ރައީސް ޔާމީނަށް ހުކުމް ކުރަން މި ސަރުކާރުގެ ވަޒީރަކު މެސެޖް ކުރި ކަމަށް ވިދާޅުވެ ކުރެއްވި ޓްވީޓް ހައިލަމް ޑިލީޓްކޮށްލައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް ކުރަން އަންގައި މި ސަރުކާރުގެ ވަޒީރަކު މެސެޖް ކުރި ކަމަށް ވިދާޅުވެ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު އަހުމަދު ހައިލަމް ކުރެއްވި ޓްވީޓް ޑިލީޓްކޮށްލައިފި އެވެ...

05 Sep 2021 | 05:05

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް ކުރަން އަންގައި މި ސަރުކާރުގެ ވަޒީރަކު މެސެޖް ކުރި ކަމަށް ވިދާޅުވެ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު އަހުމަދު ހައިލަމް ކުރެއްވި ޓްވީޓް ޑިލީޓްކޮށްލައިފި އެވެ.

ހައިލަމް މި ޓްވީޓް ކުރެއްވީ ރައީސް ޔާމީންގެ މައްސަލަ ފަހުން ބެއްލެވި ފަސް ގާޒީންގެ ތެރެއިން ތިން ގާޒީއެއްގެ އޯޑިއޯ ލީކްވެ ހުކުމާއި މެދު ސުވާލު އުފައްދަމުން ގެންދާ ދަނޑިވަޅެއްގަ އެވެ.

އެ ޓްވީޓް ޑިލީޓްކޮށްލީ ޓްވީޓް ކުރެއްވިތާ މާ ގިނަ އިރުތަކެއް ނުވަނީހެވެ.

ނަމަވެސް ފަހުން އަނެއްކާ އޭނާ ވަނީ ޓްވީޓެއް ކުރައްވާފަ އެވެ. އެ ޓްވީޓްގައި ވަޒީރަކު މެސެޖްކުރި ކަމަށް ވިދާޅުވާ ވާހަކަ ވަނީ ނުހިމަނަ އެވެ.

"އެއްވެސް މީހަކާއެކީ އަޅުގަނޑު ހެދި ޑީލެއް ނޯންނާނެ. ޑީލެއް ހެދިނަމަ މިއަދު ވެސް އަޅުގަނޑު ހުންނާނީ މަޤާމުގައި." ފަހުން ޓްވީޓްގައި ލިޔުއްވާފައި ވަނީ މިހެން ނެވެ.

ހައިލަމް ޑިލީޓް ކޮށްލެއްވި ޓްވީޓްގައި ވިދާޅުވެފައި އޮތީ އޭނާ އެއްވެސް މީހަކާއި ޑީލެއް ނުހަދާ ކަމަށެވެ. ވަޒީފާ ގެއްލުވާލީ ވައިބަރގައި ހިއްސާ ކުރި ފޮޓޯއެއްގެ ސަބަބުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ޑީލެއް ނުހަދަން. އަޅުގަނޑު ވައިބަރގައި ހިއްސާ ކުރި ފޮޓޯ އާއި އެކު ވަޒީފާ ގެއްލުވާލީ. އޭގެ އިތުރުން އަޅުގަނޑަށް ސަރުކާރުގެ ވަޒީރަކު ރައީސް ޔާމީނަށް ހުކުމް ކުރުމަށް އަންގައި ޓެލެގްރާމް ސީކްރެޓް ޗެޓެއްގައި މެސެޖުކުރީ. އަޅުގަނޑު އެ މެސެޖަށް ރިޕްލައިވެސް ނުކުރަން." ހައިލަމް ވިދާޅުވި އެވެ.

ހައިލަމްގެ ޓްވީޓް ޑިލީޓް ކޮށްލި ނަމަވެސް ޓްވީޓްގެ ސްކްރީން ޝޮޓް މިހާރު ދައުރުވަމުން އެބަދެ އެވެ.

ނަމަވެސް އެ ސުވާލަށް އޭނާ ޖަވާބު ދެއްވާފައި ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް