ފުލުސްމީހާއަށް ހަމަލަދޭން ބޭނުންކުރި ވަޅި މޫދު އަޑިން ހޯދައިފި

ރޭ ދަންވަރުގެ ވަގުތެއްގައި މާފުށީ ޖަލަށް އެއްޗެހިތަކެއް ވައްދަން އުޅުނު މީހަކު ހުއްޓުވުމަށް ފުލުހުން އުޅުމުގެ ތެރޭގައި ފުލަހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާއިރު، އެ ހާދިސާގައި ޒަހަމްވި ފުލުސް މީހާ...

05 Aug 2017 | 07:30

ރޭ ދަންވަރުގެ ވަގުތެއްގައި މާފުށީ ޖަލަށް އެއްޗެހިތަކެއް ވައްދަން އުޅުނު މީހަކު ހުއްޓުވުމަށް ފުލުހުން އުޅުމުގެ ތެރޭގައި ފުލަހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާއިރު، އެ ހާދިސާގައި ޒަހަމްވި ފުލުސް މީހާއަށް ހަމަލާ ދިނުމަށް ބޭނުންކުރި ވަޅި މޫދު އަޑިން ހޯދައިފި އެވެ.

މި ހާދިސާ އަދާހަމަ ކުރަމުން ފުލުހުން، މީޑިއާއަށް ބުނެފައިވަނީ "ޕޮލިސް އޮފިސަރަށް ހަމަލާ ދިނުމަށް ބޭނުންކުރި ވަޅި، ޕޮލިސް އަދި ކަރެކްޝަންސް ގުޅިގެން މޫދުން ރިކަވާ ކޮށްފައިވާ" ކަމަށެވެ.

މާލެއިން ފުރައިގެން މާފުއްޓަށް ދާ ލޯންޗަކުން އެއްޗެހިތަކެއް މާފުށީ ޖަލަށް އެތެރެކުރުމަށް އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މާފުށީ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް  އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގުޅިގެން ރޭ ހިންގި އޮޕަރޭޝަނެއްގައި ހަރަކާތްތެރިވަމުންދިޔަ ފުލުހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވަނީ ރޭ ދަންވަރު 1:00 ހާއިރުގަ އެވެ.

ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވަނީ މާފުށީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރަމުންދާ ޕޮލިސް ކޮންސްޓަބަލް ޢަލީ ރައްޒާން އެވެ.

ރައްޒާނަށް ތޫނު އެއްޗަކުން ހަމަލާދީފައިވަނީ މާފުއްޓަށް އައި ލޯންޗުން އައި މީހަކު މޫދަށް ފުންމާލައިގެން މާފުއްޓަށް އަރަން މަސައްކަތްކުރަނިކޮށް އޭނާ ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް އެހެން ފުލުހުންނާއެކު މަސައްކަތްކުރަމުން ދަނިކޮށް ކަމުގައި ފުލުހުން ހާމަކުރެ އެވެ.

ފުލުހުން ބުނީ ޢަލީ ރައްޒާނަށް ދިން މިހަމަލާ އަމާޒުވެފައިވަނީ އޭނާގެ ކުރިމަތިން ވައަތު ކޮނޑާ މެއާ ދޭތެރެއަށް ކަމަށާއި ރައްޒާނަށް ލިބުނު ޒަޚަމަށް މާފުށީ ސިއްޙީ މަރުކަޒުގައި ފަރުވާދިނުމަށްފަހު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އެހީތެރިކަމާއެކު ވަނީ މާލެ ގެނެސްފައި ކަމަށެވެ. އަދި އޭނާއަށް އައިޖީއެމް ހޮސްޕިޓަލްގެ އައިސީޔޫގައި ދަނީ ފަރުވާދެމުން ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ރައްޒާނަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި މީހާއާއި މާލެއިން މާފުއްޓަށް އައި ލޯންޗުގެ ކެޕްޓަނާއި އެ ލޯންޗުގައި އެވަގުތު ތިބި އިތުރު ދެ މީހަކު، ޖުމްލަ 4 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށާއި މީގެއިތުރުން މާފުއްޓަށް އައި ލޯންޗާއި މާފުށީ ޖަލަށް އެތެރެކުރުމަށް ގެނައި ތަކެތިވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށް ބުނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 51 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ ދެ ފިރިހެނުންނާއި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖެއް ކަމަށެވެ. އަދި މި މައްސަލަ ތަޙުޤީޤު ކުރުމަށް ފުލުހުންގެ ޓީމެއް މާފުށީގައި މިހާރު ދަނީ ހަރަކާތްތެރިވަމުން ކަމަށާއި އަދި މި މައްސަލައާ ގުޅުންހުރި މަޢުލޫމާތުތައް ތަޙުޤީޤު ކުރިއަށްދާ މިންވަރަކުން ހާމަކުރަމުންދާނެ ވާހަކަ ދަންނަވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް