ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ބޭރުގެ ބަޔަކަށް ވިއްކާލަން އުޅޭކަމަށް ބުނާ ވާހަކަ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދޮގު ކުރައްވައިފިއެވެ.
މިނިސްޓަރު ސައީދު މިކަން ދޮގުކުރައްވާފައި މިވަނީ ޕީއެންއެފުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާހަކަ ދައްކަވަމުން ހަނިމާދޫ އެއާޕޯޓު އިންޑިއާގެ އަދާނީ ގުރޫޕަށް ވިއްކާލަން މި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި ދާދިފަހުން އެކަމާއި ގުޅޭގޮތުން ބައްދަލުވުމެއްވެސް ބާއްވާފައިވާ ކަމަށް ވިދާޅުވެ ވާހަކަދައްކަވާފައި ވަނިކޮށެވެ.
އެގޮތުން އެ ވާހަކަތަކަށް ރައްދުދެއްވާ މިނިސްޓަރު ސައީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހަނިމާދޫ އެއާޕޯޓު އެއްވެސް ފަރާތަކަށް ވިއްކާލަން މި ސަރުކާރުން ނޫޅޭ ކަމަށެވެ.
"ހަނިމާދޫ އެއަރޕޯޓް ބޭރުގެފަރާތަކަށް ވިއްކާލަން ނުވަތަ ކުއްޔަށްދޭން އުޅޭ ކަމަށް ބުނެ ފަތުރަމުންދާ ވާހަކައާއި، މިކަމާއި ބެހޭގޮތުން ސިންގަޕޫރުގައި ބަޔަކާއި ބައްދަލުކުރި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ބުޙުތާނު ދޮގެއް" މިނިސްޓަރު ސައީދުގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.
އިންޑިއާ އެގްޒިމް ބޭންކް ލައިން އޮފް ކްރެޑިޓްގެ ހިލޭ އެހީގެ ދަށުން ތަރައްގީ ކުރަމުން އަންނަ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ ވިދާޅުވެފައެވެ.
އަދި އެ ޕްރޮޖެކްޓްގެ 88.7 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށާއި، އެއަރޕޯޓުގެ ރަންވޭގެ މަސައްކަތް މުޅިން ނިމިފައިވާއިރު، ޕެސެންޖަރ ޓާމިނަލްގެ މަސައްކަތުގެ 83 އިންސައްތަ ނިމިފައިވާ ކަމަށްވެސް ހައުސިން މިނިސްޓަރު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް