ބާބެޑޯސްއަށް އުފަން މަޝްހޫރު އިނގިރޭސި ލަވަކިޔުންތެރިޔާ ރޮބީން ފެންޓީ (ރިހާނާ) ބިލިއަނަރަކަށް ވެއްޖެ އެވެ.
އެމެރިކާގައި ކެރިއަރައިގެން ކުރިޔަށްދާ ރިހާނާ ބިލިއަނަރަކަށް ވިކަން ފޯބްސްއިން ރަސްމީކޮށް އިއުލާނު ކުރީ އިއްޔެ އެވެ. ފޯބްސް އިން ބުނީ ބިލިއަނަރެއްގެ އިތުރުން ރިހާނާ އަކީ އެންމެ މުއްސަނދި އަންހެން މިއުޒިކް ކުޅުންތެރިޔާ ކަމަށެވެ.
ރިހާނާގެ މިލްކިއްޔާތު 1.7 ބިލިއަނަށް އަރަ އެވެ. އޭގެ ތެރެއިން 1.4ބިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި ލިބެނީ އޭނާގެ ކުންފުނި ފެންޓީ ބިއުޓީ ކޮސްމެޓިކްސް ކޮމްޕެނީންނެވެ. މުނިފޫހިފިލުވުމުގެ ދާއިރާ އާއި އިތުރު ދެ ކުންފުންޏަކުން އޭނާއަށް ލިބެނީ 270 މިލިއަން އެމެރިކާ ޑޮލަރެވެ.
އޭނާއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ފެންޓީ ބިއުޓީ ކޮސްމެޓިކްސް ކުންފުނި އުފައްދާފައިވަނީ 2017 ވަނަ އަހަރު އެވެ. އެ ކުންފުނި އުފެއްދީ މަޝްހޫރު އެލްވީއެޗްއެމް އާއި ގުޅިގެންނެވެ.
އެ ކުންފުނިން ހަމައެކަނި އަންހެނުންނަށް ހާއްސަކޮށް 40 ޝޭޑްސްގެ ފައުންޑޭޝަން އުފައްދަ އެވެ.
މުނިފޫހިފިލުވުމުގެ ދާއިރާއަށް ބަލާއިރު 2016 ވަނަ އަހަރުގެ ފަހުން ރިހާނާގެ އަލްބަމެއް ރިލީޒްކޮށްފައެއް ނުވެ އެވެ. އެކަމަކު މިހާރު އޭނާ ދަނީ ލޯބިވެރިޔާ ރޮކީ އާއި އެކު މިއުޒިކް ވީޑިއޯއެއް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް