ޝެއިހް އިމްރާން ގޭބަންދަން ބަދަލުކޮށްފި

މޭޑޭގެ މުޒާހަރާއާއި ގުޅިގެން ހައްޔަރު ކޮށްފައިވާ އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ގޭ ބަންދަށް ބަދަލު ކޮށްފިއެވެ. އިމްރާންގެ ގޭ ބަންދަށް ބަދަލު ކޮށްފައިވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ޓެރ...

05 Aug 2015 | 06:49

މޭޑޭގެ މުޒާހަރާއާއި ގުޅިގެން ހައްޔަރު ކޮށްފައިވާ އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ގޭ ބަންދަށް ބަދަލު ކޮށްފިއެވެ.

އިމްރާންގެ ގޭ ބަންދަށް ބަދަލު ކޮށްފައިވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ދީފައިވާ އަމުރު މުރާޖާ ކުރުމަށް މިއަދު ކްރިމިނަލް ކޯޓްގައި ބޭއްވި އަޑުއެހުމަށް ފަހުއެވެ.

މިއަދު ކްރިމިނަލް ކޯޓުން އަމުރު ކޮށްފައިވަނީ ޝަރީއަތް ނިމެންދެން، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓަން ކުރި އަމުރު ބާތިލްކޮށް ޝަރީއަތް ނިމެންދެން ގޭ ބަންދުގައި ބެހެއްޓުމަށެވެ.

މިއަދު ޝެއިހް އިމްރާން ކޯޓަށް ހާޒިރު ކުރީ އޭނާގެ ބަންދުގެ މައްސަލަ މުރާޖާކޮށްދިނުމަށް ކޯޓަށް ހުށަހެޅުއްވުމުންނެވެ. އެމައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ ހަފްތާގައެވެ.

އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މޭޑޭ މުޒާހަރާ އާއި ގުޅިގެން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ޝެއިހް އިމްރާން ދޫނިދޫ ޑިޓެންޝަން ސެންޓަރުގައި ބެހެއްޓުމަށްފަހު މާފުށީ ޖަލަށް ބަދަލުކޮށްފައިވަނީ މިދިޔަ ޖުލައި 23 ގައެވެ.

ކުރިން ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމްގައިވަނީ ޝަރީއަތް ނިމެންދެން ޝެއިޚް އިމްރާން އަބްދުﷲ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބެހެއްޓުމަށެވެ. ކޯޓުން މައްސަލަ ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރެއް ކޮށްފިނަމަ އެފަދަ ކުށްވެރިން މިހާރު ބެހެއްޓުމަށް ހަމަޖެހިފައިވަނީ ކަރެކްޝަނުން ސާރވިސްގެ ބެލުމުގެ ދަށުންނެވެ.

ޝަރީއަތް ނިމެންދެން ޝެއިހް އިމްރާން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު މިހާރުވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް