މިއަދު މާލެއަށް އުދައެރުމުގެ ސަބަބުން ގެއްލުންވި ސައިކަލު ތަކަށް ލިޓަސްއިން ހިލޭ ސާވިސް ކޮށްދޭން ނިންމައިފިއެވެ.
ލިޓަސްއިން ބުނީ މި ލިބުނު ގެއްލުމުގައި ސައިކަލުގެ ޕާޓެއް ކޮންމެހެން ބަދަލުކުރަންޖެހޭނަމަ އަދި ލިޓަސްއިން ލިބެން ހުރި ޕާޓެއް ކަމުގައިވާނަމަ ހިލޭ ބަދަލުކޮށްދޭނެ ކަމަށެވެ.
"މިއަދު މާލޭގެ އެކި ހިސާބުތަކަށް އުދަ އަރާ ގެއްލުން ލިބުނު ސައިކަލުތަކަށް ލިޓަސް ސާވިސް ސެންޓައިން ހިލޭ ސާވިސް ކޮށްދިނުމަށް ނިންމާފައިވާ ވާހަކަ ދަންނަވަން" ލިޓަސްއިން ބުންޏެވެ.
މިހާރު ރާއްޖެއަށް އަރަމުން އަންނަ އުދައިގާ މާލެ ހުޅުމާލެ ހައިވޭއަށް އެރި އުދައިގެ ރާޅުތަކުގައި ބަޔަކަށް އަނިޔާވެ ވެހިކަލްތަކަކަށް ވަނީ ލިބިފައެވެ.
އެ މަންޒަރު ފެންނަ ބައެއް ވީޑިއޯއާއި ފޮޓޯ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު ގެއްލުންވި ސައިކަލުތައް ކައިރީގައި މަޑުކޮށްލައިގެން ތިބޭ މީހުން އެ ވީޑިއޯއިން ފެނެއެވެ.
އަނެއް ވީޑިއޯއިން ފެންނަނީ އެއާޕޯޓް ފަޅިން ބްރިޖް ލައިޓްގައި ތިބެފައި ލައިޓް ގްރީން ވުމުން ނައްޓާލި ވަގުތު ޖެހި ރާޅެއްގައި ގިނަ ބަޔަކު ސައިކަލްތަކާއެކު ކަހާލައިގެން ސައިކަލާއެކު ވެއްޓޭ މަންޒަރެވެ.
މިފަދަ ހާދިސާތައް ހިނގަމުން އަންނައިރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އުދައިގެ އަސަރުކުރާނެކަމަށް ލަފާކޮށް މެޓުން ދާދި ދެންމެއަކު ހުދު ސަމާލުވެސް ނެރެފައިވެއެވެ.
މާލޭގެ އިތުރުން ރާއްޖޭގެ ބައެއް އެހެން ރަށްރަށަށްވެސް އުދައިގެ އަސަރު ކުރަމުން އަންނަކަމަށް އެ ރަށްރަށުން އަންނަނީ ރިޕޯޓް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް
