އިގްތިސާދީ ހަމަޖެހުން ގުޅިފައިވަނީ އެތެރޭގެ ހަމަޖެހުމާއި: ނައިބު ރައީސް

ރާއްޖޭގެ އިގްތިސާދުގެ ހަމަޖެހުން ގުޅިފައިވަނީ ރާއްޖޭގެ އެތެރޭގެ ހަމަޖެހުމާ ކަމުގައި ނައިބު ރައީސް އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރޭ ބޭއްވި މޯލްޑިވްސް އިންލެންޑް ރެވެނިއ...

05 Aug 2017 | 03:45

ރާއްޖޭގެ އިގްތިސާދުގެ ހަމަޖެހުން ގުޅިފައިވަނީ ރާއްޖޭގެ އެތެރޭގެ ހަމަޖެހުމާ ކަމުގައި ނައިބު ރައީސް އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރޭ ބޭއްވި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ހަތް ވަނަ އަހަރީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ނައިބު ރައީސް ވިދާޅުވީ ދިވެހި ގައުމަކީ ހުރިހާ ދިވެހިންގެ ގައުމެއް ކަމަށާއި ދައުުލަތް ބިނާ ކުރުމުގައި ރައްޔިތުންގެ ހިއްސާ ވަރަށް ބޮޑު ކަމަށެވެ.

ރައްޔިތުންނަށް ދައުލަތް ބިނާކުރުމުގައި އެންމެ ބޮޑު ހިއްސާއެއް ވެވެނީ ފަރުދުން ކުރާ ވިޔަފާރީގެ މުއާމަލާތުތަކުން ޖެނެރަލް ޖީއެސްޓީގެ ގޮތުގައި ސަރުކާރަށް ދައްކާ ފައިސާއިން ކަމަށް ވިދާޅުވި އެވެ. އެ ފައިސާއިން ގައުމު ތަރައްގީވާތަން ރައްޔިތުންނަށް ފެންނަމުންދާނެ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ބަލާލި ކޮންމެ ދިމާއަކުން ފެންނަނީ ގައުމުގެ ތަރައްގީއަށް ހިންގެމުންދާ ބޮޑެތި މަޝްރޫއުތައް ކަމަށެވެ. އެގޮތުން މުޅި ރާއްޖޭގެ ސަރަހައްދުތަކުގައި ބިން ހިއްކުމާއި އެ ތަންތަން އާރާސްތުކުރުމާއި ވައިގެ ބަނދަރުތައް ހެދުމާއި މާލެ އާއި ހުޅުމާލެއާ ދެމެދު އަޅާ ބްރިޖް އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަމުން އަންނަ ކަން ނައިބު ރައީސް ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން ތަރައްގީގެ މަޝްރޫއުތައް ހިންގަނީ ހަމައެކަނި ދައުލަތަށް ލިބޭ އާމްދަނީއަކުން ނޫން. ބޭރުގެ ފަރާތްތަކުގެ އެހީ ވެސް ލިބިގެން ކުރަނީ. މިއަދު ސަރުކާރުގެ އިގުތިސާދީ އެޖެންޑާ އަކީ މުޅި ރާއްޖެ އަށް ފެތުރިފައިވާ އެޖެންޑާއެއް،" ނައިބު ރައީސް ވިދާޅުވި އެވެ.

ރޭގެ ރަސްމިއްޔާތުގައި ނައިބު ރައީސް ޖިހާދު އިތުރަށް ވިދާޅުވީ ޓެކްސް ދައްކާ ފަރާތްތަކުގެ އިތުބާރު މި ނިޒާމަށް ހޯދުމަށް މީރާގެ މުވައްޒަފުން މަސައްކަތް ކުރަންވާނީ މިނިވަން ކަމާއި އެކު ކަމަށެވެ. އަދި ފައިސާ މެދުވެރިކޮށް ހިދުމަތް ދޭ ފަރާތްތަކުން އޭގެ ހިސާބުތައް ވީހާވެސް ރަނގަޅަށް ބެލެހެއްޓުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް ކަމަށެވެ. އަދި ފައިސާ ދައްކާ ފަރާތްތައް ބޭނުންވެއްޖެ ހާލަތެއްގައި މީރާގެ އޮޑިޓަރުން ލިބޭނެ ގޮތް ހަމަޖެއްސުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރޭގެ ހަފްލާގައި ވަނީ މިދިޔަ އަހަރު މީރާ އަށް އެންމެ ގިނަ އަދަދަކަށް ވިޔަފާރީގެ ފައިދާއިން ޓެކްސް ދެއްކި ތިން ކުންފުންޏަށް އެވޯޑެު ދީފަ އެވެ. އެއީ ރާއްޖޭގެ އެންމެ ބޮޑު ޓޫރިޒަމް ކުންފުނި ޔުނިވާސަލް އެންޓަ ޕްރައިސަސް އާއި ސީ ޕްލޭންގެ ހިދުމަތްދޭ އެންމެ ބޮޑު ކުންފުނި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަދި ލިލީ ހޮޓެލްސް އެވެ.

މީގެ އިތުރުން ވިޔަފާރިތަކަށް ކޮންމެ އަހަރަކު ދޭ ރަންލާރި އެވޯޑު 11 ގިންތިއަކުން 17 ފަރާތަކަށް ދީފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް