ޓާމިނަލް ކެފޭ ތެރޭގައި އިންދައި ހއ. ތަކަންދޫ އިބްރާހިމީހިޔާ، ނަދީމް އަބްދުއްރަހީމް (ނަޑޭ) ގެ ބޮލަށް ވަޅި ހަރައި މަރާލި މައްސަލައިގައި މިއަދު ބާއްވަން ތާވަލުކޮށްފައިވާ އަޑުއެހުން ނުބޭއްވިއެވެ.
މިއަދު ހެނދުނު 9:30 އަށް ތާވަލުކޮށްފައިވާ އަޑުއެހުން އެހެން ދުވަހަކަށް ތާވަލުކޮށްފައިވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ. ސަބަބެއް ކަމަށް ބުނީ، އެހެން ދުވަހަކު ޝަރީއަތް ބާއްވައިދިނުމަށް ދިފާއީ ވަކީލުން އެދުމުން ކަމަށެވެ.
އެ މައްސަލައިގައި މިހާރު ކުރިއަށް ދަނީ ދައުވާ ލިބޭ ފަރާތްތަކުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމެވެ.
ލޮނުޒިޔާރަތްމަގުގައި ހުންނަ ޓާމިނަލް ކެފޭ ތެރޭގައި އިންދައި މޫނު ނިވާކޮށްގެން ވަން ބަޔަކު ނަޑޭގެ ބޮލަށް ވަޅިން ހަމަލާދީފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި 27 ވަނަ ދުވަހުގެ ރޭ 6:30 ހާއިރުއެވެ. އަދި އޭގެ ދެ ދުވަސް ފަހުން 29 ވަނަ ދުވަހު އޭނާ މަރުވެފައިވަނީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.
ނަދީމް މަރާލި މައްސަލައިގައި، ގ. ޝާރާޒް، މުޙައްމަދު މަފާޒު ޙުސައިން ސަލީމްގެ މައްޗަށް ވަނީ ތޫނު އެއްޗަކުން ހަމަލާދީ މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައެވެ. އަދި ތޫނު އެއްޗެއް ބޭނުންކޮށްގެން، ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާ، ރ. އިންނަމާދޫ ސަމަންތާ، ޙުސައިން ޝާމިންއާއި ގއ. ގެމަނަފުށި ހަވާސް، މުޙައްމަދު ކަރަމް ސުހައިލް އަދި ލ. ގަން ވިދާތަރި، ޢަލީ ނިފާޒުގެ މައްޗަށް އުފުލާފައިވެއެވެ.
މި ހަތަރު މީހުން ވެސް ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.
ދައުވާގައިވާ ގޮތުން މަފާޒަކީ ނަދީމަށް ހަމަލާދިން މީހާއެވެ. މަފާޒް ފިޔަވައި ދައުވާ ލިބޭ ދެން ތިބި ތިން މީހުންނަކީ ސައިކަލުތަކުގައި އެތަނަށް ގޮސް، އެކަމުގައި ބައިވެރިވި މީހުން ކަމަށް ދައުލަތުން ވަނީ ފާހަގަކޮށްފައެވެ. އެ 4 މީހުން ވެސް ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. މި މައްސަލައިގައި ދަޢުވާ ލިބޭ މީހުންގެ ފަރާތުން ދިފާޢީ ވަކީލު ވަނީ މި މައްސަލައަށް ގިނަ ދުވަސްތަކެއް ވަމުންދާތީ އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި، ވީހާވެސް އަވަހަކަށް މައްސަލަ ނިންމުމަށް ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.
މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުންތަކުގައި ވަނީ ދިފާއީ ބައެއް ހެކިންގެ ހެކިބަސް ނަގާފައެވެ. އެގޮތުން މި މައްސަލައިގައި ތުހުމަތުކުރެވޭ ބައެއް ފަރާތްތައް އެތަނުގައި ހާޒިރުވެ ނެތްކަމުގެ ދިފާއު ސާބިތުކުރުމަށް ވަނީ ހެކިން ހުށަހަޅާފައެވެ.
މި މައްސަލައިގައި މަފާޒުގެ މައްޗަށް ދަޢުވާ ސާބިތުވެއްޖެ ނަމަ، އޭނާއަށް އަންނާނީ މަރުގެ އަދަބެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް