ދިލިޕް ކުމާރުގެ ހާލު ރަނގަޅު އެކަމަކު ކިޑްނީ މަސައްކަތެއް ނުކުރޭ!

ބޮލީވުޑްގެ ކުރީގެ މަޝްހޫރު ތަރި ދިލިޕް ކުމާރު (މުހައްމަދު ޔޫސުފް ހާން) ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮންނަތާ ދެ ދުވަސްވެއްޖެ އެވެ. ދިލިޕް ކުމާރުގެ އުމުރުން މިހާރު 94 އަހަރެވެ. ރިޕޯޓުތައް ބުނާގޮތުގަ...

05 Aug 2017 | 03:15

ބޮލީވުޑްގެ ކުރީގެ މަޝްހޫރު ތަރި ދިލިޕް ކުމާރު (މުހައްމަދު ޔޫސުފް ހާން) ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮންނަތާ ދެ ދުވަސްވެއްޖެ އެވެ.

ދިލިޕް ކުމާރުގެ އުމުރުން މިހާރު 94 އަހަރެވެ. ރިޕޯޓުތައް ބުނާގޮތުގައި އޭނާގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދެމުންދާއިރު ނޭވާލަމުން ދަނީ ވެންޓިލޭޓަރުގެ އެހީގައި އެވެ. ދިލިޕް ކުމާރު ހޮސްޕިޓަލުގައި އެޑްމިޓް ކުރީ ހުން އައިސް ވަރުދެރަ ވެގެންނެވެ.

ދިލިޕް ކުމާރުގެ ސިއްހީ ހާލަތާއި ގުޅޭގޮތުން އޭނާ އެޑްމިޓް ކޮށްފައި އޮތް މުމްބާއީގެ ލިލަވަތީ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމުން ބުނެފައިވަނީ ދިލިޕް ކުމާރުގެ ސިއްހީ ހާލަތު އެ އުމުރުގެ މީހަކާއި އަޅާ ބަލާއިރު ވަރަށް ރަނގަޅު ކަމަށެވެ. އެކަމަކު އޭނާގެ ދެ ކިޑްނީ ރަނގަޅަށް މަސައްކަތް ނުކުރާ ކަމަށެވެ.

ޑޮކްޓަރު ބުނެފައިވަނީ ކިޑްނީ ރަނގަޅަށް މަސައްކަތް ނުކުރި ނަމަވެސް އަދި ޑަޔަލެސިސް ހަދާ ހިސާބަށް ހާލަތު ގޯސް ނުވާ ކަމަށެވެ. ދެން ދޭނެ ފަރުވާ އަކާއި ގުޅޭގޮތުން މަޝްވަރާ ކުރަމުންދާ ކަމަށާއި މިހާރު ވެންޓިލޭޓަރުން ނަގާގގައި އައިސީޔޫއިން ނެރެފައިވާއިރު އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.

ދިލިޕް ކުމާރުގެ ހާލު ރަނގަޅުވިޔަސް އަދި ދެތިން ދުވަހު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭނެ އެވެ.

ދިލިޕް ކުމާރަކީ ބޮލީވުޑްގައި ފުރަތަމަ މަސައްކަތް ކުރި އަދި އާންމުންގެ މަގުބޫލުކަން ހޯދި ފުރަތަމަ ހާން އެވެ. ރިޕޯޓުތައް ބުނާގޮތުގައި އޭނާގެ ނަން މުހައްމަދު ޔޫސުފް ހާން އިން ދިލިޕް ކުމާރަށް ބަދަލު ކުރީ ފިލްމީ ދާއިރާގައި މީހުން ދަންނަ ނަމެއް ބޭނުން ކުރުމަށް ކަމަށް ވެ އެވެ.

މިހާތަނަށް 65 ފިލްމު ކުޅެފައިވާ ދިލިޕް ކުމާރު ބޮލީވުޑަށް ތައާރަފުވީ 1944 ވަނަ އަހަރު އެވެ. އެންމެ ފަހުން ދިލިޕް ކުމާރު ފެނިގެން ދިޔައީ 1998 ވަނަ އަހަރު ރިލީޒް ކުރި ފިލްމު "ގިލާ" އިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް