ޕީއެންސީ ގެ ކެންޑިޑޭޓަކީ ޕީޕީއެމްގެ ގެ ކެންޑިޑޭޓް ކަމަށް ނިންމާފައިވާ ކަމަށް ބުނެ ބައެއް ނޫސްތަކުގައި ލިޔެފައިވާ ޚަބަރަކީ ދޮގު ޚަބަރެއް ކަމަށް ޕީޕިއެމްއިން ބުނެފިއެވެ.
ޕީޕީއެމްއިން ބުނީ، ޕީޕީއެމްގެ ޕްލޭން ބީ އެއް ވުޖޫދުކޮށް ޕީއެންސީއިން ނެރޭ ކެންޑިޑޭޓަކީ ޕީޕީއެމްގެ ކެންޑިޑޭޓެއްކަމަށް ނިންމައިފިކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރަމުން ގެންދާ ޚަބަރަކީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށާއި ޒިންމާދާރު ނޫސްވެރިކަން ކުރައްވާއިރު، ކަމުގެ ޙަޤީޤީ މާއުލޫމާތު ހޯއްދެވުމަށްފަހު ނޫން ގޮތަކަށް ނޫސްތަކުގައި ނުލިޔުއްވުމަށް ގޮވާލާ ކަމަށެވެ.
ޕީޕީއެމްގެ ފަރާތުން ޕީއެންސީ ގެ ރިޔާސީ ކެންޑިޑޭޓް އެންޑޯޒް ކުރަން ނިންމައި ޕީޕީއެމްގެ ޕްލޭން ބީއެއްގެ ގޮތުގައި ވުޖޫދުކޮށްފައި ނުވާނެ ކަމަށް ޕީޕީއެމްއިން ބުންޏެވެ.
" ޕީޕީއެމުން ޕްލޭން ބީ ނުވަތަ ސީ އަކާމެދު ވިސްނާނީ، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ވާދަ ނުކުރެއްވޭނެ ޙާލަތެއް މެދުވެރިވުމުން އެކަނި" ޕީޕިއެމްއިން ބުންޏެވެ.
މީގެ އިތުރުން އެ ޕާޓީން ބުނީ، ދިވެހިރާއްޖޭގައި މިވަގުތު އިދިކޮޅުގައި އޮތް އެންމެ ބޮޑު ޕާޓީ، ޕީޕީއެމް ގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ކަމަށެވެ.
ޕީޕީއެމްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ތަދަޚުލުވެ ވަކާލާތު ކުރަމުން ދަނީ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑަސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ނުބައިކޮށް ތަތުބީޤުކޮށްގެން ކަމާއި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ކެންޑިޑަސީ ބަލައިގަތުމަށް ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ޢަމަރުކޮށްދިނުމަށް ކަމަށް އެ ޕާޓީން ބުންޏެވެ.
އަދި ޕީޕީއެމްގެ ކެންޑިޑޭޓަށް ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުޞަތު ގެއްލޭނަމަ، ޕީޕީއެމަށް ކެންޑިޑޭޓަކު ނެރުމުގެ ފުރުޞަތު ލިބިދިނުމުގެ އަމުރެއް ނެރެވޭތޯ މަސައްކަތް ކުރަމުން ދާކަމަށް ޕީޕިއެމްއިން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް