ޤުރުއާނަކީ އިސްލާމީ ދުސްތޫރެވެ. މުސްލިމުން ގާތުގައި އެންމެ ޤަދަރު ދެވިގެންވާ މާތް ކަލާނގެ ބަސްފުޅުތަކެވެ.
އެއީ ކީރިތި ރަސޫލާ ﷺ މައްޗަށް ޖިބުރީލުގެފާނު މެދުވެރި ކުރައްވައި މީސްތަކުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި ﷲ ބާވައިލެއްވި، ކިޔެވުން އަޅުކަމެއްކަމުގައި ލައްވާފައިވާ އެކަލާނގެ ކަލާމްފުޅެވެ. އެ ފޮތް އަހަރެމެންނާއި ހަމައަށް އައިސްފައިވަނީ ތަވާތުރުގެ މަގުންނެވެ. އަދި އެ ޤުރުއާން ވަނީ ކީރިތި ރަސޫލާ ﷺ ގެ ރިސާލަތުގެ ތެދުކަން ހާމަކޮށްދޭ މުޢުޖިޒާތެއް ކަމުގައި ވެސްމެއެވެ.
ކަން މިހެން އޮތް އިރު، މިއާމެދު އިހުމާލުވުމަކީ ވެގެން ވާނޭ ކަމެއް ނޫނެވެ. އޮޅުމެއްގެ ތެރޭގައި ނަމަވެސް އިހުމާލުވެވިއްޖެ ނަމަ އެއީ ކުޑަ މައްސަލައަކަށް ނުވާނެއެވެ. ދިވެހިރާއްޖެ ފަދަ ސައްތައިންސައްތަ މުސްލިމް ޤައުމެއްގައި އަމުދުން ކުޑަ ކަމަކަށް ވެގެން ނުވާނެއެވެ. ވަރުވަރުން މިވާހަކަ މި ދެންނެވެނީ މިފަދަ ކަމެއް ހިނގާފައި ވާތީއެވެ. އާދެ އުނގަންނައިދޭ މަދަރުސާތަކުގެ ދަރިވަރުންނަށް ހާއްސަކޮށް ތައްޔާރުކުރެވިފައިވާ ޤުރުއާން މާއްދާ އަދި އިސްލާމް މާއްދާގެ ދަރިވަރުންގެ ފޮތްތަކުގައި ނުބައިކޮށް ޤުރުއާންގެ މޫރިތި ކަލިމަފުޅުތައް ލިޔެފައި ވާތީ އިލްމުވެރިންނާއި ދަރިވަރުން އަދި ބެލެނިވެރިން ކަންބޮޑުވުމާއެކު އެ މައްސަލަ ފެންމަތިކޮށްފިއެވެ.
ގުރޭޑް 12ގެ އިސްލާމް ފޮތުގައިވާ ސޫރަތުލް އަންފާލުގެ 74 ވަނަ އާޔަތް ގޯސްކޮށް
ގުރޭޑް 12ގެ އިސްލާމް ފޮތުގައިވާ ސޫރަތުލް އަންފާލުގެ 74 ވަނަ އާޔަތް ގޯސްކޮށް ލިޔެފައި އޮތުމުން އެކަން މިހާރު ވަނީ އެޑިޔުކޭޝަން މިނިސްޓްރީގެ ސަމާލު ކަމަށް ގެނެސްފައެވެ.
މި އާޔަތް ލިޔެފައި ވަނީ، އެ ފޮތުގެ 39 ވަނަ ސޮފުހާގެ އިސްލާމީ އަގީދާގެ ދަށުން ގެނެސްދީފައިވާ ފިލާވަޅެއްގައި "ސަހާބީންނާއި މެދު އަހުލުއްސުންނަތި ވަލްޖަމާޣަތިގެ އަގީދާ" ދަށުން އަންނަ ނަމްބަރެއްގައެވެ.
https://twitter.com/Mohamedshaheem1/status/1434158228749750279
މި މައްސަލައިގައި މަޝްހޫރު ދީދީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޟް އަބްދުއްލަތީފް ވިދާޅުވީ މިއީ ވަރަށް ހިތާމަވެރި މައްސަލައެއް ކަމަށެވެ. މިފަދަ މައްސަލަތައް ތަކުރާރުވިޔަ ނުދޭން ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
ގުރޭޑް އެކެއްގެ ގުރުއާން ފޮތުގައި ސޫރަތެއް ނުބައިކޮށް
ގުރޭޑް އެކެއްގެ ދަރިވަރުންގެ ގުރުއާން ފޮތުގައި ގުރުއާނުގެ އާޔަތެއް ނުބައިކޮށް ލިޔެވިފައިވާކަން ވެސް ވަނީ ހާމަވެފައެވެ. ގުރޭޑު އެކެއްގެ ދަރިވަރުންގެ ގުރުއާން ފޮތުގެ 64ވަނަ ސަފްހާގައި އޮތް ސޫރަތުލް ނަބާގެ 24ވަނަ އާޔަތުގެ މެދު ތެރެއިން ފެށިގެން ވަނީ ނުބައިކޮށް ލިޔެވިފައެވެ. އެ ހިސާބުން ފަށައިގެން ނަބާ ސޫރަތުގެ 31ވަނަ އާޔަތާ ހަމައަށް ވަނީ ނާޒިއަތު ސޫރަތުގެ އަށްވަނަ އާޔަތުން 14ވަނަ އާޔަތާ ހަމައަށެވެ. އެހެންކަމުން އެ ސޫރަތުގައި މެދުތެރެއަކުން ވަނީ ނާޒިޢާތު ސޫރަތުގެ އާޔަތްތަކެއް އައިސް އޮޅިފައެވެ.
ގްރޭޑް 1ގެ ޤުރުއާން ފޮތުގައި އައްނަބައު ސޫރަތާއި އައްނާޒިޢާތު ސޫރަތުގެ އާޔަތްތައް އެއްވެ، އެއް ސޫރަތެއްގެ ގޮތުގައި އޮތްކަން ދަނެގަތީ ޣިޔާސުއްދީން ސުކޫލްގެ ދަރިވަރު އަބްރަމް އަޒްހާން ފަހުމީ އެވެ. މިކަމުން ރަމްޒުކޮށްދެނީ އެ ދަރިވަރު ޤުރުއާނަށް ހޭލުންތެރިވެފައިވާ މިންވަރެވެ.
ޤުރުއާން ފޮތް ގްރޭޑް 02، ސޫރަތުލް ޢަލަޤުގެ 19 ވަނަ އާޔަތުން ބައެއް އުނިވެފައި
https://twitter.com/Mohamedshaheem1/status/1434205850218876932
ގްރޭޑް 02ގެ ޤުރުއާން މާއްދާގެ ދަރިވަރުންގެ ފޮތުގައި ސޫރަތުލް ޢަލަޤުގެ 19 ވަނަ އާޔަތުގެ ފުރަތަމަ ލަފްޒު ( كلا ) ވަނީ އުނިވެފައެވެ. މިކަން ސަމާލު ކަމަށް ގެނައީ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.
"ކީރިތި ޤުރުއާނަކީ މާތް ﷲ ގެ މަތިވެރި ކަލާމްފުޅު، އެންމެ މަތިވެރި މުޢުޖިޒާ، އެއީ ރައްކާތެރިކުރެވިގެންވާ ފޮތް، އެމާތް ފޮތުގެ އާޔަތެއް ނުވަތަ ސޫރަތެއް ލިޔުމުގައި ނުވަތަ ޗާޕުކުރުމުގައި އެއްވެސް ކުށެއްވާ ނަމަ އަވަހަށް ސަމާލުކަމަށް ގެެނެސް އިޞްލާޙު ކުރަންޖެހޭނެ." މިކަން ފެންމަތިކުރަމުން، ޑރ ޝަހީމް ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން، ޑރ. ޝަހީމް ވަނީ އިސްލާމާއި ޤުރުއާން ފޮތް ތައް ކިޔަވައިދޭ އިރު، ރަނގަޅަށް ޗެކްކުރުމަށް އިސްލާމް މުދައްރިސުންނާއި ޤުރުއާން މުދައްރިސުންގެ އަރިހުން އެދިފައެވެ.
ގްރޭޑް 10ގެ ފޮތުގައި ވެސް ކީރިތި ޤުރުއާނުގެ އާޔަތެއް ނުބައިކޮށް!
https://twitter.com/Mohamedshaheem1/status/1434196707986665475
މި މައްސަލަ ވެސް ފެންމަތި ކުރެއްވީ ޑރ. ޝަހީމް އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މައްސަލަ ޖެހިފައިވާ ސަފްހާ ބަދަލުކުރުމަށް އަމަލު ކުރަންޖެހޭ ގޮތް ސްކޫލްތަކާ ހިއްސާކޮށް ސްކޫލްތައް މެދުވެރިކޮށް ބެލެނިވެރިންނަށް އަންގަމުން ގެންދާނެ ކަމަށެވެ. އަދި ފޮތްތަކަކީ ޕްރިންޓް ކުރުމުގެ ކުރިން އެން.އައި.އީ އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން ޗެކުކުރެވިފައިވާ ފޮތްތަކެއްކަން ފާހަގަކޮށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ މި ފޮތުގައި މައްސަލަ ދިމާވި ސަބަބު ދެނެގަތުމަށް މިހާރު މަސައްކަތް ފަށާފައިވާ ކަމަށް ބުނެފައެވެ.
ޤުރުއާނަކީ، ﷲ ބާވައިލެއްވި، އެކަލާނގެ ކަލާމްފުޅެވެ. އެއީ މަޚްލޫޤެއް ނޫނެވެ. ޤުރުއާން އައީ އެކަލާނގެ ޙަޟްރަތުންނެވެ. އަދި ޤުރުއާން (ފަހުޒަމާނުގައި) އެނބުރި ދިއުން ވަނީ އެކަލާނގެ ޙަޟްރަތަށެވެ.
ޤުރްއާނުގެ ލަފްޡުތަކާއި އޭގެ މާނަޔާއެކު އެބަސްފުޅުތަކުން ޙައްޤުގޮތުގައި ބަސްވަޙީކުރެއްވީ ﷲ އެވެ. އެކަލާނގެ އެދިވޮޑިގެންފި ހިނދަކު އެދިވޮޑިގަތް ބަސްފުޅުތަކުން ބަސްވަޙީކުރެއްވުމުގައި އެކަލާނގެ ދެމިވޮޑިގެން ވެއެވެ. އަދި ވާނޭމެއެވެ. އަދި އެކަލާނގެ ބަސްފުޅުތަކަކީ އެ ހުސްވުމެއް ނުވާ އެއަށް ނިމުމެއް ނުވާ ބަސްފުޅުތަކެކެވެ.
ވީ އިރު، ހަމަ އެކަނި ނޫސް ބަޔާނަކުން ނިންމާލަނީ ތޯއެވެ؟ މާތް ﷲގެ ވަހީ ބަސްފުޅުތައް ގޯސްކޮށް ލިޔެވިފައި އޮތުމުން މައާފަށް އެދުން ވެސް ނެތީތޯއެވެ؟ ނޫސްވެރިންނާ ބައްދަލުކޮށް ޖަވާބުދާރީވުން ވެސް ނެތީތޯއެވެ؟ މި މައްސަލަ ތަކުރާވިޔަ ނުދޭން އެޅޭނެ ހަރުދަނާ ފިޔަވަޅެއް ވެސް ނެތީ ތޯއެވެ؟
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް