ޔުނައިޓެޑު ކޯޗު ޓެން ހާގް ރޮނާލްޑޯގެ ދިފާއުގައި ތެދުވެއްޖެ

ޕޯޗުގަލް އާއި މެންޗެސްޓަރ ޔުނައިޓެޑުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާއި ގުޅޭ ގޮތުން ދުނިޔޭގެ ވަށައިގެންވާ މީޑިއާތަކުން ފަތުރަނީ އެއްވެސް ހަޤީޤަތެއް ނެތް ދޮގު ބުހުތާނު ވާހަތަކެއް ކަމަށް މެންޗެސްޓަރ ޔުނައ...

05 Aug 2022 | 17:01

ޕޯޗުގަލް އާއި މެންޗެސްޓަރ ޔުނައިޓެޑުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާއި ގުޅޭ ގޮތުން ދުނިޔޭގެ ވަށައިގެންވާ މީޑިއާތަކުން ފަތުރަނީ އެއްވެސް ހަޤީޤަތެއް ނެތް ދޮގު ބުހުތާނު ވާހަތަކެއް ކަމަށް މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ބްރައިޓަން އާއި ދެކޮޅަށް ޔުނައިޓެޑު ކުޅެން ހަމަޖެހިފައިވާ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ރޮނާލްޑޯއާއި ގުޅޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެމުން ޓެން ހާގް ބުނީ ރޮނާލްޑޯ އާއި ގުޅޭ ގޮތުން ދުނިޔޭގެ މީޑިއާގައި ދެކެވެމުން ދަނީ އެއްވެސް ހަޤީޤަތެއް ނެތް ދޮގުބުހުތާނު ވާހަކަތަކެއް ކަމަށާއި އެކަމުގައި އެއްވެސް ހަޤީޤަތެއް ނުވާކަމަށެވެ.

ޓެން ހާގް ބުނީ ރޮނާލްޑޯ ކުލަބު ދޫކޮށްލަން ބޭނުން ވާކަން ކުލަބަށް އަންގާފައިވާ ވާހަކަ އަކީ ހަޤީޤަތެއް ކަމަށާއި ނަމަވެސް އޭގެ އިތުރުން މީޑިއާގައި ރޮނާލްޑޯއާއި ގުޅޭ ގޮތުން ފަތުރާފައިވަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. މީގެ އިތުރުން ޓެން ހާގް ބުނީ ޕްރިސީޒަނުގައި އެންމެ ފަހުން ރަޔޯ ވައެކާނޯ އާއި ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމުނު ވަގުތު ސްޓޭޑިއަމް ދޫކޮށް ރޮނާލްޑޯ ދިއަކަމަށް ބުނެ މީޑިއާގައި ދޮގުވާހަކަތަކެއް ދައްކާފައިވާ ކަމަށެވެ. އޭނާ ބުނީ ރޮނާލްޑޯ ސްޓޭޑިއަމް ދޫކޮށް ދިއަ ވާހަކައަކީ ހަޤީޤަތެއް ކަމަށާއި ނަމަވެސް އެވަގުތު ސްޓޭޑިއަމް ދޫކޮށްފައި ދިޔައީ ރޮނާލްޑޯ އެކަނި ނޫން ކަމަށެވެ. ރޮނާލްޑޯގެ އިތުރުން ޔުނައިޓެޑުގެ ވަރަށް ގިނަ ސީނިއަރ ކުޅުންތެރިން ދިޔަކަމަށް ޓެން ހާގް ބުންޏެވެ. ނަމަވެސް މީޑިއާގައި ހަމަ އެކަނި ދެކެވުނީ ރޮނާލްޑޯގެ ވާހަކަ ކަމަށާއި އެއީ އެކަން ވާންޖެހޭ ގޮތް ނޫން ކަމަށް ޓެން ހާގް ބުންޏެވެ.

އިތުރަށް ޓެން ހާގް ބުނީ ހަމަ އެކަނި ރޮނާލްޑޯގެ އަގު ވެއްޓޭ ގޮތަށް މީޑިއާގައި ފާޑުފާޑުގެ ވާހަކަ ދެކެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ރޮނާލްޑޯ އެވަގުތު ސްޓޭޑިއަމް ދޫކޮށް ދިޔަދިއުމަކީ އެއްވެސް ގޮތަކަށް އޭނާ ކުއްވެރި ވުން ނޫން ކަމަށް ވެސް ޓެން ހާގް ވަނީ ބުނެފައެވެ.

" އަހަރެން ހިތާމަކުރަން، ރޮނާލްޑޯއާއި ގުޅޭގޮތުން އެއްވެސް ހަޤީޤަތެއް ނެތް ދޮގު ވާހަތައް މީޑިއާގައި ފަތުރާތީ. އެފަދަ ވާހަތައް ފަތުރަނީ މަސްލަހަތު ނަގާލާ ފިތުނަ އުފައްދަން. އެކަން އަހަރެން ބަލައެއް ނުގަންނަން. ޕްރިސީޒަން އެންމެ ފަހު މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުމުން ސްޓޭޑިއަމް ދޫކޮށް ދިޔައީ ހަމަ އެކަނި ރޮނާލްޑޯއެއް ނޫން. އެހެން ކުޅުންތެރިންވެސް ދިޔަ. އެހެން ނަމަވެސް މީޑިއާގައި ދެކެވުނީ ހަމަ އެކަނި ރޮނާލްޑޯގެ ވާހަކަ. ރޮނާލްޑޯގެ އަގު ވައްޓާލަން މަސައްކަތް ކުރުމަކީ އަހަރެން ބަލައިގަންނާނޭ ކަމެއް ނޫން." ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޓެން ހާގް ބުންޏެވެ.

ޓެން ހާގް އިތުރަށް ބުނީ ރޮނާލްޑޯ އަކީ ޕްރޮފެޝަނަލް ކުޅުންތެރިއެއް ކަމަށާއި އޭނާ އަދިވެސް ހުރީ ޔުނައިޓެޑާއި އެކު ކުރިޔަށް ދާން ކަމަށެވެ. އަދި ރޮނާލްޑޯ ވަނީ ކުރިޔަށް އޮތް ސީޒަނުގައި ކުޅުމަށް ޔުނައިޓެޑުން އެކުލަވާލި ސްކޮޑުގައިވެސް ހިމެނިފައި ކަމަށާއި އޭނާ ކުލަބުގައި ހުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ވެސް ޓެން ހާގް ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް