މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ސްޕޯކްސްޕަރސަންގެ މަގާމަށް ކުރީގެ ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ހަމަޖައްސައިފިއެވެ.
އެ މަގާމުގައި ކުރިންހުންނެވި އަސްރާ އަހްމަދު މަގާމުން އިސްތިއުފާ ދެއްވުމުން ޝިދާތާ އެ މަގާމަށް ހަމަޖައްސައި، އެ ޕާޓީގެ ފަރާތުން ވަނީ ނޫސްވެރިންނަށް، ޝިދާތާ ތަރުޖަމާނުގެ ގޮތުގައި ތަޢާރަފްކުރުމަށް ވަނީ ރަސްމިއްޔާތެއް ބައްވާފައެވެ.
މި ރަސްމިއްޔާތުގައި އެމްއެންޕީގެ ރައީސް އަދި ދަނގެތީ ދާއުރާގެ މަޖިލިސް މެމްބަރު ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމް ވިދާޅުވީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ޝިދާތާވަނީ ގިނަގުނަ ގޮންޖެހުންތަކެއް ކަޑައްތު ކުރައްވާފައި ކަމަށެވެ. އަދި އަންހެނުން ބާރުވެރި ކުރުވުމަށާއި ޖިންސީ ހަމަހަމަކަން ދެމެހެއްޓުމަށް ބުރަ މަސައްކަތްތަކެއް ކުރައްވާފައި ކަމަށެވެ.
މީގެ އިތުރުން އައު ތަރުޖަމާނާއެކު އެ ޕާޓީގެ އަޑު ސިޔާސީ މައިދާނުގައި މިހާރަށްވުރެ ވަރުގަދަވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަން ވެސަް ކުރައްވާފައިވާ ކާނަލް ރިޓެއަރޑް ނާޒިމް ވިދާޅުވީ އެމްއެންޕީ އުފެދުނީ ގައުމީ ފިކުރުގެ ގޮތުގައި ކަމަށާއި ފާއިތުވި ކުރު މުއްދަތުގެ ތެރޭގައި ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއަކަށް ގިރާ ކުރެވިފައިނުވާ ވަރަށް ކާމިޔާބު ހަރުފަތްތަކެއް އެމްއެންޕީން ގިރާކޮށްފި ކަމަށެވެ.
ކުރިޔަށް އޮތް ތަނުގައި ޕާޓީން ކުރަންހުރި ބޮޑެތި މަސައްކަތްތަކުގައި ޕާޓީގެ އައު ތަރުޖަމާނު، ޝިދާތާގެ ހިއްސާ ބޮޑުކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ ޝިދާތާއަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި އަލިގަދަ ތަރިއެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް