އަޒްލިފް ސީރިއާއަށް ދިޔަތަ؟ ހަނގުރާމަ ކުރަމުންދަނިކޮށް މަރުވިތަ؟

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައިގާ ތުހުމަތު ކުރެވޭ އަޒްލިފް ސީރިއާއަށް ދިޔަކަމަށްވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ ތިން ވަނަ ދުވަހު އެވެ. ސީރިއާގައި ހަނގުރާމަ ކުރަމުންދަނ...

05 Aug 2015 | 04:39

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައިގާ ތުހުމަތު ކުރެވޭ އަޒްލިފް ސީރިއާއަށް ދިޔަކަމަށްވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ ތިން ވަނަ ދުވަހު އެވެ. ސީރިއާގައި ހަނގުރާމަ ކުރަމުންދަނިކޮށް އަޒްލިފް މަރުވެފައިވާކަމަށް އޭނާގެ އާއިލާއިން ބުނެފައިވަނީ މެއި 15 ގައެވެ. އަޒްލިފް ސީރިއާއަށް ދިޔަކަމަށް ބުނާ މައްސަލަ ތަހުގީގު ކުރުމަށް ރައީސް ޔާމީންވެސް ވަނީ އަންގާފަ އެވެ. އެ މައްސަލަ ތަހުގީގު ކުރަން ފުލުހުންވެސް ވަނީ ފަށާފަ އެވެ.

ފުލުހުން ބުނަނީ އަޒްލިފް މަރުވީ ސީރިއާގައި ކަމަށްވާތީ އެ މައްސަލަ ތަހުގީގު ކުރުމުގައި ގޮންޖެހުންތަކެއް ހުރި ކަމަށެވެ. އަދި އަޒްލިފް މަރުވި ކަމުގެ އެއްވެސް ހެއްކެއް ފުލުހުންނަށް ލިބިފައި ނުވާ ކަމަށެވެ.

ސުވާލަކީ މިއީއެވެ. އަޒްލިފް ރައުފް ހަމަ ހަގީގަތުގައިވެސް ސީރިއާއަށް ދިޔަ ހެއްޔެވެ؟ ސީރިއާގައި ހަނގުރާމަ ކުރަމުންދަނިކޮށް މަރުވި ހެއްޔެވެ؟

މިކަމުގެ ހަގީގަތް ހޯދޭތޯ ދުވަސް ނޫހުން ވާނީ ކޮންމެވެސް ވަރެއްގެ މަސައްކަތެއް ކޮށްފައެވެ. އެގޮތުން ސީރިއާގައި ޖިހާދަށް ގޮސް ތިބި ދިވެހިން ހިންގަމުން އަންނަ "ބިލާދު އަލް ޝާމް" މީޑިއާގެ ބަހެއް މިކަމުގައި ލިބޭތޯ މަސައްކަތް ކުރެވުނެވެ. ސީރިއާގައި ހަނގުރާމަ ކުރާ ދިވެހިން ޝަހީދުވާ ވާހަކަ ހަބަރުތަކުގައި ގިނައިން ޖަހާފައި ހުންނަނީ "ބިލާދު އަލް ޝާމް މީޑީއާ"އިން އެކަން ހާމަ ކުރުމުންނެވެ. ނޫނީއެ މަރުވާ މީހެއްގެ  އާއިލާއިން އެފަދަ ވާހަކަތަކެއް މީޑިއާއާ ހިއްސާ ކުރުމުންނެވެ.

ފޭސްބުކް މެދުވެރިކޮށް "ބިލާދު އަލް ޝާމް މީޑިއާ" އާއި ދުވަހުން ކުރި ސުވާލަކަށް ސީރިއާގައި ތިބި ދިވެހިން ވަނީ ޖަވާބު ދީފަ އެވެ.

އެމީހުން ބުނަނީ އަޒްލިފް މި ދުނިޔެ ދޫކޮށްފައިވާކަމާއި އަޒްލިފްގެ ފޮޓޯ (މަރުވެފައިވާކަމަށްބުނާ) އެމީހުންނަށްވެސް ފެނުނީ އަދި އެނގުނީ އެހެން މީހުންނަށްވެސް އެކަން އެނގުނު ގޮތަށް ތުންތުންމަތިންނާއި މީޑިއާއިން ކަމަށެވެ.

ދެން އޮތީ އަޒްލިފް ރައުފް މަރުވިކަމަށްބުނެ އާންމު ކުރި ފޮޓޯއެއްގެ ވާހަކައެވެ. އެ ފޮޓޯ އާންމުކޮށްފައިވަނީ "ހައްގުގަ" (haqqu.ga) ނަމަކަށްކިޔާ ވެބްސައިޓަކުންނެވެ. އެމީހުންގެ ފޭސްބުކް ޕޭޖްގައިވެސް އެ ފޮޓޯ އާންމު ކުރި ކަމަށް ވެ އެވެ. އެ ފޮޓޯ އާންމުކުރިތާ ދެތިން ދުވަހެއްގެ ތެރޭގައި އެ ވެބްސައިޓަކަށް ނުވަދެވެ އެވެ. ފޭސްބުކް ޕޭޖްއިންވެސް އެ ފޮޓޯ ފެންނަ ގޮތެއް ނުވި އެވެ.

މަރުވިކަމަށްބުނެ ފޮޓޯއެއް އާންމުކޮށްފައިވާއިރު ގެއްލިގެން ހޯދަމުން އަންނަ ނޫސްވެރިޔާ ރިލްވާން މަރުވިކަމަށް ބުނެވެސް އެގޮތަށް ވެބްސައިޓެއްގައި ފޮޓޯއަކާއި މައުލޫމާތު ތަކެއް އާންމު ކުރިއެވެ. ނަމަވެސް ރިލްވާން ހޯދުމުގައި ހަރަކާތްތެރިވާ "ފައިންޑް މޮޔަ މީހާ" ޓީމުން އެކަމެއް ގަބޫލެއް ނުކުރެ އެވެ. އަދި އެގޮތް މިގޮތުން އެ ފޮޓޯއަކީ އެޑިޓެއް ކަމާއި ފޭކެއްކަން ހާމަވި އެވެ.

ކަން މިހެން އޮތްއިރު އަޒްލިފް މަރުވިކަމަށް ބުނާ ފޮޓޯ ފޭކަކަށްނުވާންވީ ކީއްވެ ހެއްޔެވެ. މީގެ ދެތިން ހަތަރު އަހަރު ކުރިން ފޮޓޯޝޮޕާއި އެހެނިހެން ފޮޓޯ އެޑިޓިން ސޮފްޓްވެއާތައް ބޭނުންކޮށްގެން އެފްރިކާ ބައްރުގެ ގައުމެއްގެ ވަޒީރަކު މަރުވިކަމަށްބުނެ ފޮޓޯއެއް ހަދާ އާންމު ކުރުމުން އެގައުމުގެ މީހުން އެކަން ގަބޫލު ކުރިއެވެ. އެހެންކަމުން ޓެކްނޮލޮޖީ މިހާ ކުރިއަރާފައިވާ ޒަމާނެއްގައި ފޮޓޯއެއް އެޑިޓް ކޮށްލުމަކީ އުނދަގޫ ކަމަކަށް ނުވާނެ އެވެ.

އެހެންކަމުން ގެއްލިފައިވާ ރިލްވާން ސީރިއާގައި ހަނގުރާމަ ކުރަމުންދަނިކޮށް މަރުވިއޭ ބުނެ ދޮގު ހަބަރާއި ފޭކް ފޮޓޯ އާންމުކުރިގޮތަށް އަޒްލިފް ސީރިއާއަށް ދިޔަކަމާއި މަރުވިކަމަށްބުނެ އަނބުރަނީ ޒާތެއްގެ ގޭސްގަނޑެއް ކަމުގައި ބުނުމުގެ ފުރުސަތު އެބަ އޮތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް