގެވަޅު ބޭނުންވާ އަދަދެއް އަދި ގެވަޅުގެ ބޮޑުމިން ހިމަނާފައި ނުވާ ކަމަށެވެ.
މިނިސްޓްރީން ވަނީ އެ ސިޓީގެ ޖަވާބު އަންނަ ބުދަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ފޮނުވުމަށް އަންގާފަ އެވެ. މިކަމާއި ގުޅޭގޮތުން ފިރާގު ވިދާޅުވީ އެހެން ރަށެއްގެ ބަޔަކަށް ގޯތި ދޫކުރުމުގެ ވިސްނުން ކައުންސިލްގައި ނެތް ކަމަށެވެ.
އޭނާ ވިދާޅުވީ ސަރުކާރުން އެހެން ބަޔަކަށް ގޯތިދޭން މަސައްކަތް ކުރާއިރު ހަނިމާދޫ ރައްޔިތުންގެ ތެރެއިންވެސް ގިނަ ބަޔަކު ގޯތި ދޫކުރާނެ ދުވަހެއްގެ އިންތިޒާރުގައި އެބަތިބި ކަމަށެވެ. އަދި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ބޭނުންވާ ބިން އިތުރު ކުރާތީވެސް އެ ރަށު ރައްޔިތުންގެ މެދުގައި ވަނީ ކަންބޮޑުވުން އިތުރުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް