އާންމުކޮށް ރީތީގެ މުބާރާތް ބާއްވަނީ ޒުވާން އަންހެންކުދިންގެ މެދުގައި ކަމުގައިވީ ނަމަވެސް ދުނިޔޭގެ އެންމެ އަގުބޮޑެތި ބަކަރިތަކުގެ މެދުގައި ސެނެގާލްގައި ރީތީގެ މުބާރާތެއް ބާއްވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
މި މުބާރާތް ބާއްވަނީ ދުނިޔޭގެ އެންމެ އަގުބޮޑު ބަކަރިތަކުގެ ތެރޭގައި ހިމެނޭ ލަދޫމް ބަކަރިތަކުގެ މެދުގައެވެ. ކެއުމާއި ގުރުބާނީގެ ގޮތުގައި ބޭނުންކުރާ ބަކަރިތަކާ ހިލާފަށް ކްރޮސްބްރީޑް ލަދުމް މައިގަނޑު ގޮތެއްގައި ބެލެވިފައި ވަނީ އިޖުތިމާއީ ޝަރަފާއި ލަގްޒަރީކަމުގެ ރަމްޒެއްގެ ގޮތުގައެވެ.
ބާޒާރުގައި މި ވައްތަރުގެ ބަކަރިތައް އާންމުކޮށް ވިއްކަނީ 70،000 ޑޮލަރަށެވެ.
ކޮންމެ އަހަރަކު ލަދޫމް ބަކަރިތަކުގެ މެދުގައި ސެނެގާލްގައި ކުރިއަށް ގެންދާ ރީތީގެ މި މުބާރާތުގައި ގިނަ ބަކަރިތަކެއް ވާދަކުރާއިރު، މި މުބާރާތުގައި ތަފާތު ތިން ކެޓަގަރީއަކަށް ބަހާލައިގެން ބަކަރިތައް ވާދަކުރެއެވެ.
އެއީ ބޮޑެތި ފިރިހެން، ބޮޑެތި އަންހެން އަދި ޒުވާން/އުންމީދީ މިތިން ކެޓަގަރީންނެވެ.
ކޮންމެ ބަކަރިއެއް ވެސް ހުޅުވާލެވިފައިވާ މައިދާނަށް ގެންދިއުމުން ޖަޖުންގެ ޕެނަލަކުން އެ ބަކަރިތަކުގެ ސްކޯ ރެކޯޑް ކުރަނީ ރީތިކަމާއި ސައިޒާއި އުސްމިނާއި ހޯން އަދި ބޮޑީ ޓެކްސްޗާ ފަދަ ތަފާތު ސިފަތަކުގެ މައްޗަށް ބިނާކޮށެވެ.
އެގޮތުން މި މުބާރާތުގައި ވަނަތަކަށްދާ ބަކަރިތަކަށް ކާބޯތަކެއްޗާއި ފައިސާގެ އިނާމު ލިބެއެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މި އަހަރުގެ އެންމެ މޮޅު ފިރިހެން އެޑަލްޓް ބަކަރިއަކީ އުމުރުން 1 އަހަރާއި 7 މަހުގެ ޕްރީވޭ އެވެ. އޭނާގެ ބްރީޑަރު އަންދާޒާކުރާ ގޮތުގައި ބާޒާރުގައި އޭނާގެ އަގު 100،000 ޑޮލަރަށް ވުރެ މައްޗަށް އަރާނެ އެވެ.
އަދި މި އަހަރުގެ އެންމެ މޮޅު ޖޫނިއާ ފިރިހެން އެވޯޑް ހޯދީ އަލޫ ނަމަކަށް ކިޔާ ބަކަރިއެކެވެ.
މި ތަފާތު ޖަނަވާރަކީ 18 މިލިއަން މީހުން ދިރިއުޅޭ ހުޅަނގު އެފްރިކާގައި ދިރިއުޅުމުގެ ކަންކަން ބެލެހެއްޓުމުގައި ބޮޑު ދައުރެެއް އަދާކުރާ ޖަނަވާރެކެވެ.
އެ ޖަނަވާރުގެ ބަރުދަނުގައި 400 ޕައުންޑް ހުންނައިރު އިސްކޮޅު 4 ފޫޓާއި ހަމައަށް ހުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް