ވަގަށް ނަގާފައިވާ ސައިކަލެއް ދުއްވާފައި ދިޔަ ދެ މީހަކު އަތުލައިގެންފި

ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސައިކަލެއް ދުއްވާފައި ދިޔަ ދެ މީހަކު އަތުލައިގަނެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 23 އަހަރު...

05 Aug 2015 | 07:09

ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސައިކަލެއް ދުއްވާފައި ދިޔަ ދެ މީހަކު އަތުލައިގަނެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 23 އަހަރުގެ ދިވެހި ފިރިހެނަކާއި 26 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ހާމަކުރާ ގޮތުގައި އެ ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިއަދު ހެނދުނު 07:20 ހާއިރު ވައިލެޓް މަގުން ސައިކަލް ދުއްވާފައި ދިޔައިރު އެ ދެ މީހުންގެ ޢަމަލުތައް ހުރި ގޮތުން ތުޙުމަތު ކުރެވިގެން، އެ ވަގުތު މާލެތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވި ގަލޮޅު ޕޮލިސްގައި މަސައްކަތް ކުރާ ފުލުހުންކަމަށެވެ.

ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސައިކަލް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސައިކަލުގެ ވެރިފާތް ދެނެގަތުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 23 އަހަރުގެ މީހާއަކީ ތަފާތު އެކި ކަންކަމާއި ގުޅިގެން 08 ފަހަރު ހުއްޓުވާ ސުވާލުކޮށް، 02 ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއް ކަމަށްވެސް ފުލުހުން މަޢުލޫމާތު ދެއްވައެވެ.

އިތުރަށް ފުލުހުން ހާމަ ކުރެއްވި ގޮތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 26 އަހަރުގެ މީހާއަކީ ތަފާތު އެކި ކަންކަމާއި ގުޅިގެން 37 ފަހަރު ހުއްޓުވާ ސުވާލުކޮށް، 23 ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، 13 ފަހަރު ހައްޔަރު ކޮށްފައިވާ މީހެއްކަމަށާއި އޭނާގެ މައްޗަށް ތުޙުމަތު ކުރެވޭ 05 މައްސަލައެއްގެ ތަޙުޤީޤު ނިންމާ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައިކަމަށެވެ. މީގެއިތުރުން، އޭނާ އަކީ މަކަރާ ޙީލަތް ހެދުމުގެ މައްސަލަތަކާއި މީހުންގެ މުދަލަށް ގެއްލުން ދިނުމުގެ މައްސަލަތަކާއި އަނބި މީހާއަށް އަނިޔާކުރުމުގެ މައްސަލައެއްގެ އިތުރުން ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތަކާއި ފޭރުމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށްވެސް ފުލުހުން ހާމަކުރައްވައެވެ.

ވައްކަމުގެ މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް