އެމްޕީއެލްގެ މުވައްޒަފުންނަށް މާސްޓަރސްއާ ހަމައަށް ކިޔަވައިދެނީ

މުވައްޒަފުންނަށް ތައުލީމާއި ތަމްރީނު ދިނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން މެލޭޝިއާ ކުންފުންޏެއް ކަމުގައިވާ "ނެދަލޭންޑްސް މެރިޓައިމް ޔުނިވަރސިޓީ ކޮލެޖް" (އެމްއެމްޔޫސީ) އާއެކު އެއްބަސްވު...

05 Jul 2023 | 10:12

މުވައްޒަފުންނަށް ތައުލީމާއި ތަމްރީނު ދިނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން މެލޭޝިއާ ކުންފުންޏެއް ކަމުގައިވާ "ނެދަލޭންޑްސް މެރިޓައިމް ޔުނިވަރސިޓީ ކޮލެޖް" (އެމްއެމްޔޫސީ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުން އޮތީ މިއަދު އެމްޕީއެލް ހެޑް އޮފީހުގައެވެ.

އެމްޕީއެލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީއެވެ. އަދި އެމްއެމްޔޫސީގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ އެގްޒެކެޓިވް ޗެއަރމަން ޑަޓޯޯޯ ކެޕްޓަން ރަޒާލީ ޔާކޮބްއެވެ.

މި އެމްއޯޔޫގެ ދަށުން ޕޯޓާ ގުޅުންހުރި އެކި ދާއިރާތަކުން އެމްޕީއެލްގެ މުވައްޒަފުންނަށް ފައުންޑޭޝަން އިން ފެށިގެން، މާސްޓާސް ޑިގްރީއާ ހަމައަށް ކިޔެވުމުގެ ފުރަސަތު ލިބޭނެއެވެ. މީގެ އިތުރުން ކުރު މުއްދަތުގެ ތަމްރީނު ޕްރޮގްރާމްތަކުގައި ވެސް ބައިވެރިވުމުގެ ފުރުސަތު އެމްޕީއެލްގެ މުވައްޒަފުންނަށް ލިބިގެންދާނެއެވެ.

އަދި ދެ ފަރާތުން ލިބިގެން، މީހުން ބިނާކުރުމާއި ތަޢުލީމާއި ތަމްރީނު ދިނުމުގެ ދާއިރާތަކުން ކޮންސަލްޓަންސީގެ ބައެއް މަސައްކަތްތައް ވެސް ކުރިއަށް ގެންދާނެ ކަމަށް އެމްޕީއެލްއިން މައުލޫމާތުދެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު ވިދާޅުވީ މި އެމްއޯޔޫ އަކީ މެރިޓައިމް ޕޯޓުގެ ދާއިރާ އިން މީހުން ބިނާކުރުމަށް އެމްޕީއެލް އިން ކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށެވެ.

"ޕޯޓުގެ އެކި ދާއިރާތަކުން މަތީ ތަޢުލީމް ހާސިލްކުރުމުގެ ފުރުސަތު މި ކުންފުނީގެ ހަ މުވައްޒަފަކަށް ކޮންމެ އަހަރުވެސް ލިބިގެންދާނެ. މީގެ އިތުރުން ކުރު މުއްދަތުގެ ތަމްރީނުތައް ވެސް މުވައްޒަފުންނަށް ފޯރުކޮށްދޭނެ. މީހުން ބިނާކުރުމާއި މުވައްޒަފުންނަށް މަސައްކަތުގެ ދާއިރާގެ ތަމްރީނާއި ތަޢުލީމުގެ ފުރުސަތުތައް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއް މިއީ،" ޝާހިދު ވިދާޅުވިއެވެ.

އެންއެމްޔޫސީގެ ޗެއަރމަން ޑަޓޯ ކެޕްޓަން ރަޒާލީ ވިދާޅުވީ މިއަދަކީ "ބަދަހި ގުޅުމެއްގެ ފެށުން" ކަމަށާއި މި އެމްއޯޔޫގެ ދަށުން އެމްޕީއެލްގެ މުވައްޒަފުންނަށް ތަޢުލީމުގެ އިތުރުން، މަސައްކަތާ ގުޅޭ އަމަލީ ތަޖުރިބާ ވެސް ލިބިގެންދާނެ ކަމަށެވެ.

"މެލޭޝިއާގައި އެބަހުރި ވަރަށް ފެންވަރު ރަނގަޅު ޕޯޓުތައް. ޕޯޓްގެ ދާއިރާގައި އަޅުގަނޑުމެންނަށް ލިބިފައިވާ އަމަލީ ތަޖުރިބާގެ އިތުރުން، ޔުނިވަރސިޓީ އިން ތަޢުލީމް ހާސިލްކުރާ ފަރާތްތަކަށް މަސައްކަތުގެ އަމަލީ ތަޖުރިބާތައް ލިބޭނެ. އަޅުގަނޑުމެންގެ އަމާޒަކީ ދެ ފަރާތުން ގުޅިގެން، ދެ ފަރާތަށްވެސް ފައިދާކުރާނެ މަސައްކަތްތަކެއްކުރުން،" ޑަޓޯ ކެޕްޓަން ރަޒާލީ ވިދާޅުވިއެވެ.

ނެދަލޭންޑްސް މެރިޓައިމް ޔުނިވަރސިޓީ ކޮލޭޖް (އެންއެމްޔޫސީ) އަކީ މެރިޓައިމްގެ އެކި ދާއިރާތަކުގެ ތަޢުލީމާއި ތަމްރީނު އަދި ކޮންސަލްޓަންސީ ފޯރުކޮށްދޭ މެލޭޝިއާގެ ޔުނިވަރސިޓީއެކެވެ. މި ޔުނިވަރސިޓީގެ މައި ކެމްޕަސް ހުންނަނީ މެލޭޝިއާގެ ޖޮހޯރުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް