ޠޯލިބާނުގެ އިސްލާމީ ސަރުކާރު އެކުލަވާލުމުގެ އެންމެ ފަހުގެ މަސައްކަތްތައް ފަށައިފި

އަފްޣާނިސްތާނުގައި ޠާލިބާނުން ޤާއިމް ކުރާ އިސްލާމީ ސަރުކާރުގެ ވެރިއަކަށް ހައިބަތުﷲ އަޚުންޒާދާ ކަނޑައަޅާ، އައު ސަރުކާރު އެކުލަވައިލުމުގެ އެންމެ ފަހުގެ މަސައްކަތްތައް ޠާލިބާނުން ފަށައިފިއެވެ. ޠާލިބާނުގެ...

05 Sep 2021 | 04:31

އަފްޣާނިސްތާނުގައި ޠާލިބާނުން ޤާއިމް ކުރާ އިސްލާމީ ސަރުކާރުގެ ވެރިއަކަށް ހައިބަތުﷲ އަޚުންޒާދާ ކަނޑައަޅާ، އައު ސަރުކާރު އެކުލަވައިލުމުގެ އެންމެ ފަހުގެ މަސައްކަތްތައް ޠާލިބާނުން ފަށައިފިއެވެ.

ޠާލިބާނުގެ ތަރުޖަމާނެއް މައުލޫމާތު ދޭ ގޮތުގައި، ހައިބަތުﷲ އަޚުންޒާދާ ވެގެންދާނީ ދީނީ އަދި ސަރުކާރުގެ އެންމެ އިސް ލީޑަރަށެވެ.

ޠާލިބާނުން މުޅި އަފްޣާނިސްތާނު އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފައި ވަނީ ދާދި ފަހުން ނަމަވެސް، ޠާލިބާނުން ވަނީ ވޭތުވެ ދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި އެ ޤައުމުގައި އެ މީހުންގެ ވެރިކަން ހިންގާނެ ގޮތުގެ ގިނަ ޕްލޭންތަކެއް އެކުލަވާލާފައެވެ. ސިއްރުގައި ހިންގަމުން ދިޔަ ޠާލިބާނު ސަރުކާރަށް ދީފައިވާ ނަމަކީ އިސްލާމިކް އެމިރޭޓް އޮފް އަފްޣާނިސްތާނެވެ.

މި ސިއްރު ސަރުކާރަށް އޭރުއްސުރެ ޑިސްޓްރިކްޓް ފެންވަރުގެ އޮފިޝަލުންވެސް ވަނީ ކަނޑައަޅާފައެވެ.

ޠާލިބާނުން އައު ސަރުކާރު ރަސްމީކޮށް އިއުލާން ކުރާއިރު، ސަރުކާރުގެ މުހިންމު އިތުރު މަޤާމްތައް ފުރުމަށް ހަމަޖެހިފައިވާ މީހުންވެސް މި ހަފްތާގެ ބުރާސްފަތި ދުވަހާއި ހަމައަށް އިއުލާން ކުރާނެ ކަމަށް ބެލެވެއެވެ. މީގެ ތެރޭގައި ކޮމިއުނިކޭޝަން އަދި އިންޓީރިއަރ މިނިސްޓްރީ ފަދަ އިސް ވުޒާރާތަކުގެ އިސް މަޤާމްތައް ހިމެނެއެވެ.

ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް މި މައުލޫމާތު ބޭރުގެ މީޑިއާތަކާއި ހިއްސާ ކުރި ޠާލިބާނުގެ އޮފިޝަލު ބުނީ، އަދިވެސް ގިނަ މަޤާމްތަކާއި ގުޅޭ ގޮތުން މަޝްވަރާތައް ކުރިއަށް ދާ ކަމަށެވެ.

ކާބުލްއާއި ކަންދަހާރުގެ އޮފިޝަލުން ބޭރުގެ މީޑިއާތަކަށް މައުލޫމާތު ދިން ގޮތުގައި އަފްޣާނުގެ އައު އިސްލާމީ ސަރުކާރުގެ އެންމެ އިސް ލީޑަރަކަށް އަޚުންޒާދާ ވެގެން ދާއިރު، އޭނާ މިހާރުވެސް ގެންދަނީ ކަންދަހާރުގައި ޠާލިބާނުގެ ގިނަ ލީޑަރުންތަކަކާއި ބައްދަލު ކުރަމުން ކަމަށެވެ. އަދި މި ބައްދަލުވުންތަކުގައި ހައިބަތުﷲ އަޚުންޒާދާއާއި ޠާލިބާނު ލީޑަރުން މުޚާތަބު ކުރަނީ 'ޒައީމް' ނުވަތަ 'ރައްބާރު' ފަދަ ލަފުޒުތަކުން ކަމަށާއި، މި ލަފުޒުތަކަކީ ހައިބަތު އަންގައި ދިނުމަށްޓަކައި އީރާނުގެ ވެރިޔާ އާޔަތުﷲ ޚުމައިނީއަށް ބޭނުން ކުރާ ފަދަ ލަފުޒުތަކުގެ މާނަ ދޭހަވާ ފަދަ ލަފުޒުތަކެއް ކަމަށެވެ.

ޠާލިބާނުގެ ބިލާލް ކަރީމީއާއި ހަވާލާ ދީ ބްލޫމްބަރގް ނިއުސްއިން ވެސް ވަނީ ހައިބަތުﷲ އަޚުންޒާދާ ޠާލިބާނު ސަރުކާރުގެ އައު ލީޑަރެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށް ރިޕޯޓު ކޮށްފައެވެ.

އެންމެ އިސް ސުޕްރީމް ލީޑަރުގެ މަޤާމްގެ އިތުރުން، ދެން އެންމެ މުހިންމު މަޤާމެއް މި ސަރުކާރުގައި ލިބިގެން ދާނީ ސިރާޖުއްދީން ޙައްޤާނީއަށް ކަމަށް ބޭރުގެ މީޑިއާތަކުން ބުނެއެވެ. އޭނާއަކީވެސް ޠާލިބާނުގެ ޑެޕިއުޓީއެއްގެ އިތުރުން މުހިންމު އޮޕަރޭޝަންތަކުގައި އިސް ދައުރެއް އަދާ ކުރާ ލީޑަރެކެވެ.މީގެ އިތުރުން ޠާލިބާނު ހަރަކާތުގެ ބާނީ މުއްލާ މުޙައްމަދުގެ ދަރިފުޅު މައުލަވީ މުޙައްމަދު ޔައުޤޫބަށްވެސް މި ސަރުކާރުގައި އިސް މަޤާމެއް ލިިބިގެން ދާނެއެވެ.

ޠާލިބާނުގެ އައު ސަރުކާރު ރަސްމީކޮށް އިއުލާން ކުރާނެ ތާރީޚެއް ކަނޑައަޅައިފައި ނުވި ނަމަވެސް، ތަޖުރިބާކާރުން ޤަބޫލު ކުރާ ގޮތުގައި އައު ސަރުކާރު އެކުލަވައި ލުމުގައި ޠާލިބާނަށް ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހޭނެއެވެ. ޚާއްސަކޮށް އަފްޣާނިސްތާނުގެ ގިނަ ރައްޔިތުންނެއް ޤައުމު ދޫކޮށް ދިއުމާއި ގުޅިގެން އިންސާނީ އެހީ ހޯދުމުގައި އަދި އިޤްތިޞާދީ ގޮތުންވެސް ގިނަ އުނދަގޫތަކެއް ޠާލިބާނުގެ ސަރުކާރަށް ކުރިމަތި ވެގެން ދާނެ ކަމަށް ބެލެވެއެވެ.

އަދި ޠާލިބާނު ސަރުކާރެއްގެ ގޮތުގައި ބަލައިގަތުމާއި ދެކޮޅު ހަދާ، އެމެރިކާ ފަދަ ބޮޑެތި ޤައުމުތަކުން އަފްޣާނިސްތާނަށް ފޯރު ކޮށްދޭ އެހީ މެދުކަނޑާލާފައި ވުމުގެ ސަބަބުން އެ ޤައުމަށް ފައިސާގެ ދަތިތަކާއިވެސް ކުރިމަތިލާން ޖެހިގެން ދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް