މި ފެށުނު ދިރާސީ އަހަރުގައި ވ. އަތޮޅު ކެޔޮދޫ ސުކޫލުގައި އޭލެވެލް އަށް ކިޔައިވައިދޭ ގޮތަށް ސަރުކާރުން ހަަމަޖައްސެވުމާއެކު އެ ސްކޫލު ވެގެންގޮސްފައިވަނީ މުޅި ވ. އަތޮޅުން ވެސް އޭލެވެލް ހަދާ ފުރަތަމަ ރަށަށެވެ. އަދި މިއާއެކު ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ހުރިހާ އަތޮޅެއްގައި އޭލެވަލް އަށް ކިޔަވައިދޭން ފަށާނެ އެވެ.
މި އުފާވެރި ޚަބަރާއިގުޅިގެން ކެޔޮދޫ ސްކޫލުގެ ޕްރިންސިޕަލް ޒަޢީމާ ޙުސައިން ދުވަސްއެމްވީ އަށް ވިދާޅުވީ މަސައްކަތް ކުރާނީ އޭލެވެލްގައި ވެސް ދަރިވަރުން ހޯދާ ނަތީޖާ ރަނގަޅު ކުރުމަށް ކަމަށެވެ. އަދި ސާނަވީ ނަތީޖާގައި ވެސް ކެޔޮދޫ ސްކޫލަކީ ރާއްޖޭގައި ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީއެއް ހޯދާ ދަރިވަރުން ތިިބި ސްކޫލެއް ކަމަށެވެ.
އެގޮތުން ފާއިތުވެ ދިޔަ ގިނަ އަހަރުތަކުގައި 5 މާއްދާއިން ފާސްވާ ނިސްބަތް ސައްތައިން ސައްތަ ކެޔޮދޫ ސްކޫލުން ހޯދާފައިވާ އިރު، އެ ސުކޫލުގެ ދަރިވަރުން ވަނީ ރާއްޖޭގެ ފެންވަރުގަޔާއި ދުނިޔޭގެ ފެންވަރުގައި ވެސް ރަން ވަނަތަކެއް ހޯދާފަ އެވެ. އަދި މިއަހަރު ވެސް ގްރޭޑް 10 އިން 5 މާއްދާއިން ފާސްވި އިން ސައްތަ ހުރީ 75 ޕަސެންޓު ގައެވެ.
ކެޔޮދޫ ސުކޫލުގައި ކީ-ސްޓޭޖް 5 އުފެއްދުމަށް ރަށުގެ ވެރިންނާއި ބެލެނިވެރިންނާއި މުދައްރިސުން އަދި ދަރިވަރުން ކުރި ބުރަ މަސައްކަތް ޕްރިންސިޕަލް ޒައީމާ ވަނީ ފާހަގަ ކުރައްވާފަ އެވެ. އަދި މި ކާމިޔާބު ހާސިލު ކުރުމަށް އަތޮޅު ކައުންސިލާއި ދާއިރާގެ މަޖިލިސް މެންބަރު އަދި އެޑިޔުކޭޝަން މިނިސްޓްރީއިން ފޯރުކޮށްދެއްވި އެހީތެރިކަން ޕްރިންސިޕަލް ވަނީ ޚާއްސަ ގޮތެއްގައި ފާހަގަ ކުރައްވާފަ އެވެ.
"އަޅުގަނޑު ބުނަން ބޭނުން ހުރިހާ ދަރިވަރުން ގާތު ވެސް ތިިޔައިން ކޮންމެ ދަރިވަރަކީ ވެސް ތާރީޚުގައި ނަން ފަވާލެވިފައިވާ ދަރިވަރުންނޭ. އަދި އޭލެވެލްގައި އިތުރަށް ތިޔަ ދަރިވަރުންގެ ނަން ފަވާލުމަށް ގަދައަޅާ މަސައްކަތް ކުރާށޭ." ޕްރިންސިޕަލް ވިދާޅުވި އެވެ.
މީގެ އިތުރުން ޒައީމާ ވިދާޅުވީ އަމިއްލަ ފަސްގަނޑުގައި، މައިންބަފައިންގެ ގާތު ތިބެގެން އޭލެެވެލް އިމްތިހާނު ހަދަން ލިބުމަކީ ނުހަނު ބޮޑު ފަޚުރެއް ކަމަށެވެ.
ޒައީމާ ވިދާޅުވީ ކެޔޮދޫ ސްކޫލުގެ ބެލެނިވެރިންނަކީ "ލާމަސީލު" ބައެއް ކަމަށާއި އެެއްބައިވަންތަކަމާއި އެކުވެރިކަން ނޫނީ ނުފެންނަ ކަމަށެވެ. ސްކޫލުގެ ކޮންމެ ކަމެއްގައި ވެސް އެއްވެސް ފަސްޖެހުމެއް ނެތި، ކުރަމުން އަންނަނީ ހިނިތުންވުމާއެކެ، އެއްވެސް ވަރުބަލިކަމެއް ނެތި ކަމަށް ވެސް ޒައީމާ ވިދާޅުވި އެވެ.
އޭލެެވެލް ހަދާ ދަރިވަރުންނަށް އަތޮޅު ކައުންސިލުން ދެއްވާ އެއްބާރުލެއްވުމަށް ޒައީމާ ވިދާޅުވީ ކްލާސް ރޫމުގެ ސެޓަޕް ހަދައިދިނީ އަތޮޅު ކައުންސިލުން ކަމަށެވެ. އަދި ސެޕްޓެމްބަރ 26 ގައި އޭލެވެލް ކިޔެވުން ފަށާ ދުވަހަށް 'އެދަރިވަރުންނަށް' ހޫނު މަރުހަބާއެއް ކިޔުމަށް ތައްޔާރުވަމުން އަންނަކަމަށް ވެސް ޒައީމާ ވިދާޅުވި އެވެ.
ޒައީމާ ވިދާޅުވީ ފައިބެއަހަރު އެ ސްކޫލުން އޯލެވެލް ހެދީ 9 ދަރިވަރުން ކަމަށާއި އޭގެތެރެއިން އޭލެވެލް ހެދޭ ފެންވަރަށް ފާސްވީ 6 ކުދިން ކަމަށެވެ.
މީގެ ކުރިން ތަޢުލީމީ ސިޔާސަތު އޮންނަގޮތުން ވަކި އަދަދަކަށް އޭލަވެލްއަށް ކިޔަވާނެ ކުދިން ހަމަވުމުން ނޫނީ ކީ ސްޓޭޖު 5 އަށް ކިޔަވައިދޭން ފެށުމުގެ ހުއްދަ އެއް ނުލިބެ އެވެ. އެހެންވެ، ރާއްޖޭގެ އެންމެ އާބާދީ މަދު އަތޮޅަކީ ވެސް ވ. އަތޮޅު ކަމަށްވާތީ، އޭލެވަލް އަށް ކިޔަވައި ދިނުމުގެ ފުރުޞަތު އެ އަތޮޅުގެ އެއްވެސް ސުކޫލަކަށް މިހާތަނަށް ލިބިފައެއް ނުވެ އެވެ.
ނަމަވެސް މި ސަރުކާރުގެ ތަޢުލީމީ ސިޔާސަތަށް ގެންނަވަމުން ގެންދަވާ ހެޔޮ ބަދަލު ތަކުގެ ތެރޭގައި ކޮންމެ އަތޮޅެއްގައި ވެސް މަދުވެގެން އެއް ސުކޫލުގައި އޭލެވެލްއަށް ކިޔަވައި ދިނުމަށް މިހާރުވަނީ ނިންމަވާފަ އެވެ.
އެގޮތުން ކެޔޮދޫ ސްކޫލަށް ވެސް މި ފުރުސަތު ލިބުނީ އެޑިޔުކޭޝަން މިނިސްޓްރީގެ ކީ ސްޓޭޖް 5 ގެ އައު ސިޔާސަތު 1 ސެޕްޓެމްބަރ 2021 ގެ ދަށުން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް