"އަޅުގަނޑާއި ޔާމީނު ވެރިކަމަށް ކުރިމަތި ނުލާ، އެކުގައި މަސައްކަތް ކުރަންވީ": ނަޝީދު

އެންމެ ރަނގަޅު ގޮތަކީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް އަބްދުﷲ ޔާމީންއާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ކުރިމަތި ނުލާ، އެކުގައި މަސައްކަތް ކުރުން ކަމަށް ނަޝީދު ވިދާޅުވެއްޖެއެ...

05 Jul 2023 | 18:14

އެންމެ ރަނގަޅު ގޮތަކީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް އަބްދުﷲ ޔާމީންއާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ކުރިމަތި ނުލާ، އެކުގައި މަސައްކަތް ކުރުން ކަމަށް ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ މިރޭ ބޭއްވި "ދަ ޑިމޮކްރެޓްސް" އުފެއްދުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ނަޝީދު ވިދާޅުވީ އެއްވެސް މީހަކު ޖަލުގައި އޮތުމަކީ އެއްވެސް އިރެއްގައި ރުހުނުކަމެއް ނޫން ކަމަށެވެ.

ރައީސް ޔާމީނަކީ މިދިޔަ ފަސް އަހަރު ރާއްޖޭގެ ރައީސްކަން ކުރެއްވުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމާ، ދައުލަތުގެ ވަޒީރުކަމާ، މައްޗަންގޯޅީ ވެރިކަމާ، އެތައް ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ހިދުމަތްތެރި ބޭފުޅެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގާ، މި ރިޔާސީ އިންތިހާބަށް އަޅުގަނޑުމެން ދެމީހުންވެސް ކުރިމަތި ނުލާ، އަޅުގަނޑުމެން ދެމީހުން އެކުގާ ބާރަށް މަސައްކަތް ކޮށްގެން ރާއްޖޭގެ ރައްޔިތުން މި އެދޭގޮތް އަޅުގަނޑުމެން ހޯދާދޭންވީ" ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ނަޝީދު ވަނީ މި ސަރުކާރަށާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

މިރޭގެ ޖަލްސާގައި ޑިމޮކްރެޓްސްއާއެކު އިދިކޮޅު ޕީޕީއެމްގެ މެމްބަރުންނާއި އެމްއެންޕީގެ ބައެއް މެމްބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި އެމްއެންޕީގެ ރައީސް އަދި ރިޔާސީ ކެނޑިޑޭޓް ކާނަލް ރިޓަޔަރޑް މުހައްމަދު ނާޒިމް ހިމެނިވަޑައިގަންނަވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް