ރޭގެ މެންދަމާއި ފަތިހު ކަނޑުމަތީ ގިނަ ހާދިސާތަކަކަށް އެޓެންޑްވެފައިވާކަމުގައި ކޯސްޓްގާޑުން ހާމަކޮށްފިއެވެ.
އެގޮތުން ކަނޑުމަތީގެ ހަ ހާދިސާއެއްގެ މައުލޫމާތު އެމްއެންޑީއެފް އިން ވަނީ މީޑިއާތަކާއި ހިއްސާކޮށްފައެވެ. އޭގެތެރެއިން އެއް ހާދިސާއަކީ ނުވަ ފަތުރުވެރިންނާ ފަސް ފަޅުވެރިންނާއެކު ދަތުރުކުރި 'ކޮޅުލިޔާ' ނަމަކަށްކިޔާ ސަފާރީ ތިމަރަފުށި އެއަރޕޯޓް ބީޗަށް ލައްވުމުގެ ހާދިސާއެވެ.
"މިހާރު މީހުން ތިބީ އެރަށު ގެސްޓްހައުސްއެއްގައި، އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭ، މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ 01:10 ހާއިރު" އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
ދެވަނަ ހާދިސާއަކީ ތ.އަތޮޅު ތެރެއިން ބާޖެއް ކަފު ޖަހައިގެން ދަތުރުކުރި ޓަގު ބޯޓެއް މޫސުން ގޯސްވެ ވައު ކަނޑައިގެންދިއުމުގެ ހާދިސާއެވެ. މިވަގުތު ބާޖު އޮތީ ގ. ގުރައިދޫ ކައިރިއަށް ބީހިފައި ކަމަށާއި ޓަގު ބޯޓް އޮތީ އެސަރަހައްދުގައި އެންކަރުކޮށްގެން ކަމަށާއި އަދި މިހާދިސާގެ ރިޕޯޓް ލިބިފައިވަނީ 02:54 ހާއިރުކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
ތިންވަނަ ހާދިސާއަކީ "ފިޝްމަން" ނަމަކަށް ކިޔާ މަސް ދޯންޏެއް ލ. އަތޮޅަށް ދަތުރުކުރަނިކޮށް ލ. ހިތަދޫގެ 23 މޭލު ބޭރުން ދިޔަވުމުގެ ހާދިސާއެވެ. ހާދިސާގެ ރިޕޯޓް ލިބިފައިވަނީ 03:20 ހާއިރު ކަމަށާއި މިދޯނި މިހާރު ވަނީ މަޑުމަޑުން ދުއްވާފައި ގޮސް ލ. ހިތަދޫ ބަނދަރަށް ވަދެފައި ކަމަށާއި މިހާދިސާގައި ހަރަކާތްތެރިވެފައިވަނީ ފާސްޓް އިންޓަރ ސެޕްޓަރ ކްރާފްޓް "މާފަތް" ކަމުގައި އެމްއެންޑީއެފްއިން ބުނެއެވެ.
ހަތަރުވަނަ ހާދިސާއަކީ ހަ މީހުންނާއެކު ދަތުރުކުރި ' ބިނާ ކާގޯ' ކިޔާ ސަޕްލައި ދޯންނެއް ލ. ހިތަދޫގެ 11 މޭލު ބޭރުން އިންޖީން ހުއްޓި ދިޔަވުމެވެ. ރޭގެ 02:43 ހާއިރު ހިނގި އެ ހާދިސާއަށް ބަލާއިރު މިހާރު މިދޯނި އިތުރު ދޯންޏެއްގެ އެހީގައި ކަފުޖަހައިގެން ދަތުރު ކުރަމުން އަންނަކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
ފަސްވަނަ ހާދިސާއަކީ 10 މީހުންނާއެކު ދަތުރުކުރި ސައުތު އެކްސްޕްރެސް ދޯނި ދިޔަވުމުގެ ހާދިސާއެވެ. ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު މި ދޯނި ވަނީ މިއަދު ހެނދުނު 09:00 ހާއިރު ލ.މާމެންދޫ ބަނދަރަށް ވައްދާފައިކަމަށާއި މިހާދިސާގެ ރިޕޯޓް ލިބިފައިވަނީ 02:48 ހާއިރު ކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.
ހަ ވަނަ ހާދިސާއަކީ 80 ފޫޓްގެ "ފާގަތި" ނަމަކަށް ކިޔާ ދޯންޏަށް ދިޔަވަމުންދިޔަ ހާދިސާއެވެ. އެ ހާދިސާއާއި ގުޅިގެން ސެންޓްރަލް އޭރިއާ ކޮމާންޑް ދ.ކުޑަހުވަދޫ ޕޯސްޓްގެ ސިފައިން ހަރަކާތްތެރިވެ ދޯނީގައި ހުރި ބިދޭސީ ފަޅުވެރިއަކަށް އަނިޔާވެ އިތުރުފަރުވާއަށް ފ.ނިލަންދޫ ހޮސްޕިޓަލަށް ގެންގޮސް ދިނުމަށް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު އެ މީހާ ވަނީ ނިލަންދޫއަށް ގެންގޮސްދީފައިކަން އެމްއެންޑީއެފްއިން ފާހަގަކުރެއެވެ. އެމްއެންޑީއެފް އިން ބުނެފައިވާގޮތުގައި އެ ހާދިސާގެ ރިޕޯތް ލިބިފައިވަނީ 05:00 ހާއިރުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް