ރިޝީ މަރުވީ އެންމެ ދެކެން ބޭނުންވި ދެ ދުވަސް ނުފެނި!

ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލް ރިޝީ ކަޕޫރު މަރުވީ އެންމެ ދެކެން ބޭނުންވި ދެ ދުވަސް ނުފެނި ކަމަށް އޭނާގެ އަންހެނުން ނީތޫ ކަޕޫރު ބުނެފި އެވެ. މިދިޔަ އަހަރު ކުރީކޮޅު ރިޝީ މަރުވީ ކެންސަރަށް ފަރުވާ ހޯދާ...

05 Sep 2021 | 05:34

ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލް ރިޝީ ކަޕޫރު މަރުވީ އެންމެ ދެކެން ބޭނުންވި ދެ ދުވަސް ނުފެނި ކަމަށް އޭނާގެ އަންހެނުން ނީތޫ ކަޕޫރު ބުނެފި އެވެ.

މިދިޔަ އަހަރު ކުރީކޮޅު ރިޝީ މަރުވީ ކެންސަރަށް ފަރުވާ ހޯދާތާ އަހަރެއްހާ ދުވަސް ފަހުންނެވެ. ރިޝީގެ މަރާއި އެކު އެންމެ ފުން އަސަރެއް ކުރި އެކަކީ އަނބިމީހާ ނީތޫ އެވެ.

ނީތޫ މިދިޔަ ހަފްތާ ބަންދުގައި މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނީ ރިޝީ މަރުވީ އެންމެ ދެކެން ބޭނުންވާ ދުވަސްތަކުގެ ދެ ކަމަކަށް ވަރަށް ބޮޑަށް އިންތިޒާރުކޮށްކޮށް ހުއްޓަ ކަމަށެވެ.

އޭގެ ތެރެއިން އެންމެ މުހިންމު ކަމަކީ ފިރިހެން ދަރިފުޅު ރަންބީރު ކަޕޫރު ކައިވެނި ކުރާ ދުވަސް ކަމަށެވެ. ރަންބީރު ޕިޝާވަރީ ސަގާފަތަށް ހެދުން އަޅައި ބޮލުގައި ފަގުޑި އަޅައިގެން ކައިވެނި ހެދުން ލައިގެން އަހެއްގައި ކައިވެނީގެ ހަފްލާ ބާއްވާ ތަނަށް ދާ ދުވަހަކީ ރިޝީ އަބަދުވެސް ދެކެން ބޭނުން ވެގެން ވާހަކަދައްކާ ދުވަހެއް ކަމަށް ނިތީ ބުންޏެވެ.

ދެވަނައަށް އެންމެ ދެކެން ބޭނުންވެފައި ހުރި ދުވަހަކީ އެމީހުންގެ އާއިލީ ގެކަމަށްވާ ކްރިޝްނާ ރާޖް އަލުން ޑިޒައިންކޮށް ޒަމާނީ ފެންވަރަށް ހަދައި ނިމޭނެ ދުވަހެކެވެ. ރިޝީ މަރުވި އިރު އެ ގެ ހަދަން ފަށާފައިވާއިރު އެގެ ޒަމާނާ އެއްގޮތަށް ޑިޒައިންކޮށް އިމާރާތަށް ބަދަލު ގެނެސް ނިމޭއިރު ގޯތި ތެރެއިން ރިޝީ އާއި ނީތޫ އަދި ދެ ދަރިން ކަމަށްވާ ރަންބީރާއި ރިދިމާއަށް ވަކި އެޕާޓްމެންޓު ހުންނާނެ އެވެ.

ނީތޫ އިތުރަށް ބުނީ ރިޝީގެ މަރާއި އެކު މުޅި ދިރިއުޅުން އެކަނިވެރިވެ ދުނިޔެއަށް ގިނަވިކަން އިހުސާސްވި ކަމަށެވެ. އަދި ބޮލީވުޑް ފިލްމެއް ކުޅުނު ހިޔާލު އޭގެ ފަހުން ގެނައީވެސް ރިޝީގެ ހަނދާން ތަކާއި ދުރަށްދާން ކަމަށް ބުންޏެވެ.

ނީތޫ ފެނިގެންދާނީ ފިލްމު "ޖަގް ޖަގް ޖިއޯ" އިންނެވެ. އޭނާ ބުނީ އެ ފިލްމަށް ސޮއި ކުރީ ދަރިންވެސް އެކަމަށް ބާރު އަޅައި ހެދުމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް