ހުކުރު ދުވަހަކީ ދުނިޔެމައްޗަށް އިރުއެރި އެންމެ މާތް ދުވަސްތަކުގެ ތެރެއިން ހިމެނޭ މާތް ދުވަހެވެ. ކޮންމެ ހަފްތާއަކުވެސް އަންނަ އެންމެ މާތް މަތިވެރި ދުވަހެވެ. އެގޮތުން
ހުކުރު ދުވަހު ކުރެވޭ އެންމެ މަތިވެރި އަޅުކަމަކީ ވެސް ހުކުރު ނަމާދު އަދާކުރުމެވެ. އެގޮތުން ހުކުރު ދުވަހު ކުރެވޭ ހުކުރު ނަމާދަކީ ހަފްތާގެ ތެރޭގައި ކުރެވޭ ކުދި ފާފަތަކުގެ ކައްފާރާއެކެވެ.
رسول الله صلي الله عليه وسلم ހަދީޘް ކުރައްވާފައިވެއެވެ. الصلوات الخمس، والجمعة إلى الجمعة ، ورمضان إلى رمضان، مكفرات لما بينهن ما اجتنبت الكبا ءر (رواه مسلم) މާނައީ: ފަރުޟު ފަސް ނަމާދު، އެއް ނަމާދުން އަނެއް ނަމާދަށް، އަދި ހުކުރު (ނަމާދު) އެއް ހުކުރުން އަނެއް ހުކުރަށް، ރަމަޟާން މަހުގެ ރޯދަ އެއް އަހަރުން އަނެއް އަހަރަށް (އެއީ) އެދެމެދުގައި ކުރެވޭ ފާފަތަކުގެ ކައްފާރާއެކެވެ. އެއީ ބޮޑު ފާފަތަކަށް އަރައި ނުގަންނަ ކަމުގައިވާނަމައެވެ. (އެބަހީ: އެ ދެމެދުގައި ކުރެވޭ ކުދި ފާފަތައް މާތް ﷲ ފުއްސަވައި ދެއްވާނެއެވެ.)“
ހުކުރު ދުވަހުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއް ވެއެވެ. އޭގެ ތެރޭގައި ހުކުރަށް ދިއުމަށް ހިނައިގަތުމާއި، ގައިގައި ހުވަނދުލުމާއި، ސާފުތާހިރު ފޭރާންލުމާއި، ހުކުރުގެ ޖަމާޢަތަށް އަވަހަށް ހާޟިރުވުމާއި، މީހުންގެ ކޮނޑުމަތިން ހުރަސްނުކޮށް މިސްކިތަށް އެރުމާއި، ކުރިން އަންނަ މީހުން މިސްކިތުގެ ކުރީ ސަފުތައް ފުރަމުން ގެންދިއުމާއި، މިސްކިތުގައި އިށީއިނުމުގެ ކުރިން މަސްޖިދު ސުންނަތުގެ ދެ ރަކުޢަތް ކުރުމާއި، ސަފު ސީދާ ކުރުމާއި އަދި މީގެ އިތުރުން ހުކުރު ދުވަހު ކަހަފު ސޫރަތް ކިޔެވުން ހިމެނެއެވެ.
ހުކުރު ދުވަހު، ޚުތުބާ ފެށުމަށްފަހު ހުކުރަށް އަންނަ މީހުންނަކީ، ހުކުރަށް ހާޟިރުވީ މީހުން ލިޔުއްވުމަށް، މާތް ﷲ ޙާއްޞަ ކުރައްވާފައިވާ މަލާއިކަތުންގެ ފަތްފުށްތަކުގައި ލިޔެވޭނެ ބައެއް ނޫންކަމަށް ޢިލްމުވެރިންގެ ފަތުވާތަކުން އެނގެއެވެ. ނަމަވެސް އެފަދަ މީހުންގެ ހުކުރު ނަމާދު ޞައްޙާވާނެ އެވެ. (އެބަހީ: މެންދުރު ނަމާދުގެ ބަދަލުގައި އެ ނަމާދު ޤަބޫލު ކުރެވޭނެއެވެ.) ނަމަވެސް ﷲ ތަޢާލާ ހުކުރު ނަމާދަށް ޚާއްޞަ ކުރައްވާފައިވާ ދަރުމައާއި ޘަވާބުގެ ބޮޑުބައެއް އެބައި މީހުންނަށް އުނިވެގެން ދާނެކަމުގައި ވެއެވެ. މީގެ އިތުރުން އުޛުރަކާއި ނުލާ ހުކުރު އެޅުމަކީ ބޮޑުވެގެންވާ ފާފައެކެވެ.
ހުކުރު ޚުތުބާއާއި ނުލާ ހުކުރު ނަމާދު ފުރިހަމަ ނުވާނެއެވެ. ހުކުރު ޚުތުބާގައި މުޚާތަބުކުރެވޭ ފަރާތަކީ ތިމާކަމުގައި ދެކިގެން ކަނުލައި އަޑު އެހުމާއި ޚަތީބު ޚުތުބާ ދެމުންދާ ވަގުތު ވާހަކަ ދެއްކުމަކީ ފާފައެކެވެ.
ކަން މިހެން އޮތްނަމަވެސް ޚުތުބާދެމުންދާ ވަގުތު މިސްކިތު ފެންޑާގައްޔާއި، މިސްކިތުގެ ގޯތިތެރޭގައްޔާއި، މިސްކިތުން ބޭރުގައި ވާހަދައްކަން ތިބުމާއި ފޯނުން ގޭމު ކުޅުމާއި، ފޭސްބުކަށް ވަނުމާއި، ސިނގިރޭޓް ބުއިންފަދަ ނޭދެވޭ ޢަމަލުތަށް މަދުން ނަމަވެސް ކުރަމުން ދާކަން ފާހަގަ ކޮށްލެވެއެވެ. އެހެން ކަމުން މިފަދަ ކަންކަމުން ދުރުހެލިވުމަށް ނަޞޭހަތްތެރި ވަމެވެ. އަދި ޚުތުބާ އަޑު އެއްސެވުމަށް މަލާއިކަތުން ހަމަހިމޭނުން ތިއްބަވާއިރު އަހަރެމެން އިންސާނުން އެ ޚުތުބާ ކަނުލައި އަޑުއެހުން މާ އައުލާކަން ބޮޑުކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ.
ދަންނާށެވެ. ހުކުރު ދުވަހަކީ އެ ދުވަހެއްގައި ދުޢާ އިޖާބަކުރައްވާ ޚާއްޞަ ވަގުތެއްވާ ދުވަހެކެވެ. އެވަގުތަކީ ހުކުރު ދުވަހުގެ އަޞުރު ނަމާދަށްފަހު އިރު އޮއްސުމާއި ދެމެދުގައިވާ ވަގުތު ކޮޅެއްކަމުގައި އައިސްފައިވެއެވެ. ނުވަތަ އެއީ އިމާމާ މިމްބަރުގައި އިށީއިނީއްސުރެ ހުކުރު ނަމާދުކޮށް އަވަދި ވެއްޖައުމަށް ދާންދެން އެވާ ވަގުތުކަމުގައި ވެސް ރިވާވެގެން ވެއެވެ. އަދި އެވަގުތަކީ ހުކުރު ދުވަހުގެ އެންމެ ފަހު ވަގުތު ކަމުގައި ވެސް އައިސްފައި ވެއެވެ. އެހެންކަމުން އެ ދުވަހު ދުޢާކުރުން އިތުރު ކުރުމަކީ އެދެވިގެންވާ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް