ހިޖުރައިން ލިބޭ އެއް ފިލާވަޅަކީ ކާމިޔާބީއެއް ހާސިލުކުރުމަށް ރޭވުންތެރިކަމުގެ މުހިންމުކަން: ހުކުރު ޚުޠުބާ

ހިޖުރައިން ލިބޭ އެއް ފިލާވަޅަކީ ކަމެއް ކާމިޔާބުވުމުގެ އެންމެ މުހިންމު ބަޔަކީ ކަމެއް ފެށުމުގެ ކުރީން އެ ކަމެއް ފުރިހަމައަށް ރޭވުމާއި، ކަންކަން ކުރާނެ ފަރާތްތައް ކަނޑައަޅައި ފުރިހަމައަށް ހަމަޖައްސައިފައ...

05 Jul 2024 | 09:33

ހިޖުރައިން ލިބޭ އެއް ފިލާވަޅަކީ ކަމެއް ކާމިޔާބުވުމުގެ އެންމެ މުހިންމު ބަޔަކީ ކަމެއް ފެށުމުގެ ކުރީން އެ ކަމެއް ފުރިހަމައަށް ރޭވުމާއި، ކަންކަން ކުރާނެ ފަރާތްތައް ކަނޑައަޅައި ފުރިހަމައަށް ހަމަޖައްސައިފައި ވުންކަމުގައި ހުކުރު ޙުޠުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުޠުބާގެ މަޢުލޫއަކީ "ހިޖުރައިގެ ދަރުސްތަކުގެ ތެރެއިން" މި މަޢުލޫއެވެ.

މި މަޢުލޫގައި މިއަދުގެ ހުކުރު ޙުޠުބާގައި ބުނެފައިވަނީ އަންނަ އާދީއްތަ ދުވަހަކީ ހިޖުރީ އާ އަހަރެއް ފެށޭ ދުވަސްކަމުގައިވާއިރު ކީރިތި ރަސޫލާ ﷺ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައާ މެދު  ފުންކޮށް ވިސްނައިލުމަކީ މިއަދު ކުރާންވެއްޖެ ކަމެއްކަމަށެވެ. ހިޖުރައިގެ މާނައަކީ، ތިމާގެ އަމިއްލަ ވަޒަން ދޫކޮށް އެހެން ރަށަކަށް ދިއުމަށް ވުރެ މާ ފުޅާ މާނައެއް އޮތް ކަމެއްކަމަށާއި އެ ގޮތުން ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައި ކަންތައް ދޫކޮށް ހެއުކަމުގެ މަގަށް ރުޖޫޢަވުންކަމަށެވެ.

"ކީރިތި ރަސޫލާ ﷺ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައިގައި ތަފާތު އެތައް ޢިބުރަތްތަކަކާއި ދަރުސްތަކެއް ވެއެވެ. ހިޖުރައިން ލިބޭ އަގުހުރި އެއް ފިލާވަޅަކީ ދީނަށް ޓަކައި ޤުރުބާންވުމުގެ މަތިވެރި ފިލާވަޅު، އެ ގޮތުން ބަލާ އިރު ކީރިތި ރަސޫލާ ﷺ ، އެކަލޭގެފާނު އުފަންވެ ވަޑައިގެން ބޮޑުފުޅުވި ރަށާއި ގާތްތިމާގެ ބޭފުޅުންނާއި، ޢާއިލާގެ ބޭފުޅުން ދޫކުރައްވައި މައްކާއިން ނުކުމެވަޑައިގެން މަދީނާއަށް ހިޖުރަކުރެއްވުމުގެ ދަތުރުފުޅު ފެއްޓެވީ މި ދެންނެވި ކަންކަން އިސްލާމް ދީނުގެ ދިފާޢުގައި ޤުރުބާންކުރައްވާފައި" ޚުޠުބާގައި ބުނެފައިވެއެވެ.

ހިޖުރައިން ލިބޭ އަނެއް ފިލާވަޅަކީ، ކަމެއް ކާމިޔާބުވުމުގެ އެންމެ މުހިންމު ބަޔަކީ ކަމެއް ފެށުމުގެ ކުރީން އެ ކަމެއް ފުރިހަމައަށް ރޭވުމާއި، ކަންކަން ކުރާނެ ފަރާތްތައް ކަނޑައަޅައި ފުރިހަމައަށް ހަމަޖައްސައިފައި ވުންކަން ފާހަގަކޮށް ހުކުރު ޚުޠުބާގައި ބުނެފައިވަނީ މި ގޮތުން ބަހައިލެވިފައިވާ މަސައްކަތުގެ ތެރެއިން އަބޫބަކުރުގެފާނު ކުރެއްވި އެއް ކަމަކީ ހަތަރު މަސް ކުރިން ދަތުރުގެ ސަވާރީ ތައްޔާރުކުރައްވާން ފެއްޓެވުންކަމަށާއި އެއީ ފުރިހަމަ ސިއްރިޔާތުގައި ކުރެއްވި ކަމެއްކަމަށެވެ. ހަމަ އެ ފަދައިން ހިޖުރައަށް ނުކުމެވަޑައިގަތް ރޭގައި ޢަލީގެފާނު ކީރިތި ރަސޫލާ ﷺ ގެ ދާންމަތިކޮޅުގައި އަވަހާރަފުޅުލެއްޕެވިކަމާއި މައްކާގެ މުޝްރިކުން ރަސޫލާ ﷺ އަވަހާރަކޮށްލަން ރާވައިފައިވާ ރޭގައި އެކަލޭގެފާނުގެ ދާންމަތި ކޮޅުގައި ޢަލީގެފާނު އަވަހާރަފުޅުލެއްޕެވީ ފުރާނަފުޅު ޤުރުބާންވެ ދިޔަ ނަމަވެސް ރަސޫލާ ﷺ ދިފާޢުކުރައްވައި، އިސްލާމް ދީން ދިފާޢުކުރެއްވުމުގެ މަތިވެރި މަޤްޞަދުގައިކަން ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.

"މައްކާއިން ނުކުމެ ވަޑައިގެން ޘައުރު ފަރުބަދައިގެ ހޮހަޅައިގައި އެ ބޭކަލުން ތިއްބެވި އިރު ފަރިއްކޮޅު އެރުއްވުމުގެ ކަންތައް ކުރައްވާން ޙަވާލުވެވަޑައިގަތީ އަބޫބަކުރުގެފާނުގެ ދަރިކަނބަލުން އަސްމާ رَضِيَ اللهُ عَنْهَا،  އެ ކަމަނާ ކާތަކެތި ހިއްޕަވައިގެން ވަޑައިގެން އެ ފަރުބަދައަށް އަރައިވަޑައިގެން އެ ބޭކަލުންނަށް ފަރިއްކޮޅުއެރުއްވުމަކީ ވެސް ބުރަ އަދި އެހާމެ އުނދަގޫ،  ބިރުވެރިކަން ބޮޑު ކަމެއް، އޭރު މައްކާގައި ކަން ހިނގަމުން ދިޔަ ގޮތުގެ ޚަބަރުތައް ރަސޫލާ ﷺ އާއި އަބޫބަކުރުގެފާނަށް ގެންގޮސްދެއްވީ އަބޫބަކުރުގެފާނުގެ ދަރިކަލުން ޢަބްދު الله، އަދި ތިން ރޭވަންދެން އެބޭކަލުންގެ އަރިހުގައި ކޮންމެ ރެއަކުވެސް ފަތިސްވަންދެން އެކަލޭގެފާނު އިންނަވާ" މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފައިވެއެވެ.

ހިޖުރައިން ލިބޭ ފިލާވަޅުތަކުގެ ތެރެއިން ދަތި އުނދަގޫ ވަގުތުގައި ވެސް އީމާންކަމުގެ އަހުލުވެރީން ޘާބިތުކަމާ އެކު ތިބޭނެކަމުގެ ފިލާވަޅު ހިމެނޭކަންވެސް ހުކުރު ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.

ހިޖުރައިގެ މަތިވެރި ޒިކުރާ، ގުޅިފައި ވަނީ مُحَمَّدٌ رَسُولُ اللهِ ﷺ ހިޖުރަ ކުރައްވައި، މައްކާއިން މަދީނާ އަށް ވަޑައިގަތް މަތިވެރި ޙާދިޘާއާއަށްކަން ފާހަގަކޮށް ޚުޠުބާގައި ބުނެފައިވަނީ އެއީ އިސްލާމީ ދައުލަތެއްގެ ބިންގާ އެޅުނު ދިޔަ ޙާދިޘާކަމަށާއި ކީރިތި ރަސޫލާ  ﷺ  اللهގެ މަގަށް ގޮވައިލައްވާން މައްކާގައި ތޭރަ އަހަރު ދުވަސް ހޭދަކުރެއްވިކަމަށެވެ. އެ ރަށުގެ އަހުލުވެރީންގެ ފަރާތުން މި ކަމަށް އެކަށީގެންވާ އިޖާބައެއް ލިބިވަޑައި ނުގަތުމުގެ އިތުރަށް، އެކަލޭގެފާނު އަވަހާރަކޮށްލަން އެބައިމީހުން ދިޔައީ ރާވަމުން ކަމަށެވެ. އަދި އެ ހިނދު اللهގެ އަމުރުފުޅަށް މައްކާ ދޫކުރައްވައި އެކަލޭގެފާނު މަދީނާއަށް ހިޖުރަކުރެއްވި ކަމަށާއި އެ ހިސާބުން ފެށިގެން، ފުރަތަމަ ފަހަރަށް އިސްލާމީ ދައުލަތެއްގެ ބިންގާ މަދީނާގައި އެޅިގެން ދިޔަކަމަށެވެ.

"ކަންކަމުގައި اللهއަށް ވަކީލުކުރާން ޖެހޭކަމީ، ހިޖުރައިގެ މި މަތިވެރި ޙާދިޘާއިން އަޅަމެންނަށް ލިބޭ އެންމެ މުހިންމު އެއް ފިލާވަޅު، اللهއަށް ވަކީލުކުރުމަކީ، އެއްވެސް ޙާލެއްގައި، ވަކީލުކޮށްފީމޭ ބުނެ ދެއަތް އުރައިލައިގެން ތިބުމެއް ނޫން، ވަކީލުކުރުމަކީ، ކަންކަން ކުރުމަށްޓަކައި ހުރި ވަސީލަތްތަކުގެ ބޭނުން ހިފުމާ އެކު، اللهގެ ޙަޟުރަތުން ރައްކާތެރިކަން ލިބޭނޭކަމަށް ޔަޤީންކޮށްގެން ތިބުން" ހުކުރު ޚުޠުބާގައި ބުނެފައިވެއެވެ.

މިއަދު ހުކުރު ޚުޠުބާގައި އިތުރަށް ބުނެފައިވާގޮތުގައި الله سُبْحَانَهُ وَتَعَالَى އެކަލާނގެ އަޅުތަކުންނަށްޓަކައި ހެޔޮ ޢަމަލުކުރުމުގެ ދުވަސްތައް އަހަރުގެ ތެރޭގައި ލައްވަވާފައިވެއެވެ. މި ގޮތުން މުޙައްރަމު މަހުގެ ދިހަ ވަނަ ދުވަހަކީ އެފަދަ ދުވަސްކަމާއި އެއީ އާޝޫރާ ދުވަސްކަމާއި ޢާޝޫރާ  ދުވަހު  ރޯދަ  ހިފުން  ސުންނަތް ވެގެންވާކަމާއި މާތް ނަބިއްޔާ  ﷺ މަދީނާއަށް ހިޖުރަ ކުރެއްވުމަށް ފަހު ޢާޝޫރާ ދުވަހު ރޯދަ ހިފުމަށް މުސްލިމުންނަށް އަމުރު ކުރެއްވިކަން ހުކުރު ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް