ސްޓެލްކޯގެ ކަސްޓަމަރުން ކަރަންޓު ބޭނުންކުރާ ވައްޓަފާޅި ދެނެގަތުމަށް ވަރުގަދަ ދިރާސާއެއް ހެދުމަށް އެމްއެންޔޫއަށް

ކަރަންޓު ބިލްތަކާއި، ކަރަންޓު ބޭނުން ކުރާ މިންވަރު ދެނަގަތުމަށާއި، ކަރަންޓު އިގްތިސާދު ކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭ އިލްމީ ދިރާސާއެއް ހެދުމަށް ސްޓެލްކޯއިން  މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީއާއި ދ...

05 Aug 2024 | 16:13

ކަރަންޓު ބިލްތަކާއި، ކަރަންޓު ބޭނުން ކުރާ މިންވަރު ދެނަގަތުމަށާއި، ކަރަންޓު އިގްތިސާދު ކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭ އިލްމީ ދިރާސާއެއް ހެދުމަށް ސްޓެލްކޯއިން  މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީއާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ސްޓެލްކޯއިން ބުނެފައިވާގޮތުގައި މި ފަހުމުނާމާގެ މައިގަނޑު ދާއިރާއަކީ، ބިލްކުރުމުގައި ދިމާވާ އެކި މައްސަލަތަކުގެ އަސްލު ސަބަބުތައް ދިރާސާކޮށް، ކަރަންޓު ބޭނުންކުރާ ވައްޓަފާޅި (ކޮންސިއުމަންޓް ޕެޓަރންސް) އާއި މޫސުމީ ބަދަލުގެ ސަބަބުން އެކަމަށް ކުރާ އަސަރު ދެނެގަނެ، ބިލްކުރުމުގެ ނިޒާމުގައި ހާމަކަން ބޮޑުކަމާއި، ޞައްޙަކަމާއި، ކަސްޓަމަރުންގެ ހިތްހަމަޖެހުން އިތުރުކުރުމަށް އިސްތިރާޖުތައް އެކުލަވާލުމެވެ.

މި ދިރާސާގައި ވޭތުވެދިޔަ 10 އަހަރު (2014 އިން 2024 އަށް) ގެ ޑޭޓާ އިވެލުއޭޓް ކުރާނެ ކަމަށާއި މި ދިރާސާގެ އަސާސީ މަޤްޞަދަކީ ބައެއް ކަންކަން ޙާޞިލްކުރުމަށް ސްޓެލްކޯގެ ކަރަންޓް ބިލްތަކުގެ ފުރިހަމަ ދިރާސާއެއް ކުރުމެވެ.

ދިރާސާގެ އަލީގައި ހާސިލުކުރަން ބޭނުންވާ ކަންކަން:

  • ކަރަންޓު ބޭނުންކުރާ ވައްޓަފާޅި
  • ބިލްކުރުމުގެ ޞައްޙަކަން ވަޒަންކުރުން
  • ހަކަތައިގެ ކުރުންތެރިކަން (އެނަރޖީ އެފިޝަންސީ) އިތުރުކުރުމަށް ހުރި ފުރުޞަތުތައް ދެނެގަތުން
  • ކަސްޓަމަރުންގެ ހިތްހަމަޖެހުން
  • މާލީ ގޮތުން މަސައްކަތް ކުރެވޭ ފެންވަރު

މީގެ އިތުރުން މި ދިރާސާއިން ޙާޞިލްކުރަން ބޭނުންވާ ކަންކަމަކީ    ކަސްޓަމަރުންގެ އެކި ކެޓަގަރީތަކުގެ (ރެސިޑެންޝަލް، ކޮމާޝަލް، އިންޑަސްޓްރިއަލް) ކަރަންޓު ބޭނުންކުރާ ވައްޓަފާޅި ދެނެގަތުމާއި އެންމެ ގިނައިން ކަރަންޓު ބޭނުންކުރާ ވަގުތުތަކާއި، މޫސުމީ ބަދަލުގެ ސަބަބުން ކަރަންޓު ބޭނުންކުރާ ވައްޓަފާޅިއަށް ކުރާ އަސަރު ދެނެގަތުމާއި މީޓަރ ކުރެވިފައިވާ ޔޫސޭޖް ޑޭޓާ އާއި ބިލްކުރެވޭ އަދަދުތަކާ އަޅާކިޔައިގެން ކަރަންޓް ބިލްތަކުގެ ޞައްޙަކަން ކަށަވަރުކުރުމާއި ބިލްކުރުމުގައި ގޯސްތަކެއް ހުރިނަމަ، ހުރި ގޯސްތަކާއި ހުރި މިންވަރު ދެނެގަނެ އަދަދުކުރުމެވެ.

އަދި ހަމަ އެހެންމެ ކަސްޓަމަރުންނަށް ކަރަންޓް ބޭނުންކުރުން މަދުކޮށް، ޚަރަދު ކުޑަކުރެވޭނެ ދާއިރާތައް ދެނެގަތުމާއި ކަރަންޓް ބިލާ ގުޅޭގޮތުން ކަސްޓަމަރުންގެ ޝަކުވާތަކާއި ޚިޔާލު ދެނެގަތުމާއި ކުންފުނީގެ އިސްތިރާޖު ކަނޑައެޅުމާއި ގޮތް ނިންމުމުގެ މަރުޙަލާތަކަށް އެހީތެރިވުމަށްޓަކައި ޚިޔާލުދީ، ތަފާސް ހިސާބާއި ދިރާސާގެ މައްޗަށް ބިނާކުރާ މަޝްވަރާ ފޯރުކޮށްދިނުން ހިމެނޭކަމުގައިވެސް ސްޓެލްކޯއިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް