ނިރުބަވެރި އަމަލުތަކާއިމެދު ރުޅިގަދަވެ، ޠާލިބާނާއި ދެކޮޅަށް އަފްޣާނިސްތާނުގައި އާންމުން ތެދުވަން ފަށައިފި

އަފްޣާނިސްތާނުގައި ގިނަ ބަޔަކު ޠާލިބާނުގެ ނިރުބަވެރި އަމަލުތަކާއި ދެކޮޅަށް ދެތުވެ އަޑު އުފުލަން ފަށައިފިއެވެ. ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަ ކުދިން ހިމެނޭހެން އަފްޣާނިސްތާނުގެ ހީރަތު ސިޓީގައި އަފ...

05 Aug 2021 | 18:46

އަފްޣާނިސްތާނުގައި ގިނަ ބަޔަކު ޠާލިބާނުގެ ނިރުބަވެރި އަމަލުތަކާއި ދެކޮޅަށް ދެތުވެ އަޑު އުފުލަން ފަށައިފިއެވެ.

ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަ ކުދިން ހިމެނޭހެން އަފްޣާނިސްތާނުގެ ހީރަތު ސިޓީގައި އަފްޣާން ސިފައިންނަށް މަރުހަބާ ކިޔުމަށާއި ޠާލިބާނާއި ދެކޮޅަށް ގިނަ ބަޔަކު އަޑު އުފުލައިފިއެވެ.އޭޝިއަން ލައިޓް ނިއުސްއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި އެތައް ސަތޭކަ ބަޔަކު ވަނީ އަޑު ހަރުކޮށް ތަކްބީރު ކިޔަމުން މި އެއްވުމުގައި ބައިވެރި ވެފައެވެ.މިއީ ފާއިތުވެ ދިޔަ ވިއްސަކަށް އަހަރު ތެރޭގައި އަފްޣާންގެ ރައްޔިތުންގެ ކިބައިން ފެނިފައި ނުވާފަދަ އަމަލެއް ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓު ކުރެއެވެ.އަފްޣާނިސްތާނުގެ ސިފައިންނާއި ޠާލިބާނުގެ ހަނގުރާމަވެރިންނާއި ދެމެދު އެ ސިޓީގައި ކުރިމަތިލުންތަކެއް ކުރިއަށް ދާތާ މިހާރު 6 ދުވަސް ވެފައިވާ އިރު، ސިޓީގެ ވަޒަންވެރިން ތިބީ އަފްޣާނު ސިފައިންނާއި އެކުގައި ކަމަށް މީޑިއާތަކުން ބުނެއެވެ.

އީރާންއާއި ގުޅޭ ހިސާބުގައި އޮންނަ ހީރަތު ސިޓީއަށް ޠާލިބާނުގެ ހަނގުރާމަވެރިން ވަދެގަނެ އަފްޣާން ނޭޝަނަލް ޑިފެންސް ފޯރސްއާއި ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައި ވާއިރު، ހަމަލާތައް އެންމެ ބޮޑަށް ބަދަލު ކޮށްފައި ވަނީ ވޭތުވެ ދިޔަ ޖުލައި މަހުގެ 30 ވަނަ ދުވަހުގައެވެ.އެ ދުވަހު ޠާލިބާނުން ފުލުހުންގެ 2 ޑިސްޓްރިކްޓެއްގެ އިތުރުން އެއަރޕޯޓެެެެއްވެސް އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފައި ވެއެވެ.އަފްޣާން ސިފައިން ވަނީ އޭގެ ފަހުން ޠާލިބާން ހަނގުރާމަވެރިން އެ ސަރަޙައްދުތަކުން ފައްސާލައި، އެ ޕްެރޮވިންސުގެ ގުޒާރާ ޑިސްޓްރިކްޓް އަލުން އަފްޣާން ސިފައިންގެ ބާރުގެ ދަށަށް ގެނެސްފައެވެ.އަފްޣާނިސްތާނުގެ ޑިފެންސް މިނިސްޓްރީން މައުލޫމާތު ދީފައިވާ ގޮތުގައި ހީރަތުގައި ހިންގި އޮޕަރޭޝަންތަކުގައި ހޯމަ ދުވަހު 41 ޠާލިބާނު ހަނގުރާމަވެރިން މަރުވެ، 32 ހަނގުރާމަވެރިންނަށް އަނިޔާވެފައި ވެއެވެ.

ހީރަތުގެ އިތުރުން އަފްޣާނިސްތާނުގެ ލަކްޝަރު ގާހް ސިޓީއާއި، ހެލްމަންޑް ޕްރޮވިންސާއި، ތަކްހާރް ޕްރޮވިންސުގެ އިތުރުން ކަންދަހާރް ސިޓީގައިވެސް މިހާރު ދަނީ އަފްޣާނިސްތާނުގެ އަސްކަރިއްޔާއާއި ޠާލިބާނު ހަނގުރާމަވެރިންނާއި ދެމެދު ބޮޑެތި ކުރިމަތިލުންތަކެއް ހިނގަމުންނެވެ.

އަފްޣާނިސްތާނުގައި ޤާއިމްވެ ތިބޭތާ ވިއްސަކަށް އަހަރު ފަހުން އެމެރިކާގެ އަސްކަރިއްޔާއިން އެ ޤައުމުން މި އަހަރު ތެރޭގައި ފައިބަން ފެށިފަހުން ޠާލިބާނުން ވަނީ އަފްޣާނިސްތާނުގައި އެމީހުންގެ ބާރު ގަދަ ކުރުމަށް ގިނަ ހަމަލާތަކެއް ދޭން ފަށާފައެވެ.މިކަމާއި ގުޅިގެން ވޭތުވެ ދިޔަ ހަފްތާގައި އެމެރިކާއިން ބުނެފައި ވަނީ އެމެރިކާއާއި އެ ޤައުމުގެ ވާގިވެރިން އަފްޣާނިސްތާނުގައި 2001 ވަނަ އަހަރު އޮތް ދާޚިލީ ހަމަނުޖެހުމަށް ރުޖޫއަވުމަށް ޖާގަ ނުދޭނެ ކަމަށެެވެ.އަދި އިންސާނީ ޙައްޤުތަކަށް އަރައި ގަތުން ހުއްޓާލުމަށް ގޮވާލާ ޠާލިބާނަށް އެމެރިކާއިން ވަނީ އިންޒާރު ދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް