ރާއްޖޭގެ އެކި ހިސާބުތަކަށް މާދަމާވެސް އުދަ އަރާފާނެތީ އެކަމަށް ސަމާލުވާން ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން އިލްތިމާސް ކޮށްފިއެވެ.
ޑިޒާސްޓަރއިން ބުނީ، ރާއްޖޭގެ އެކި ހިސާބުތަކަށް އުދަ އަރާކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށެވެ. އެގޮތުން މާލޭގެ ހައި-ވޭ އާއި ހެންވޭރަށް އުދައިގެ އަސަރު ކޮށްފައިވާ ކަމަށެވެ.
މިރެއާއި މާދަމާވެސް އުދަ އަރާފާނެ ކަމަށް މެޓް އޮފީހުން މައުލޫމާތުދޭ ކަމަށް ޑިޒާސްޓަރއިން ބުނެޏެވެ. އެހެންކަމުން މުދަލާއި ގެދޮރަށް ލިބިދާނެ ގެއްލުމަކަށް ރައްކާތެރިވެ ރިބުމަށް ޑިޒާސްޓަރއިން ވަނީ އިލްތިމާސް ކޮށްފައެވެ.
އެގޮތުން ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި:-
- އުދަ އަރައި ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވުން
- ގެއަށް ފެން ނުވަންނާނެހެން ރައްކާތެރި ފިޔަވަޅު އެޅުން. އެގޮތުން ގޭގެ ދޮރުމަތީ ވެލިބަސްތާ ފަދަ ތަކެތި ޖެހުން
- ގޭތެރޭގައި ފެންބޮޑުވެއްޖެ ހިނދެއްގައި ގެއްލުންވެދާނެ މުދާ ފެން ނުޖެހޭ ފަދަ އުސްތަންތަނަށް ބަދަލުކުރުން. އުސް ތަންތަނަށް ބަދަލު ނުކުރެވޭ ތަކެތި ފެނުގެ އަސަރު ނުފޯރާ ތަނަކަށް ބަދަލުކުރުން
- ބަނދަރު ސަރަހައްދު ގައި އެއްގަމު އުޅަނދު ޕާކު ނުކުރުން
- ބަނދަރުގައި އަޅާފައިވާ އޮޑި ދޯނިފަހަރު ވާ ކަނޑައިގެން ނުދާނެ ފަދައިން އެއްސުން
- މާލެ އަދި ހުޅުމާލެ ބްރިޖުން ދަތުރު ކުރައްވާ ފަރާތްތަކުން، ހާއްސަކޮށް ދިޔަވަރު ބޮޑުވާ ގަޑީގައި ދަތުރު ކުރުމުގައި އިތުރަށް ސަމާލުވުން
- ކުރިމަތިވެދާނެ އާއްމު ސިއްހީ މައްސަލައަކުން ސަލާމަތްވުމަށް އުދައާއި އެކު ރަށުތެރެއަށް ފެތުރޭ ކުނިބުނި އަވަހަށް ސާފުކުރުމަށް ސަމާލުކަން ދެއްވުން
މިހާރު ރާއްޖެއަށް އަރަމުން އަންނަ އުދައިގާ މާލެ ހުޅުމާލެ ހައިވޭއަށް އެރި އުދައިގެ ރާޅުތަކުގައި ބަޔަކަށް އަނިޔާވެ ވެހިކަލްތަކަކަށް ވަނީ ލިބިފައެވެ.
އެ މަންޒަރު ފެންނަ ބައެއް ވީޑިއޯއާއި ފޮޓޯ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު ގެއްލުންވި ސައިކަލުތައް ކައިރީގައި މަޑުކޮށްލައިގެން ތިބޭ މީހުން އެ ވީޑިއޯއިން ފެނެއެވެ.
އަނެއް ވީޑިއޯއިން ފެންނަނީ އެއާޕޯޓް ފަޅިން ބްރިޖް ލައިޓްގައި ތިބެފައި ލައިޓް ގްރީން ވުމުން ނައްޓާލި ވަގުތު ޖެހި ރާޅެއްގައި ގިނަ ބަޔަކު ސައިކަލްތަކާއެކު ކަހާލައިގެން ސައިކަލާއެކު ވެއްޓޭ މަންޒަރެވެ.
މިފަދަ ހާދިސާތައް ހިނގަމުން އަންނައިރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އުދައިގެ އަސަރުކުރާނެކަމަށް ލަފާކޮށް މެޓުން ދާދި ދެންމެއަކު ހުދު ސަމާލުވެސް ނެރެފައިވެއެވެ.
މާލޭގެ އިތުރުން ރާއްޖޭގެ ބައެއް އެހެން ރަށްރަށަށްވެސް އުދައިގެ އަސަރު ކުރަމުން އަންނަކަމަށް އެ ރަށްރަށުން އަންނަނީ ރިޕޯޓް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް
