ގދ. ފަރެސްމާތޮޑާ މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އިއްޔެ އެވެ.
ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ، ފަރެސްމާތޮޑާ ކައުންސިލަށް އެޗްޕީއޭއިން ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ ކޯވިޑް-19 އިން ރައްކާތެރިވުމަށް އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށެވެ. އެ ރަށް މޮނިޓަރިންއަށް ލާފައިވަނީ ކޮންޓެކްޓު ޓްރޭސިން ހަދައި ނިމެންދެންނެވެ.
މޮނިޓަރިންގެ ހާލަތުގައި އޮންނަ މުއްދަތުގައި އެޗްޕީއޭގެ ހުއްދަނެތި ފަރެސްމާތޮޑާއަށް އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ.
އެޗްޕީއޭއިން ބުނީ އެ ރަށުގެ ޕޮސިޓިވް ކޭސްތަކާއި ގުޅިގެން ކޮންޓެކްޓު ޓްރޭސިން ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
މި ރަށުގެ އިތުރުން އިއްޔެ މޮނިޓަރިންގެ ހާލަތަށް ގެނައީ އައްޑޫ ސިޓީ ހުޅުމީދޫ އާއި ރ. ރަސްމާދޫ އެވެ. މިމަހުގެ މިހާތަނަށް މޮނިޓަރިންގެ ހާލަތަށް ފަސް ރަށެއް ގެނެސްފައިވެ އެވެ.
މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްތަކުގެ ތެރެއިން އަދިވެސް އެންމެ ގިނަ ދުވަސްވެފައިވަނީ ރ. ދުވާފަރެވެ. އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހު އެވެ.
މިހާރު ކޯވިޑް ފެތުރޭތީ ބަލި ކޮންޓްރޯލް ކުރުމަށް މޮނިޓަރިންގެ ހާލަތުގައި 23 ރަށެއް އެބައޮތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް