ދިވެހި ދައުލަަތަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ މއ. ހައިވަކަރުގޭ އަހްމަދު ޔޫސުފް (ހައިވަކަރު އަހުމަދުފުޅު) އަވަހާރަވެއްޖެއެވެ.
އޭނާ އަވަހާރަވީ ގިނަ ދުވަސްތަކަކު އާލާސްކަންފުޅާ އުޅުއްވުމަށްފަހު ރޭ ފަތިހުގެ ވަގުތެއްގައެވެ.
ރާއްޖޭގެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު އަމީންގެ ވެރިކަމުގައި ފުރަތަމަ ފަހަރަށް ފުޓްބޯޅައިގެ ތަމްރީން ދިނުމަށް މަޖީދިއްޔާ ސްކޫލުން ނެގި 24 ކުދިންގެ ތެރެއިން ގޯލްކީޕަރަކަށް ނެގި ދަރިވަރު މަރްހޫމް ހައިވަކަރު އަހްމަދު ފުޅު އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ ސިފައިންގޭގައެވެ.
އެގޮތުން 25 އަހަރު ސިފައިންގޭގެ ޚިދުމަތުގައި އުޅުއްވުމަށްފަހު ކެޕްޓަން ރޭންކުގައި ހުންނެވުމަށްފަހު ވަޒީފާއިން ވަކިވެވަޑައިގަތީ 1978 ވަނަ އަހަރުއެވެ. އަދި އޭނާ ވަނީ ޅ. އަތޮޅާއި މ. އަތޮޅާއި އައްޑު އަތޮޅުގެ އަތޮޅުވެރިކަން ވެސް ކުރައްވާފައެވެ.
މީގެ އިތުރުން ދައުލަތުގެ އެކި އިދާރާތަކުގައި އިސް މަގާމުތަކެއް ވެސް ފުރުއްވާފައިވާއިރު، މަޖީދިއްޔާ ސްކޫލުން ތަޢުލީމު ހާސިލުކުރެއްވި ހައިވަކަރު އަޙުމަދު ފުޅަކީ ސަރުކާރުގެ ވަޒީފާ އަދާކުރެއްވުމުގައި ގަވާޢިދާ އެއްގޮތްވާގޮތުގެ މަތީން، އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި މުއައްޒިފުންނާއި ގުޅިވަޑައިގެން، ސަރުކާރުގެ ކަންތައްތައް ރަގަޅުކުރެއްވުމަށް މަސައްކަތްކުރައްވާފައިވާ ޚިދުމަތްތެރި އެކެވެ.
ހޮބީއެއްގެ ގޮތުން ޓީވީ ބެއްލެވުމާއި ރޭޑިޔޯ އަޑުއެއްސެވުމާއި ނޫސް މަޖައްލާ ވިދާޅުވާ ހައިވަކަރު އަހްމަދު ފުޅަކީ ޚާއްސަކޮށް ފުޓްބޯޅަ އަށް ވަރަށް ބޮޑަށް ލޯބިކުރައްވާ ބޭފުޅެކެވެ.
އަޙްމަދު ފުޅުގެ ބައެއް ބޭފުޅުންގެ ތެރޭގައި ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މަޝްހޫރު ކުޅިވަރު ޝަޚުސިއްޔަތު އަހްމަދު މައުރޫފް (މާއްޓެ) އާއި މުނިފޫހި ފުލުވުމުގެ ދާއިރާގައި ސްކްރިޕްޓް ލިޔުއްވާ މަހްދީ އަހްމަދާއި ގައުމީ ޔުނިވަރސިޓީގެ ޑީން އޮފް ސްޓޫޑަންޓްސް ލީލާ އަހްމަދާއި ފިޓްނަސް ދާއިރާގެ ތަޖުރިބާކާރު މުހައްމަދު މިސްޠާހް (މިސްތޯ) އާއި ތޫމާ އަހްމަދު ފަހަގަކޮށްލެވެއެވެ.
ހައިވަކަރު އަހްމަދު ފުޅުގެ ކަށުނަމާދު އޮތީ މިއަދު ޢަޞުރު ނަމާދަށް ފަހު މަސްޖިދު ތަޢާވުން (މާލޭ އާސަހަރާ) ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް