ކ. މާފުއްޓަށް އަރަން އުޅުނު މީހަކު ހިފަހައްޓަން އުޅުނު ފުލުހެއްގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލައިފި އެވެ.
ޒަހަމްވެފައިވަނީ މާފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ކޮންސްޓަބްލް އަލީ ރައްޒާނެވެ. ވަޅި ހެރިފައި ވަނީ ރައްޒާންގެ ކުރިމަތިން ވާތު ކޮނޑާއި މެޔާ ދޭތެރެއަށް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އޭނާގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާދިނީ މިރޭ މާލެއިން މާފުއްޓަށް ދިޔަ ލޯންޗަކުން އެއްޗެހިތަކެއް ޖަލަށް ވައްދަން އުޅޭކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެ ރަށުގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ. ހަމަލާދީފައިވަނީ ލޯންޗު ހިފެހެއްޓުމުން އޭގެ ތެރެއިން މޫދަށް ފުންމާލައިގެން މާފުއްޓަށް އަރަން އުޅުނު މީހާ ހިފަހައްޓަށް ރައްޒާން އުޅުމުންނެވެ.
ރައްޒާން އަކީ މާފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ އެހެން ރަށެއްގެ މީހެކެވެ.
ވަޅި ހެރުމުން އިތުރު ފަރުވާއަށް ރައްޒާން މާލެ ގެނައީ ކަރެކްޝަނަލް ސާވިސްގެ އެހީތެރިކަމާއި އެކު ކަމަށާއި އޭނާއަށް ފަރުވާދެމުން ދަނީ އައިޖީއެމްއެޗު އައިސީޔޫގައި ކަމަށް ފުލުހުން ބުނެ އެވެ. މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 1:00 ހާއިރު އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އެމީހުން ޖަލަށް ވައްދަން ގެންދިޔައީ މަސްތުވާތަކެއްޗެވެ.
މި މައްސަލައާއި ގުޅިގެން އެ ލޯންޗު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އެ ލޯންޗުގެ ހަތަރު މީހަކު ހައްޔަރުކޮށްފައިވާކަމުގައިވެސް ފުލުހުން ބުނެ އެވެ. ހައްޔަރުކޮށްފައި ވަނީ 51 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ ދެ ފިރިހެނުންނާއި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖެކެވެ.
މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނާއި ސިފައިން އެ ރަށުގައި ހަރަކާތްތެރިވަމުން ދާއިރު މާފުށީ ޖަލުވެސް ވަނީ އެލާޓަށް ގެނެސްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް