އެމްޕީއެލްއިން ހުޅުވާލާފައިވާ ސްކޮލަރޝިޕްތަކާއި ބެހޭ މަޢުލޫމާތު ދިނުމުގެ ޚާއްސަ ސެޝަނެއް މިއަދު ބާއްވާކަން އެ ކުންފުނިން ހާމަކޮށްފި އެވެ.
އެ ކުންފުނިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މި ސެޝަން އޮންނާނީ މިިއަދު 11 ޖަހާ އިރު، އެމްއެންޔޫ އޮޑިޓޯރިއަމްގައި ކަމަށެވެ.
"އެމްޕީއެލްއިން ހުޅުވާލާފައިވާ ސްކޮލަރޝިޕްތަކާއި ބޭހޭ މައުލޫމާތު ދިނުމުގެ ހާއްސަ ސެޝަނެއް އާދިއްތަ ދުވަހުގެ ހެނދުނު 11:00 ގައި އެމްއެންޔޫ އޮޑިޓޯރިއަމްގައި އޮންނާނެއެވެ. އަޅުގަނޑުމެންގެ ކުންފުނީގެ ފޭސްބުކް ޕޭޖުން މި ސެޝަން ލައިވް ކުރާނެ ވާހަކަ މައުލޫމާތައްޓަކައި ދަންނަވަމެވެ." އެ ޓްވީޓުގައި ބުނެފައި ވެއެވެ.
https://twitter.com/Portmv/status/1434381959845740544
އަންނަ 2022 ވަނަ އަހަރު އެމްޕީއެލް އިން ސްޕޮންސަރކުރާ 5 ކޯހަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފަ އެވެ.
އެގޮތުން ސައުތް އޭޝިއާ / ސައުތު އީސްޓް އޭޝިއާ ޤައުމެއްގައި ކިޔެވުމަށް ހުޅުވާލާފައިވަނީ ޑިގްރީ އިން މެރިޓައިމް އެންޑް ލޮޖިސްޓިކްސް ކޯހާއި ޑިގްރީ އިން މެރިޓައިމް އޮޕަރޭޝަންސް ކޯހެކެވެ. މިއީ ބެޗްލާރސް ޑިގްރީ ފެންވަރުގެ 2 ކޯހެވެ.
އެ ކުންފުނިން ދެން ހުޅުވާލާފައިވަނީ ޑިގްރީ އިން ނޭވަލް އާރކިޓެކްޗަރ އާއި ޑިގްރީ އިން އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތް އެވެ. މި ދެ ކޯހަކީ ވެސް ބެޗްލާރސް ޑިގްރީ ފެންވަރުގެ ދެ ކޯހެވެ.
މީގެ އިތުރުން އެމްޕީއެލް އިން ވަނީ އޭ.ސީ.ސީ.އޭ ކޯހެއް ވެސް ހުޅުވާލާފަ އެވެ. މާސްޓަރސް ފެންވަރުގެ ދެ ފުރުސަތު މި ކޯހުގައި ހުޅުވާލާފައިވާ އިރު، މިއީ ރާއްޖޭގައި ކިޔެވުމަށް ހުޅުވާލާފައިވާ ފުރުސަތެކެެވެ.
މިކޯސްތަކަށް ކެނޑިޑޭޓުން ހޮވާނީ އެކަޑަމިކް މެރިޓާއި އިންޓަވިޔު ސްކޯރ އަށް ބަލައި އެންމެ މަތީން ޕޮއިންޓް ލިބޭ ފަރާތްތައް ކަމަށާއި އެގޮތުން އެކަޑަމިކް މެރިޓަށް %70 މާރކްސް އަދި އިންޓަވިޔުއަށް %30 މާރކްސް ދިނުމަށް ވަނީ ނިންމާފަ އެވެ.
އެޕްލިކޭޝަން ހުށަހަޅުއްވާނީ https://study.port.mv ޕޯޓަލް މެދުވެރިކޮށެވެ.
މި ކޯސްތަކަށް ޝަރުތު ފުރިހަމާ ހުރިހާ ފަރާތްތަކަށްވެސް ލެވޭނެ ކަމަށާއި މިއީ އެމްޕީއެލްގެ ފަރާތުން ހުރިހާ ޚަރަދެއް ހަމަޖައްސައި ދޭ ސްކޮލަރޝިޕްތަކެއް ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް