ދޭތެރެ ދޭތެރެއިން މާލެއިން ހަރުފަ ފެނުމަކީ އާންމު ކަމެކެވެ.
ބައެއް ފަހަރު ގުދަނާއި މަގުމަތިން ހަރުފަ ފެނެ އެވެ. ރާއްޖޭގައި ނުޅޭ އެއްޗަކަށް ވާތީ ހަރުފައެއް ފެނުމަކީ އެހާ އަޑުއަހާލަން ފަސޭހަ އަދި އާންމު ކަމަކަށް ނުވެ އެވެ.
އާންމުކޮށް ފެންނަ ހަރުފައިގެ ސައިޒުތަކަށް ބަލާއިރު ބޭރު ގައުމުތަކުން ފެންނަވަރުގެ ބޮޑެތި ހަރުފަ ވަރު ނުވިޔަސް އެ ހަރުފަތަކަކީ ރާއްޖޭގައި އުފަންވެގެން އުޅޭ އެއްޗެއް ނޫންކަން އެންމެންނަށްވެސް އެނގޭނެ އެވެ.
ހަރުފަ ގޭގޭގައި ގެންގުޅުމަކީ މަނާ ކަމަކަށް ވާއިރު 2012-2013 ވަނަ އަހަރުގެ ތެރޭގައި އާދަޔާ ހިލާފަށް ގިނައިން މާލެއިން ހަރުފަ ފެނިފައިވާތީ އެފަދަ ތަކެތި ގޭގޭގައި ނުގެންގުޅުމަށް އޭރު ފުލުހުން އިލްތިމާސް ކުރި އެވެ. އަދި އެފަދަ މައުލޫމާތެއް އެނގޭ ނަމަ ރިޕޯޓު ކުރުމަށް އެންގި އެވެ.
ކިޔައިދޭން މިއުޅެނީ މާ ދިގު ވާހަކައެއް ނޫނެވެ. އެ ދުވަސްވަރު މާލޭ މަގުމަތިން ފެނުނު ހަރުފައެއްގެ ވެރިއަކު ކިޔައިދިން ވާހަކަ އެކެވެ. އެ ހަރުފަ ފުލުހުންގެ އަތުގައި ޖެހުމުން އޭނާއަށް ލިބުނީ ބުނަން ނޭނގޭފަދަ ފުން ހިތާމައެކެވެ. އެއީ މަޔަކު ބަނޑުއަޅާ ވިހޭ ދަރިއަކު އަތުން ބީވުންފަދަ ކަމެއްގެ ގޮތުގައި އޭނާ ސިފަ ކުރި އެވެ.
އޭނާ ބުނީ ހަރުފަ ރާއްޖެ އެތެރެ ކުރީ ވިހޭތާ މާ ގިނަ ދުވަހެއްނުވެ ފަންޏެއްހާ ކުޑައިރު މޭގައި ތަތްކޮށްގެން ކަމަށެވެ. އެހާ ކުޑަވުމުން އެއާޕޯޓު ސެކިއުރިޓީ ޗެކިންގައި އޭނާ މޭގައި އެފަދަ އެއްޗެއް އިންނަކަން ނޭނގޭނެ ކަމަށް އެ މައުލޫމާތު އޭނާާއަށް ދިން މީހުން ބުނި ކަމަށް ބުންޏެވެ.
އެ ހަރުފަ މާލޭ މަގުމަތިން ފެނިގެން ބަޔަކު ރިޕޯޓު ކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ވަރަށް ފަސޭހަކާއި އެކު ހަރުފަ ރާއްޖެ އެތެރެކޮށް ގޭގައި ކޮށްޓެއް ހަދައިގެން ވަރަށް ލޯބިން ހަރުފަ ގެންގުޅޭތާ ދެ އަހަރެއްހާ ދުވަސް ފަހުންނެވެ. އޭނާ ބުނިގޮތުގައި ހަރުފަ ކޮށިން ނުކުތް ގޮތެއް އެއްގޮތަކަށްވެސް ނޭނގެ އެވެ. އަދި ހިޔާލަށް ގެންނަންވެސް ނޭނގޭ ކަމަށް ބުންޏެވެ.
އެކަމަކު ކިތަންމެ ލޯބިވިޔަސް އެ ހަރުފައިގެ ވެރިފަރާތް ކަމަށް ބުނެ އެ ބަލާ ފުލުހުންގެ އިދާރާއަށް އޭނާއަށް ދާކަށް ނުކެރުނެވެ.
މިހާރުވެސް މިގޮތަށް ރާއްޖެއަށް ހަރުފަ އެތެރެކޮށްގެން ބަލާ ބޮޑު ކުރަމުންދާ މީހުން އުޅެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް