އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑާއި ގދ.މަޑަވެލީ ކައުންސިލް އިދާރާއާއި، އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން އެ ރަށުގައި މޫދު ކަސްރަތު ޕްރޮގްރާމެއް ހިންގައިފިއެވެ.
ކަނބަލުން ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށް ބާރު އެޅުމުގެ ގޮތުން އެ ރަށުގެ ކަނބަލުންނަށް ޚާއްޞަކޮށްގެން ހިންގި މި ޕްރޮގްރާމްގައި އެ ރަށުން 40 ފަރާތަކުން ބައިވެރިވެ، 36 ފަރާތެއް ވަނީ ޕްރޮގްރާމް ފުރިހަމަކުރިކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
ސިފައިން ބުނެފައިވާގޮތުގައި މި ޕްރޮގްރާމް ނިންމުމުގެ ގޮތުން އިއްޔެ މަޑަވެލީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ޕްރޮގްރާމްގައި ވަނަތައް ހާސިލުކުރި ފަރާތްތަކަށް އިނާމް ހަވާލުކޮށްދެއްވީ ގދ.އަތޮޅު ކައުންސިލް އިދާރާގެ އެސިސްޓެންޓް ކައުންސިލް އެގްޒެކްޓިވް، މަރިޔަމް ޝަޒްނާއެވެ. އަދި ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ގދ. ކާޑެއްދޫ ޕޯސްޓްގެ އޮފިސަރ އިންޗާޖް، ލެފްޓިނެންޓް ޢަލީ ރިޝްވާންއެވެ.
މި ރަސްމިއްޔާތުގައި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން މި ޕްރޮގްރާމް ކުރިއަށް ގެންގޮސްދީފައިވާތީ އެކަމުގެ އަގުވަޒަންކޮށް ގދ.މަޑަވެލި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށާއި ޕްރޮގްރާމް ހިންގުމުގައި ހަރަކާތްތެރިވި މުދައްރިބުންނަށް ހަނދާނީ ފިލާ ހަވާލުކޮށްދީފައެވެ. ގދ. މަޑަވެލި ކައުންސިލްގެ ފަރާތުން މި ފިލާ ހަވާލުކޮށްދެއްވީ އެ ކައުންސިލްގެ ރައީސް، ފިޔާޒް ޙަސަންއެވެ.
މި ޕްރޮގްރާމްގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ މުދައްރިބުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް