ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. އަލީ ހައިދަރަށް މިއަދު މަޖިލީހަށް ވަޑައިނުގަނެވޭގޮތް މެދުވެރިވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިއަދު އެޖެންޑާކޮށްފައި އޮތް އެއް ކަމަކީ ވަޒީރާ ސުވާލު ކުރުމެވެ. ސުވާލު ކުރަން ހުށަހެޅުއްވި މެންބަރަކީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
ރިޔާސަތުން މިއަދު ވިދާޅުވީ ކުއްލި އާއިލީ ކަމެއް ދިމާވެ ވަޒީރަށް ހާޒިރުވެވެވެން ނެތްކަން އަންގާފައިވާކަމަށެވެ.
ކުޑޫ ކުރަން ނިންމާފައިވާކަމަށް ބުނެފައިވާ ސުވާލުތަކަށް ބަލާއިރު ގުޅީފަޅުން ބިން ލިބުނު ފަރާތްތަކަށް އިން ވަކިކޮށް ބިން ހަވާލުކުރަން ފެށޭނެ ތާރީހެއް ސާފު ކުރުމާއި ބިންވެރިޔާ ސްކީމުގެ ދަށުން ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ދީފައިވާ ގޯތިތައް އެ ގޯތިތަކުގެ ވެރިފަރާތްތަތަކަށް ހަވާލުކުރެވޭނެ ތާރީހެއް ސާފު ކުރުމުގެ އިތުރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަމުންދާ 4000 ފްލެޓް ކާމިޔާބުވި ފަރާތްތަކަށް ފްލެޓްތައް ހަވާލުކުރެވޭނެ ތާރީހެއް ސާފުކުރުން ހިމެނެއެވެ.
ވަޒީރަށް މިއަދު ހާޒިރު ނުވެވުމުން ރިޔާސަތުން އިއުލާނުކުރެއްވީ ދެން އެންމެ އަވަހަކަށް އެޖެންޑާ ކުރެވެން އޮތް ދުވަހަކަށް ސުވާލުކުރުން އެޖެންޑާކުރައްވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް