ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީއަށް ހަމަލާދީ މާރާމާރީ ހިންގި މީހާގެ ބަންދަށް ހަތް ދުވަސް ޖަހައިފި އެވެ.
އިއްޔެ ރޭ ހިނގި އެ ހާދިސާ އާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ 36 އަހަރުގެ ދިވެހި ފިރިނެކެވެ. އެމިހާ ހައްޔަރު ކުރީ އިއްޔެރޭ ކޯޓު އަމުރެއްގެ ދަށުންނެވެ.
ފުލުހުން ބުނީ މަސްއޫދަށް ހަމަލާދިން މީހާ ހަތް ދުވަހަށް ބަންދުކުރަން އަމުރުދިނީ ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ކަމަށެވެ.
ފުލުހުން އިއްޔެ މީޑިއާގައި ބުނީ އޭމީހާ ހައްޔަރު ކުރީ ދަގަނޑު ބުރިއަކުން މީހަކަށް ހަމަލާދީ މާރާމާރީ ހިންގި ކަމުގެ ކުށުގައި ކަމަށެވެ. އެ މާރާމާރީގައި 35 އަހަރުގެ މީހަކަށް އަނިޔާވެގެން ފޮނަދޫ ހެލްތް ސެންޓަރުގައި ފަރުވާ ދީފައިވާ ކަމަށެވެ.
މަސްއޫދު މީޑިއާގައި ވިދާޅުވެފައިވަނީ އެމީހާ ދަގަނޑުބުރިން ޖަހަން އުޅުނީ ބޮލުގައި ކަމަށާއި އެ ހަމަލާއިން ސަލާމަތްވީ ދިފާއުގައި އަތް ނަގައި ދަނގަނޑުބުރީގައި ހިފެހެއްޓުމުން ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
އެމީހާ މީގެ ކުރިން މަސްއޫދުގެ ކާރުގައި ރޯކޮށްލާފައިވާ ކަމަށްވެސް މަސްއޫދު ތުހުމަތު ކުރެ އެވެ. އެކަމަކު ތަކުރާރުކޮށް މަސްއޫދަށް އެމީހާ ހަމަލާދެމުންދާ ސަބަބެއް ނޭނގެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް