ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓަކަށް ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) ހަމަޖެއްސުމާއިމެދު މަޝްވަރާކޮށްފިއެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އެފަދަ މަޝްވަރާތަކެއް ފުޅާދާއިރާއެއްގައި ކޮށްފައިވެއެވެ. އެހެން ނަމަވެސް ސެމްބެއަކީ ނައިބު ރަނިންމޭޓުކަމުގައި ފައިނަލްކުރިކަން ކަށަވަރެއް ނޫނެވެ.
ރައްޔިތުންގެ މަޖިލީހުގައި ފަރެސްމާތޮޑާ ދާއިރާ ތަމްސީލުކުރައްވާ ސެމްބެ، މުއިއްޒުގެ ރަނިންމޭޓެއްގެ ގޮތުގައި ކަނޑައެޅުމާއިމެދު މަޝްވަރާކޮށްފައިވާއިރު އެއް ކޯލީޝަނެއްގައި އޮތް ޕީޕީއެމްއިންވެސް އިތުރު ކެނޑިޑޭޓަކު ނެރެދާނެކަމުގައި މިވަނީ ބެލެވިފައެވެ.
އެގޮތުން ޕީޕީއެމްގެ މިހާރުގެ ކެނޑިޑޭޓް ރައީސް ޔާމީނަށް އިންތިހާބީ ހައްގުގެ ފުރުސަތު ނެތްކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާ ހާލަތެއްގައި އެ ޕާޓީން އިތުރު ކެނޑިޑޭޓަކު ނެރެން ވަގުތާއި ފުރުސަތު ދިނުމުގެ އަމުރަކަށް އެ ޕާޓީން ސުޕްރީމް ކޯޓުގައި އެދިފައިވެއެވެ.
އެހެންނަމަވެސް ޕީއެންސީން ކެނޑިޑޭޓަކު ނެރެން ނިންމީވެސް ރައީސް ޔާމީނަށް ވާދަ ނުކުރެވިދާނެފަދަ ހާލަތެއް އަތުވެދާނެކަމަށް ބަލައި ބެކަޕް ޕްލޭނެއްގެ ދަށުން ކަމަށް ހާމަކޮށްފައިވެއެވެ.
ޕީއެންސީގެ ޓިކެޓު ޑރ. މުއިއްޒު ކާމިޔާބު ކުރެއްވީ އާދަމް ޝަރީފް އުމަރާއި ވާދަކޮށްގެންނެވެ. އެ ޕާޓީގެ ކެނޑިޑަސީއަށް އެދުމަށް ހުޅުވާލި ފުރުސަތުގައި އެކަމަށް ކުރިމަތިލެއްވީ ޑރ. މުއިއްޒުއާއި އާދަމް ޝަރީފް އުމަރެވެ. ސެނެޓުންގެ މެދުގައި ނެގި ވޯޓުން ކާމިޔާބު ކުރެއްވީ ޑރ. މުއިއްޒެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް